ރާއްޖޭގައި ރައްޔިތުން ވޯޓު ދީގެން އިންތިހާބުކޮށްފައިވާ ވެރިކަން ފުރޮޅާލައި އަމިއްލަ މަސްލަހަތު ކުރިއެރުވުމަށް ޖާގަ ނުދެވޭނެ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.
ދެކުނުގެ ހަތަރު އަތޮޅަކަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ފެއްޓެވި ދަތުރުފުޅުގައި ފުވައްމުލައް ސިޓީ އަށް ވަޑައިގެން އެ ރަށުގައި ބޭއްވެވި ޖަލްސާގައި ޝަހީމް ވިދާޅުވީ މި ޒުވާން ޖީލުގެ ވެރިކަން ގައުމުގައި ނެގެހެއްޓުމަށްޓަކައި ރައްޔިތުން ހިތްވަރާއި އަޒުމާ އެކީގައި އެކަތިގަނޑަކަށްވެ، ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިހުގެ އިންތިހާބު ރައީސަށް ކާމިޔާބުކޮށް ދިނުމަށް މަސައްކަތް ކުރަން ޖެހޭ ކަމަށެވެ.
“ޒުވާން ޖީލުގެ ވެރިކަމަށް ފުރުސަތު ދޭން ޖެހޭ، އިންސާފުވެރި ވާން ޖެހޭ. ލީޑަރުން ވެސް އިންސާފުވެރި ވާން ޖެހޭ ދިވެހި ގައުމާ މެދުގައި. މިއީ އެއްވެސް ބައެއްގެ އަމިއްލަ ތަރިކައެއް ނޫން. ތިމާ ބޭނުންވާ ގޮތަކަށް ބޭނުންހާ އިރެއްގައި ރާއްޖޭގައި ކުރަން ގާއިމުވެފައި ހުންނަ ވެރިކަން، ރައްޔިތުން އިންތިހާބުކޮށްފައި ހުންނަ ވެރިކަންތައް ފުރޮޅާލައި އަމިއްލަ މަސްލަހަތު ކުރިއެރުވުމަށްޓަކައި ޖާގައެއް ނުދެވޭނެ،” ޝަހީމް ވިދާޅުވިއެވެ.
ޝަހީމް ވިދާޅުވީ ރައީސް ޑރ. މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވި ވަގުތަކީ 120 ބިލިއަން ރުފިޔާ އިން ރާއްޖެ ދަރުވާލާފައި އޮތް ވަގުތެއް ކަމަށެވެ. މި ދަރަނީގެ ތެރޭގައި އެތެރޭގެ ދަރަނި ނުހިމެނޭ ކަމަށާއި ވެރިކަމަށް 13 ހަފްތާވެގެން ދިޔައިރު، ގައުމު ސަލާމަތުގެ އައްސޭރިއަކަށް ގެންދިއުމަށް އެމަނިކުފާނު ވަރަށް ބޮޑަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ޝަހީމް ވިދާޅުވިއެވެ.
“ރާއްޖޭގެ އެތެރޭގެ ދަރަންޏަށް ބަލާއިރު، މުއައްސަސާތައް އޮތީ ދަރާ. ވުޒާރާތައް އޮތީ ދަރާ. ކުންފުނިތައް އޮތީ ދަރާ. މީގެއިތުރުން ރާއްޖޭގެ ގައުމީ ވަހްދަތު، ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތަށް އޮތީ ލޮޅުން އަރާފައި. މިކަންކަމުން ދިވެހި ގައުމު ސަލާމަތް ކުރުމަށްޓަކައި ހިންމަތާއި ހިތްވަރާއި ކެތްތެރިކަމާއެކު މަސައްކަތް ކުރައްވަމުން ގެންދަވާ ޒުވާން ވަރު ހުރި ރައީސެއްގެ ވެރިކަން 13 ހަފްތާގެ ތެރޭގައި ގުޑުވާލަން މަސައްކަތް ކުރަނީ އެއީ ކީއްވެގެންތޯ؟” ޝަހީމް ވިދާޅުވިއެވެ.
ޝަހީމް މިހެން ވިދާޅުވިއިރު އެ މަނިކުފާނު ވަނީ މީގެ ކުރިން އައްޑޫގައި ބޭއްވި ޖަލްސާއެއްގައި ވެސް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަން ފުރޮޅާލަން ފުރުސަތު ނުދެއްވާނެކަމަށް ތަކުރާރުކޮށް ވިދާޅުވެފައެވެ.

