ގާކޮށީގެ ޕާކިން ޒޯނުން ބައެއް ހިމެނޭ ގޮތަށް ބަންދުކޮށްފައިވާ ސަރަޙައްދު ހުޅުވާލަން ނިންމައިފިއެވެ.
ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސެއިން ފަހުމީ މިއަދު “އެކްސް” ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގެ ހަރުދަނާ ސިޔާސަތުތަކާއި އެއްގޮތަށް ރައްޔިތުންނަށް ތަކުލީފަކަށް ވެފައިވާ ކަންކަމަށް ހައްލު ހޯދައިދިނުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ގާކޮށީގެ ޕާކިން ޒޯނުން ބައެއް ހިމެނޭގޮތަށް ސްޓެލްކޯއިން ބަންދުކޮށްފައިވާ ސަރަޙައްދު މި ހަފްތާ ނިމުމުގެ ކުރިން ހުސްކޮށް އެތަން އާންމުންނަށް ހުޅުވާލުމަށް ނިންމައިފައިވާ ކަމަށެވެ.
ސްޓެލްކޯއަކީ ރައްޔިތުންގެ ދިރިއުޅުމުގެ އެންމެ އަސާސީ ޚިދުމަތުގެ ބައިވެރިޔާއަށް ވާއިރު، އެ ކުންފުންޏަކީ، ރައްޔިތުންނާއި ވީހާވެސް ގާތުން މަސައްކަތްކޮށް، ރައްޔިތުންގެ އިތުބާރު ލިބިފައިވާ ކުންފުންޏަކަށް ހެދުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން މިފަދަ ގިނަކަންކަމަށް ހައްލު ހޯދައިދެމުންދާ ކަމަށް ވެސް ފަހުމީ ވިދާޅުވިއެވެ.
ފަހުމީ މިފަދައިން ވިދާޅުވެފައިވާއިރު ހަތް އަހަރު ފަހުން ހިރިޔާ ސްކޫލުގެ އުތުރުން އޮންނަ ސަބްދެލި މަގު ވެސް ވަނީ ހުޅުވާފައެވެ.
އެ މަގު ހުޅުވާފައި ވަނީ އެތަނުގައި ހުރި ތަކެތި ނަގާ، އަލުން ގައު އަތުރައިގެންނެވެ. އެ މަސައްކަތް ކޮށްފައި ވަނީ އިމާރާތްކުރުމާއި ބިނާރާ ބެހޭ ވުޒާރާ އާއި އާރްޑީސީ ގުޅިގެންނެވެ.
ސަބްދެލި މަގު ބަންދު ކުރީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި 2016 ވަނަ އަހަރުއެވެ. އެއިރު އެ މަގު ބަންދު ކުރީ އެތަނުގައި ރިސޯޓް ކޮންސެޕްޓަށް ތަރައްގީ ކުރަން އުޅުނު މަތީ ފެންވަރުގެ ލަގްޒަރީ އެޕާޓްމަންޓްތަކުގެ މަޝްރޫއުގެ މަސައްކަތް ފެށުމަށެވެ.

