އައްޑޫ ސިޓީ ހިތަދޫ އާއި ހުޅުމީދޫއާ ދެމެދު އަޅަން ނިންމާފައިވާ ބްރިޖު މަޝްރޫއުގެ ދިރާސާ އާއި ކުރެހުމުގެ މަސައްކަތް ކުރުމަށް މިސްރުގެ ކުންފުންޏެއް ކަމަށްވާ “ދަ އަރަބް ކޮންޓްރެކްޓާސް” އާ ސަރުކާރުން މިއަދު ހަވާލުކޮށްފިއެވެ.
އެ މަސައްކަތް މިސްރުގެ ކުންފުންޏާ ހަވާލުކޮށްފައި ވަނީ މިހާރު ހުޅުމީދޫގައި ކުރިއަށްދާ ޖަލްސާގައެވެ. މި ޖަލްސާގައި ރައީސް ޑރ. މުހައްމަދު މުއިއްޒާއި އައްޑޫ ސިޓީގެ މޭޔަރު އަލީ ނިޒާރާއި މި ސަރުކާރުގެ ވަރަށް ގިނަ އަދަދެއްގެ ވަޒީރުން ވެސް ބައިވެރިވެވަޑައިގަންނަވައެވެ.
މި އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއި ކުރެއްވި އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. ޑރ. އަބްދުﷲ މުއްތަލިބެވެ. ދަ އަރަބް ކޮންޓްރެކްޓާސްގެ ފަރާތުން ސޮއިކުރެއްވީ އިންޖިނިއާ ހެބާ އަހުމަދު ލައިލާއެވެ.
އެ ކުންފުނިން ކުރުމަށް ހަމަޖެހިފައިވާ ކަންކަމުގެ ތެރޭގައި ބްރިޖުގެ ކުރެހުމާއި އެންވަޔަރަމަންޓަލް އިމްޕެކްޓް ސްޓޭޓްމަންޓް ނުވަތަ އެނަލިސް އަދި ޖިއޯ ޓެކްނިކަލް އިންވެސްޓިގޭޝަން ރިޕޯޓެއް ހެދުން ހިމެނޭ ކަމަށެވެ. އެ މަސައްކަތް ކުރާ އިރު، ސަރުކާރުން މިހާތަނަށް ހިންގާފައިވާ މިފަދަ ޖިއޯ ޓެކްނިކަލް ސާވޭތަކުގެ މައުލޫމާތު އެ ކުންފުންޏާ ހިއްސާ ކުރުމަށް ސަރުކާރުން ވަނީ ނިންމައިފައެވެ.
މިސްރުގެ ކުންފުނިން ކުރިއަށް އޮތް ތިން މަސް ދުވަހުގެ ތެރޭގައި އެ މަސައްކަތްތައް ނިންމަން ޖެހެއެވެ. އަދި މިސްރުގެ ކުންފުނިން ބްރިޖު އަޅަން ދާނެ ކަމަށް ލަފާ ކުރެވޭ ހަރަދު ވެސް ޕްރޮޕޯސަލެއްގެ ގޮތުގައި ހުށަހަޅަން ޖެހޭނެއެވެ.
ސަރުކާރުން ކުރިން ހާމަކޮށްފައިވާ ގޮތުގައި މިސްރުގެ ކުންފުނިން ބްރިޖުގެ ސާވޭގެ މަސައްކަތް މުޅިން ހިލޭ ކޮށްދިނުމަށް ވަނީ ނިންމައިފައެވެ. މި އަހަރުގެ ދައުލަތުގެ ބަޖެޓުގައި އައްޑޫ ބްރިޖުގެ ސާވޭ ހަދަން 30 މިލިއަން ރުފިޔާ ހިމެނިއެވެ.

