މިފްކޯ މިހާރު އޮތް ހާލަތަށް ދިޔުމުގައި އެންމެ ބޮޑު ދައުރެއް އަދާކުރީ ކުރީ ސަރުކާރު ތަކުގެ ނުފޫޒް ކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ވަޒީރު ހާޒިރުވެވަޑައިގެންނެވިއިރު މެންބަރުން ވަނީ މަސްވެރިން މުޒާހަރާކުރަމުންދާއިރު ވަގުތުން ފައިސާ ނުދެވެންވީ ކީއްވެގެންތޯއާއި، އަދި މަސްވެރިންގެ ކަންބޮޑުވުންތަކާއި، މިކްފޯއާއި ގުޅޭގޮތުން ވަޒީރާއި ސުވާލުކުރައްވާފައެވެ. އެގޮތުން، ވިލިނގިލީ ދާއިރާގެ މެމްބަރު ސައުދު ހުސައިން ވަނީ، މަސްވެރިންނަށް ދުވަހުން ދުވަހަށް ދޭންޖެހޭ ފައިސާ ސަރުކާރުން ނުދެވިގެން އުޅެނީ ކީއްވެތޯ އަައްސަވާފައެވެ.
މިސުވާލަށް ޖަވާބުދެއްވަމުން ވަޒީރު ވިދާޅުވީ، މަސްވެރިންނަށް ދޭންޖެހޭ ފައިސާ ނުދެވިގެން އުޅެނީ އެ ކުންފުނީގެ ހާލަތު ގޯސްވެފައި އޮތުމުންކަމަށެވެ. އަދި މިހާތަނަށް މިފްކޯ ގޮސްފައިވަނީ ކުރީ ސަރުކާރުތަކުން މިފްކޯއަށް ނުފޫޒު ފޯރުވައިގެންކަމަށެވެ. އެހެންނަމަވެސް މި ސަރުކާރުން އެކަމަށް ޖާގަ ނުދެއްވާނެކަމަށް ވަޒީރު ވިދާޅުވިއެވެ.
“ބައެއް މަސްވެރިން އެބަ ވިދާޅުވޭ. ވަކިން ހާއްސަކޮށް ހުވަދޫއަށް ދިޔައީމަ ހުވަދޫ މަސްވެރިން އެބަ ވިދާޅުވޭ، ކީއްވެގެންހޭ މިވެނި މީހެއްގެ ނުފޫޒާއި ބާރުން މިވެނި މީހަކު ބޭނުންވާ ގޮތަށް މަގާމުތަކަށް މީހަކު ލައިގެން އުޅެނީ. އަޅުގަނޑުމެން މިއުޅެނީ މިކަން ހުއްޓާލަން. މިކަން އަޅުގަނޑުމެން ހުއްޓާލަން އުޅޭތީ އެއުޅެނީ އުނދަގޫވެގެން. އަޅުގަނޑުމެން މިއުޅެނީ މިފްކޯ ރީ ސްޓްރަކްޗަރކުރަން. އަޅުގަނޑުމެން މިއުޅެނީ މިފްކޯ ރިފޯމް ކުރަން. މުޒާހަރާގައި ތިބި ހުރިހާ މަސްވެރިންނާ އަޅިގަނޑު މިއައީ ބައްދަލުކޮށްފަ. ވަކިން ހާއްސަކޮށް ހުވަދޫގެ މަސްވެރިންނާ އަޅުގަނޑު މިއައީ ބައްދަލު ކޮށްފަ. އެބޭފުޅުންގެ މައިގަނޑު ޝަކުވާގެ ވާހަކަ އަޅުގަނޑު މި ދެންނެވީ، މިތަން އަޅުގަނޑުމެންނަށް ހައްލުކޮށްދީބަލާށޭ. ވަކި މެމްބަރެއްގެ ނުފޫޒުން މިތަން އަޅުގަނޑުމެންނަށް ސަލާމަތްކޮށްދީބަލާށޭ. ތިމަންނަމެން މިކުރާ މަސައްކަތުގެ އުޖޫރަ ތިމަންނަމެންނަށް ލިބެނީ މިތަން ހަރަދުކުޑަކޮށްގެންނޭ.” ޝިޔާމް ވިދާޅުވިއެވެ.
މިފްކޯ އެގޮތަށް ހިންގަން މި ސަރުކާރުން ޖާގައެއް ނުދޭނެކަމަށް ވަޒީރު ވަނީ ތަކުރާރުކޮށް ވިދާޅުވެފައެވެ.
ވަޒީރު އިތުރަށް ވިދާޅުވީ، މަސްވެރިންނަށް ދައްކަންޖެހޭ ފައިސާގެ ތެރެއިން 100 މިލިއަން ރުފިޔާ މިމަހު 26 ގެ ކުރިން މަސްވެރިންނަށް ދޭނެކަމަށެވެ. އަދި މާޗް މަހުގެ ފަސް ވަނަ ދުވަހުގެ ކުރިން މަސްވެރިންނަށް ދައްކަންޖެހޭ ފައިސާ ދައްކާ ހަލާސްކުރައްވާނެ ކަމަށް ވިދާޅުވިއެވެ.

