ނިރުބަވެރި އިސްރާއީލުން ފަލަސްތީނުގެ ޣައްޒާއަށް ހުއްޓުމެއް ނެތި ދެމުންގެންދާ ހަމަލާތަކުގައި ޝަހީދުވި މީހުންގެ އަދަދު 29،000 އަށް މިއަދު އަރައިފިއެވެ.
އޮކްޓޯބަރު މަހުގެ ހަތް ވަނަ ދުވަހުން ފެށިގެން ނިރުބަވެރި އިސްރާއީލުން ޣައްޒާގައި ހިންގަމުންދާ ގަތުލު އާންމުގައި އެތައް ބަޔަކު ޝަހީދުކޮށްލާފައި ވާއިރު، ޒަހަމްވި މީހުންގެ އަދަދުތައްވެސް ކޮންމެ ދުވަހަކު ދަނީ އިތުރުވަމުންނެވެ.
ޣައްޒާގެ ސިއްހަތާ ބެހޭ ވުޒާރާއިން ބުނީ ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އިސްރާއީލުން ޣައްޒާއަށް ދިން ހަމަލާތަކުގައި ފަލަސްތީނުގެ 107 މީހުން ޝަހީދުވެފައިވާއިރު، އޮކްޓޯބަރު މަހުގެ ހަތް ވަނަ ދުވަހުން ފެށިގެން ޣައްޒާގައި ޝަހީދުވި ކަމަށް ރެކޯޑް ކުރެވިފައިވާ މީހުންގެ އަދަދު 29،092 އަށް އަރާފައިވާ ކަމަށެވެ.
އެ ވުޒާރާގެ ޓެލެގްރާމް ޗެނަލްގައި ބުނެފައިވާގޮތުން އިސްރާއީލުން އެ ސަރަހައްދުގައި ވަރުގަދަ ކެމްޕޭނެއް ފެށި ފަހުން މިހާތަނަށް ޖުމްލަ 69،028 މީހުން ޒަހަމްވެފައި ވެއެވެ.
އެ ވުޒާރާއިން ބުނެފައިވާގޮތުގައި އިސްރާއީލުގެ ސިފައިން ދަނީ އެމްބިއުލާންސާއި ސިވިލް ޑިފެންސް ކްރޫންނަށް ޒަހަމްވި ބައެއް މީހުންނާއި އިމާރާތުގެ ދަށުގައި ތިބި މީހުންނާ ހަމައަށް ދިއުމަށް ހުރަސް އަޅަމުންނެވެ.
ހަނގުރާމައިގެ ސަބަބުން ހަލާކުވެފައިވާ މުޅި ސަރަހައްދުގައި އެތައް ހާސް ބައެއްގެ ހަށިތައް ވަޅުލާފައިވާ ކަމަށް ބެލެވޭއިރު، މިހާރުވެސް 7،000 އަށް ވުރެ ގިނަ މީހުން ތިބީ އިމާރާތްތަކުގެ ދަށުވެފައި ކަމަށް ބުނެފައި ވެއެވެ. އޭގެތެރެއިން 4،900 އަށް ވުރެ ގިނަ މީހުންނަކީ އަންހެނުންނާއި ކުޑަކުދިންނެވެ.

