އައްޑޫގެ ތަރައްޤީއަށްޓަކައި އެ ސިޓީގައި ސަރުކާރުން ހިންގާ ތަރައްޤީގެ ބޮޑު ހަތަރު މަޝްރޫޢު ނިމުމުން އައްޑޫ ސިޓީގެ ރައްޔިތުން ތާއަބަދު އެދިއެދި ތިބި ތިޔާގިކަމާއި ފާގަތިކަން އެ ސިޓީގެ ރައްޔިތުންނަށް ލިބޭނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު އެފަދައިން ވިދާޅުވީ އައްޑޫ ސިޓީއަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން އައްޑޫ ސިޓީ ހުޅުދޫގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް މިއަދު އެ ރަށުގައި އޮތް ޖަލްސާގައި ދެއްކެވި ވާހަކަފުޅުގައެވެ. މިޖަލްސާގައި އައްޑޫ ހުޅުދޫއާއި ހިތަދޫ ގުޅުވައިދޭ ބުރިޖުގެ މަސައްކަތް ފެށުމަށްޓަކައި ކުރަންޖެހޭ ދިރާސާތަކާއި ތައްޔާރުކުރަންޖެހޭ ޑިޒައިންތައް ތައްޔާރުކުރުމާ ގުޅޭ އެއްބަސްވުމުގައި ދިވެހި ސަރުކާރާއި މިސްރުގެ “ދަ އަރަބް ކޮންޓްރެކްޓާސް”ގެ މެދުގައި ސޮއިކޮށްފައިވެއެވެ.
ބުރިޖާއެކު އައްޑޫގައި އޮންނަ ގަން އިންޓަނޭޝަނަލް އެއާޕޯޓު ވަރުގަދަ ބައިނަލްއަޤުވާމީ ވައިގެ ބަނދަރަކަށް ބަދަލުކުރުމުގެ މަސައްކަތާއި، އައްސޭރި ޓުއަރިޒަމް މަޝްރޫޢާއެކު މަދުވެގެން 6،000 އެނދު އައްޑޫގައި ޤާއިމުކުރުމާއި، ސީޕްލޭން ހަބެއް ޤާއިމުކުރުމުގެ މަސައްކަތްކުރެވުމުން އައްޑޫ ރައްޔިތުންނަށް އެ ރައްޔިތުން އަބަދު އެދެމުންދާ ފާގަތިކަން ލިބިގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އައްޑޫގައި ހިންގާ ތަރައްޤީގެ މަޝްރޫޢުތަކަކީ ގުޅިލާމެހިފައިވާ ކަންކަން ކަމަށެވެ. އެގޮތުން އައްޑޫ އެއާޕޯޓަކީ ފަތުރުވެރިކަން ކުރިއެރުވުމަށް ތަރައްޤީކުރަންޖެހޭ ކަމެއް ކަމަށެވެ. އަދި އެއާޕޯޓުގެ ތަރައްޤީގެ މަންފާ ލިބޭނީ ފަތުރުވެރިކަން ކުރިއެރުވޭނެކަމުގެ ޔަގީންކަން ލިބިގެން ކަމަށެވެ. އަދި ސީޕްލޭން ހަބަކީ ދެކުނުގެ ހަތަރު އަތޮޅުގެ ފަތުރުވެރިކަން ކުރިއެރުވުމަށް މުހިއްމު މަސައްކަތެއްކަމަށް ރައީސް ވިދާޅުވިއެވެ.
އެމަނިކުފާނު އިތުރަށް ވިދާޅުވީ އެމަނިކުފާނުގެ ވެރިކަމުގެ ފުރަތަމަ 14 ހަފުތާގައި އެމަނިކުފާނުގެ ސަރުކާރުން ކުރުމަށް ކަނޑައެޅި ހުރިހާ ކަމެއް ކުރަމުންދާ ކަމަށެވެ. އަދި ކުރިއަށް އޮތް ދުވަސްތަކުގައި މަސައްކަތްތައް ކުރިއަށްދާނީ ހަމަ އެގޮތަށް ކަމުގައި ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އެކަންކަން ހާސިލުކުރުމަށް ސަރުކާރަށް ރައްޔިތުން ފުރިހަމަ އެއްބާރުލުން ދޭނެކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ. ރާއްޖޭގައި އޮންނަ ނިޒާމަކީ ރައްޔިތުންގެ މަޖިލީހުގެ އަޣުލަބިއްޔަތު ސަރުކާރުން ނޫން ބަޔަކަށް ލިބިއްޖެނަމަ ސަރުކާރަށް ހުރަސްއެޅުމުގެ ފުރުސަތު އޮންނަ ނިޒާމެއްކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ މިވަގުތު ސަރުކާރަށް އެއްބާރުލުން ދިނުމަށް ރައްޔިތުންނަށް ކުރެއްވޭނެ އެންމެ މުހިއްމުކަމަކީ އަންނަ މަޖިލިސް އިންތިޚާބުގެ އަޣުލަބިއްޔަތު ސަރުކާރަށް ހޯދައިދިނުން ކަމަށެވެ.

