ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ރިޔާސީ އިންތިހާބުގެ ކެމްޕެއިނުގައި ވައުދުވެވަޑައިގެންނެވި ގޮތަށް އަދި އެމަނިކުފާނުގެ ސިޔާސަތުތަކުގައި ބަޔާންކޮށްފައިވާ ގޮތަށް މަސްވެރިން އަތުން ގަންނަ މަހަށްވާ ފައިސާ 48 ގަޑިއިރުތެރޭ ދޭ ވައުދު، ދައުރުގެ ކުރީކޮޅުގައި ފުއްދާނެ ކަމަށް މަސްވެރިކަމާއި ބެހޭ ވަޒީރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
ޝިޔާމް މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ރައްޔިތުންގެ މަޖިލިހުގެ ދުވާފަރު ދާއިރާގެ މެމްބަރު އިސްމާއިލް އަހުމަދު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.
މަސް ކިރާތާ 48 ގަޑިއިރުގެ ތެރޭގައި މަހުގެ ހަމަ އަގު މަސްވެރިންނަށް ދޭނެ ކަމަށް ކެމްޕެއިންގައި ރައީސް މުއިއްޒު ވައުދުވެވަޑައިގެންނެވި ނަމަވެސް 48 ދުވަސް ފަހަނައަޅައި ދިޔައިރު ވެސް ފައިސާ ދައްކާފައި ނުވާ ކަމަށް މެމްބަރު އިސްމާއީލް އަހުމަދު ވަނީ ވިދާޅުވެފައެވެ. އަދި މަސްވެރިންނަށް ދަތި ނުވާ ގޮތަށް 48 ގަޑިއިރު ތެރޭގައި ފައިސާ ދެވޭނެ އުސޫލު އެކުލަވާލައި ދާއިމީ ހައްލެއް ގެނައުމަށް ގެންގުޅުއްވާ ވިސްނުމަކީ ކޮބައިތޯ ވަޒީރާ ސުވާލުކުރެއްވިއެވެ.
މިސުވާލުގެ ޖަވާބުގައި ވަޒީރު ޝިޔާމް ވިދާޅުވީ ކުރީ ސަރުކާރާއި ހިލާފަށް މި ސަރުކާރުގެ ކުރީ ކޮޅުގައި ވައުދުތައް ފުއްދަމުންދާނެ ކަމަށާއި މަސްވެރިންނަށް 48 ގަޑިއިރުތެރޭ ފައިސާ ދޫކުރާ ވައުދުވެސް ވަރަށް އަވަހަށް ފުއްދާނެ ކަމަށެވެ.
“އިރާދަކުރެއްވިއްޔާ މަސްކިރުމަށްފަހު 48 ގަޑިއިރު ތެރޭގައި މަސްވެރިންނަށް ފައިސާ ދިނުމަށް އަޅުގަނޑުމެން އަމާޒު މިހުރީ ހިފާފަ، އަޅުގަނޑުމެން މިއުޅެނީ ދައުރުގެ ކުރީކޮޅު ވައުދުތައް ފުއްދޭތޯ.” މިނިސްޓަރު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ ކުރީ ސަރުކާރުން ދައުރު ނިމެން މަދު ދުވަސްކޮޅަކަށްވެފައިވަނިކޮށް މަހުގެ އަގަށް ގެނައި ބޮޑު ބަދަލާއި ގުޅިގެން މަސްވެރިންނަށް ފައިސާ ދޫކުރުމުގައި ދަތިތަކާއި ކުރިމަތި ވަނީ ކަމަށާއި ސަރުކާރަށް މާލީ ގޮތުން ބޮޑެތި އުނދަގޫތަކެއް އެބަހުރި ކަމަށެވެ. އަދި ސަރުކާރުން މިހާރު މަސް ގަންނަމުންދަނީ 6 ރުފިޔާގެ ގެއްލުމުގައި ކަމަށްވެސް ޝިޔާމް ވަނީ ވިދާޅުވެފައެވެ.
“މަހުގެ އަގަށް މިގެނެވުނު ބަދަލާއެކީގައި ހަޤީގަތުގައި ދައުލަތަށް އޮތީ ބުރައަކަށްވެފައި، އެހެންނޫންނަމަ މިދިޔަ ސަރުކާރުން ވެސް އޭރުގަ މަސްވެރިންނަށް ދައްކަން އޮތް ފައިސާ 200 މިލިޔަނަށްވުރެ މަތީގައި އުޅޭނެކަން ހަމަޔަޤީން.” ޝިޔާމް ވިދާޅުވިއެވެ.
މަސްވެރިން އަތުން ގަންނަ މަހަށް ފައިސާ ނުލިބޭތީ އެކަމާ މަސްވެރިން ދަނީ ނުރުހުން ފާޅުކުރަމުންނެވެ. މި މައްސަލައިގައި މަސްވެރިން ކޫއްޑޫ އަދި އައްޑޫގައި މުޒާހަރާ ކުރުމުން ވަޒީރު ވިދާޅުވެފައިވަނީ މި މަހުގެ 26 ކުރިން 100 މިލިއަން ރުފިޔާ މަސްވެރިންނަށް ދީ ނިންމާނެ ކަމަށާއި އަންނަ މަހުގެ ފަހެއްގެ ކުރިން ހުރިހާ ފައިސާއެއް މަސްވެރިންނަށް ދޫކުރާނެ ކަމަށެވެ.

