މޯލްސްޑިވްސް ކަސްޓަމްސް ސަރވިސް އިން ދެމުން ގެންދާ ޚިދުމަތްތައް ފުޅާކޮށް ހަރުދަނާ ކުރުމަށް 4 ޚިދުމަތެއް އިފްތިތާހުކޮށްފިއެވެ.
ކަސްޓަމްސް ހެޑް އޮފީހުގައި ބޭއްވި ރަސްމިއްޔާތުގައި މި 4 ޚިދުމަތް އިފްތިތާހުކޮށްދެއްވީ ކޮމިޝަނރ އޮފް ކަސްޓަމްސް ޔޫސުފް މާނިއު މުހައްމަދުއެވެ.
ކަސްޓަމްސް ސަރވިސްއިން އިފްތިތާހު ކުރި ޚިދުމަތްތަކުގެ ތެރޭގައި އޮންލައިން ކޭސް ޑިކްލަރޭޝަން، އެޑްވާންސް އީ-އެޖެންސީ ހުއްދަ، ވިޔަފާވެރިންނަށް ތަފާސްހިސާބު އޮންލައިންކުރުމާއި ކުރިއަރ ކާގޯ މެނޭޖްމަންޓް ސިސްޓަމް ޚިދުމަތް ހިމެނެއެވެ.
މިރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ކޮމިޝަނަރ އޮފް ކަސްޓަމްސް ޔޫސުފް މާނިއު މުހައްމަދު ވިދާޅުވީ ކަސްޓަމްސްގެ ހުރިހާ ޚިދުމަތެއްވެސް ބައްޓަން ކުރަނީ ރައްޔިތުންނަށް އެންމެ ލުއި ފަސޭހަވާނެ ގޮތަށް ކަމަށެވެ. އެގޮތުން ކަސްޓަމްސްއިން ދެމުން ގެންދާ ޚިދުމަތްތައް ޑިޖިޓަލް ކުރުމާއި ވީހާވެސް ބޮޑަށް ޕޭޕަރލެސްކޮށް ކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށް މާނިއު ވިދާޅުވިއެވެ.
“މިހާރު ތިބޭފުޅުންނަށް ފެނިވަޑައިގަންނަވާނެ މަސައްކަތް މިކުރަނީ ހުރިހާ ގޮތަކުންވެސް އޮޓޮމޭޓްކޮށް ޑިޖިޓަލްކޮށް ހުރިހާ ކަމެއް ކުރުމަށް. ޕޭޕާރލެސްކޮށް ކުރެވޭނެ ގޮތްވެސް އެބަ ހަދަން. އެގޮތުން ހުރިހާ ކަމެއް ނިންމާނީ އޭއައި ބޭނުންކޮށްގެން” މާނިއު ވިދާޅުވިއެވެ.
ކަސްޓަމްސް ސަރވިސްއިން ތައާރަފް ކުރި އޮންލައިންކޮށް ކޭސް ޑިކްލަރޭޝަންގެ ޚިދުމަތުގެ ސަބަބުން ދުރާލާ ކަސްޓަމަރުންނަށް ޑިކްލަރޭޝަން ހުށައެޅޭނެއެވެ. ކުރިއަރ ކާގޯ މެނޭޖްމަންޓް ސިސްޓަމް އޮންލައިން ކުރުމުން ޕެކޭޖެއް ނުވަތަ ޕާރްސަލެއް ރާއްޖެ އަންނަ ހިސާބުން އެ ޕެކޭޖެއްގެ ސްޓޭޓަސް އަފްޑޭޓް ވަގުތުން ބަލާލެވޭނެއެވެ. މިއީ އޮންލައިންކޮށް މުދާ ގެންނަ ފަރާތްތަކަށް ލިބިގެންދާނެ ވަރަށް ބޮޑު ލުޔެއްކަމަށް ކަސްޓަމްސްއިން ވިދާޅުވެއެވެ.
މީގެ އިތުރުން ކަސްޓަމްސްއިން މުދާ ކްލިއާ ކުރާއިރު ބޭނުންވާ އެޑްވާންސް އީ-އެޖެންސީ ހުއްދަ ކަސްޓަމްސްގެ ޕޯޓަލް މެދުވެރިކޮށް ފަސޭހަކަމާއެކު ލިބޭނެ އިންތިޒާމް މިހާރު ވަނީ ހަމަޖެހިފައެވެ. ކަސްޓަމްސްއިން ވިދާޅުވީ މިޚިދުމަތުގެ ސަބަބުން މުދާ ކްލިއާ ކުރުމަށް ނަގާ ވަގުތު ބޮޑުތަނުން އަވަސްވާނެ ކަމަށެވެ.
ކަސްޓަމްސް ސަރވިސްއިން ތައާރަފް ކުރި އަނެއް ޚިދުމަތަކީ ވިޔަފާވެރިންނަށް ތަފާސްހިސާބު އޮންލައިން ކުރުމުގެ ޚިދުމަތެވެ. ކަސްޓަމްސްއިން މައުލޫމާތުދިން ގޮތުގައި ތަފާސް ހިސާބު ބޭނުންވާ ފަރާތްތަކަށް ބޭނުން ވަގުތަކު ބޭނުންތާކު ހުރެގެން މި ޚިދުމަތް މިހާރު ހޯދޭނެ ކަމަށެވެ.

