ރ. ފައިނުން ތިން މީހަކު ފައިލޭރިޔާ (ފައިފަލަ ބަލި) އަށް ޕޮޒިޓިވްވެއްޖެއެވެ.
އެ ރަށު ކައުންސިލުން މިއަދު ނެރުނު ނޯޓިސް އެއްގައި ބުނެފައިވާ ގޮތުން އެ ރަށުގައި އުޅޭ ބިދޭސީން ފައިލޭރިއާއަށް ސްކްރީން ކުރިއިރު، އެ ބައްޔަށް ޕޮސިޓިވް ވެފައިވާ ތިން މީހަކު ވަނީ ފެނިފައެވެ.
އަދި މިކަމާ ގުޅިގެން އަޅަން ޖެހޭ ފިޔަވަޅުތައް އެ ރަށު ކައުންސިލާއި ސިއްޚީ މަރުކަޒުން ގުޅިގެން އަޅަމުން އަންނަ ކަމަށް އެ ނޯޓިސްގައި ބުނެފައި ވެއެވެ.
ރ. ފައިނުން ފައިލޭރިއާއަށް ޕޮޒިޓިވް ކޭސްތަކެއް ފެނިފައިވާއިރު، ދާދި ފަހުން ވަނީ މާލޭ ސަރަހައްދުންވެސް ބަޔަކު ވަނީ މި ބައްޔަށް ޕޮޒިޓިވްވެފައެވެ.
ރާއްޖެއިން ނައްތާލެތިވެފައިވާ ކަމަށް ކަނޑައަޅާފައިވާ ފައިލޭރިއާ ބަލި ޖެހިފައިވާ ބަޔަކު ރާއްޖޭގެ އެކި ސަރަހައްދުތަކުން ފެނިފަިއވާތީ، އެޗްޕީއޭއިން ވަނީ މުޅި ރާއްޖޭގައިވެސް ފައިލޭރިއާ ޓެސްޓު ކުރުމުގެ މަސައްކަތް ފަށާފައެވެ.
ނަޖިސް ފެނުގައި އާލާވާ ކިއުލެކްސް އޭ ކިޔާ މަދިރީގެ ބާވަތަކުން ފެތުރޭ މިބަލީގެ އާންމު އަލާމާތަކީ ފައި ދުޅަވުން ނަމަވެސް، މި ބަލި ޖެހުމަށްފަހު އެތައްދުވަހެއް ވަންދެން ވެސް ބަލީގެ އެއްވެސް އަލާމާތެއް ނުފެނި ހުރެއެވެ.

