ސިޓީތަކާއި ރަށްރަށުގެ ކައުންސިލުތަކަށް އާމްދަނީ ހޯދުމަށް ފަޅުރަށްތައް ހޯދުމަށް ހުޅުވާލި ފުރުސަތުގެ ދަށުން ރަށެއް ހޯދައިދިނުމަށް ފުވައްމުލަކު ސިޓީއަށް ސަރުކާރުގެ ހާއްސަ އެހީތެރިކަމެއް ދޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ދެކުނުގެ ރަށްތަކަށް ރައީސް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން ފުވައްމުލަކު ސިޓީއަށް ވަޑައިގެން، ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުން އެމަނިކުފާނު ރޭ ވިދާޅުވީ ކައުންސިލުތަކަށް ނަފާ ހޯދައިދިނުމަށް ގަވާއިދެއް ތައާރަފުކޮށްފައިވާނެ ކަމަށާއި އެއީ ކައުންސިލުތަކަށް ފަޅުރަށެއް ހޯދައިގެން އާމްދަނީ ހޯދުމުގެ ފުރުސަތު ކަމަށެވެ.
“މި ސިޓީގެ ކައިރިއަކު ނެތް ފަޅުރަށެއް. ގަވާއިދުގައި އޮންނާނީ އެހެން އޮންނަ ހާލަތްތަކުގައި ވެސް ރާއްޖޭގެ ކޮންމެ ދިމާލަކުން ރަށެއް ހޯދިޔަސް، އެ އޮންނަ އުސޫލުން ހޯދައިގެން އެކަން ކުރުމުގެ ފުރުސަތު ދޭނެ ކަމަށް. މިވަގުތު ގެޒެޓުގައި އޮންނާނީ ވަރަށް މަދު އަދަދެއްގެ ރަށްތަކެއްގެ ނަންތައް. އެހެންނަމަވެސް އެއީ އިތުރުކުރެވޭނެ ލިސްޓެއް. އިތުރުކުރެވި، އިރާދަކުރެއްވިއްޔާ ރާއްޖޭގެ ހުރިހާ ކަންކޮޅެއްގައި މިގޮތަށް ރަށްތައް ދީ، ފުރުސަތު ހުޅުވާލާނީ،” އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އޭރުން ކައުންސިލުތަކަށް އެ ދެވެނީ އަމިއްލައަށް އާމްދަނީ ހޯދުމުގެ ފުރުސަތު ކަމަށާއި ކައުންސިލުން ޖެހޭނީ އެ ރަށެއްގެ ރައްޔިތުންނާ ބައިވެރިވެ، ރަށްރަށުގެ ރައްޔިތުންގެ ކުދި ކުންފުނިތަކާ ގުޅެން ކަމަށެވެ. އަދި ގުޅިގެން އެ އަންނަ ޕްރޮޕޯސަލްތަކުގެ ތެރެއިން އެ ފަޅުރަށުގައި އިންވެސްޓުކުރެވޭނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ފުވައްމުލަކަށް ވެސް ކައިރީގެ އަތޮޅަކުން ވިޔަސް، އެ ފުރުސަތު ހޯދުމަކީ މަރުހަބާ ކިޔާ ކަމެއް ކަމަށާއި ހުވަދުއަތޮޅުން ނުވަތަ އެހެން ސަރަހައްދަކުން ވިޔަސް ފުވައްމުލަކަށް އެކަން ކުރުމުގައި ދޭން ޖެހޭ ހުރިހާ އެއްބާރުލުމެއް ދެއްވާނެ ކަމަށެވެ. އަދި ވީހާވެސް އަވަހަކަށް ފުވައްމުލަކަށް ފަޅުރަށެއް ހޯދުމުގެ މަސައްކަތްކުރައްވާނެ ކަމަށް ވިދާޅުވިއެވެ.
“އެކަމުގެ މަގުފަހިކޮށްދޭނަން އިރާދަކުރެއްވިއްޔާ. ކޮށްދީގެން އިރާދަކުރެއްވިއްޔާ ތިބޭފުޅުން ތިޔަ އެދިވަޑައިގަންނަވާ ގޮތަށް، މަދުވެގެން އެއް ރަށް މި ދަންނަވަނީ، އަދި އެއަށްވުރެ ގިނަ ރަށްތައް ވެސް ހޯދޭނެ. ހޯދުމަށްޓަކައި ވަރަށް ބޮޑު އެހީތެރިކަމެއް ދޭނަން، އިރާދަކުރެއްވިއްޔާ އެކަން ހާސިލުކޮށްދޭނަން. ހާސިލުކޮށްދެވުނީމަ ރަށުގެ ވިޔަފާރިތަކާއި ކައުންސިލާ ގުޅިގެން މި ދެންނެވި ހޯދާ ރަށުގައި ތިބޭފުޅުން އިންވެސްޓުކުރައްވަންވީ،” އެމަނިކުފާނު ވިދާޅުވިއެވެ.
ކައުންސިލްތަކަށް ފަޅުރަށް ދޫކުރުމުގެ މަޝްރޫއުގެ ދަށުން ރާއްޖޭގެ 25 ފަޅުރަށެއް ދޫކުރުމަށް ސަރުކާރުން ވަނީ ނިންމާފައެވެ.

