ކާބޯތަކެތީގެ ރައްކާތެރިކަން އިތުރުވި ވަރަކަށް ވިޔަފާރީގެ ފުރުސަތުތައް ފަހިވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ.
އެކަމަނާ މިހެން ވިދާޅުވީ އާމްދަނީ ހޯދުމަށްޓަކައި ގޭގައި އުފައްދައި ބަންދުކުރާ ކާބޯތަކެއްޗަށް ޚާއްޞަ ލޯގޯ އިފްތިތާޙްކޮށް ދެއްވާ ދެއްކެވި ވާހަކައިގައެވެ.
އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާގެ ލަފަޔާއެކު ބީސީސީން އިސްނަގައިގެން، މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ، އެމްއެފްޑީއޭއާ ގުޅިގެން އިފްތިތާޙުކުރި “ހޯމް ބޭސްޑް ފުޑް ޕްރޮޑިއުސަރ ލޯގޯ” އަކީ ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އެމްއެފްޑީއޭން ކަނޑައަޅާފައިވާ މިންގަނޑުތަކާ އެއްގޮތަށް އަމަލުކުރާ ފަރާތްތަކަށް ދިނުމަށް ނިންމާފައިވާ ލޯގޯއެކެވެ.
ލޯގޯ އިފްތިތާހު ކުރުމަށް ބޭއްވި ހަފްލާގައި ރައީސްގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވިދާޅުވީ، މިލޯގޯއަކީ ގޭގައި ވިޔަފާރިކުރާ ފަރާތްތަކަށް ހުޅުވާލެވޭ ފުރުސަތެއް ކަމަށެވެ.
“މިލޯގޯގެ އަސްލު މަޤްސަދަކީ ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމާ އެކު، ގޭގައި ވިޔަފާރިކުރާ ފަރާތްތަކަށް އެކަން އިތުރަށް މަގުފަހިކޮށްދިނުމަށްޓަކައި، މިހާރު ހެދިފައިވާ ބައެއް ގަވާއިދުތަކުގެ ސަބަބުން ކުރިއަށް ދިޔުމުގެ ފުރުސަތު ހަނިވެފައިވާތީ، އެކަން ފުޅާކޮށްދިނުމަށްޓަކައި އެކުލަވާލެވިގެންދިޔަ މިންގަނޑެއް،” ސާޖިދާ ވިދާޅުވިއެވެ.
ސާޖިދާ ވިދާޅުވީ މިލޯގޯ ދިނުމަށް ޚާއްސަ މިންގަނޑެއް ކަނޑައަޅާފައިވާނެ ކަމަށެވެ. މިލޯގޯގެ ސަބަބުން އިތުރު މަންފާތަކެއް ލިބޭނެ ކަމަށް ގަބޫލުކުރައްވާ ކަމަށްވެސް ރައީސްގެ އަނބިކަނބަލުން ވިދާޅުވިއެވެ. މީގެ އިތުރުން ކާބޯތަކެތީގެ ރައްކާތެރިކަން އަބަދުވެސް ގުޅިފައިވަނީ ހަމައެކަނި ޞިއްޙަތާއި ނޫން ކަމަށާއި، ވިޔަފާރިއެއް ފަހިވެގެންދިޔުމަކީވެސް އެކަމުގެ މުހިއްމު އަސާސެއް ކަމަށް ސާޖިދާ ވިދާޅުވިއެވެ.
ސާޖިދާ ވަނީ ބީސީސީން މިފަދަ ލޯގޯއެއް ތައާރަފްކުރުމުގައި އެމްއެފްޑީއޭއާއި ހެލްތު މިނިސްޓްރީ ބައިވެރިކުރުމުން އެކަމަށް ޝުކުރު އަދާކުރައްވާފައެވެ.
އާމްދަނީ ހޯދުމަށް ގޭގެއި އުފައްދައި ބަންދުކުރާ ކާބޯތަކެއްޗަށް ޚާއްޞަ ލޯގޯ ހޯދަން އެދި ހުށަހަޅަން ޖެހެނީ ދިރިތި ޕޯޓަލް މެދުވެރިކޮށެވެ.
އާމްދަނީ ހޯދަން ގޭގައި އުފައްދާ މިފަދަ އުފެއްދުންތަކުގެ ރައްކާތެރިކަން ކަށަވަރު ނުވުމަކީ އާންމު ޞިއްޙަތަށް ނުރައްކާވުމުގެ ފުރުސަތު އޮތް ކަމެއް ކަމުން މިފަދަ އުފެއްދުންތަކުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށްޓަކައި ކަނޑައަޅާފައިވާ މިންގަނޑުތަކާ އެއްގޮތަށް އެތަކެތި އުފެއްދުމަކީ އާންމު ޞިއްޙަތު ރައްކާތެރިކުރަން އެޅޭ ހަރުދަނާ ފިޔަވަޅެއްގެ ގޮތުގައި ބީސީސީން ދެކެއެވެ.
މިލޯގޯއާ ގުޅިގެން ބީސީސީންވަނީ އާމްދަނީ ހޯދުމުގެ ބޭނުމުގައި ގޭގައި ކާބޯތަކެތި އުފައްދާ ފަރާތްތައް ދަފުތަރު ކުރުމުގެ އުސޫލެއްވެސް އެކުލަވާލާފައެވެ.

