އިޓާލިއަން ލީގުގެ އެންމެ ފަހުގެ ޗެމްޕިއަން ކަމަށްވާ ނަޕޯލީގެ ކޯޗުކަމުން ވޯލްޓާ މަޒާރީ ވަކިކޮށްފި އެވެ.
އިޓަލީ އަށް ނިސްބަތްވާ މަޒާރީ އަކީ މި ސީޒަންގައި ނަޕޯލީގެ ކޯޗުކަމުން ވަކިކުރި ދެ ވަނަ ކޯޗެވެ. މަޒާރީ ނަޕޯލީގެ ކޯޗުކަމާ ހަވާލުވީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ރޫޑީ ގާސިއާ އެ މަގާމުން ވަކިކުރުމުންނެވެ. މަޒާރީ މަގާމުން ވަކިކުރިއިރު، ނަޕޯލީ ވަނީ އިޓާލިއަން ލީގުގެ ނުވަ ވަނައަށް ވެއްޓިފައެވެ. މަޒާރީގެ އިރުޝާދުގެ ދަށުން ނަޕޯލީ ކުޅުނު 12 ލީގު މެޗުން ލިބުނީ އެންމެ 15 ޕޮއިންޓެވެ.
މަޒާރީ ކޯޗުކަމުން ވަކިކުރިއިރު، ޔުއެފާ ޗެމްޕިއަންސް ލީގުގެ ގަދަ 16ގެ ބުރުގައި މާދަމާ ރޭ ސްޕެއިންގެ ބާސެލޯނާއާ ދެކޮޅަށް ނަޕޯލީ ނުކުންނަން ޖެހެއެވެ.
ނަޕޯލީގެ ރައީސް އައުރެލިއޯ ޑެ ލައުރެންޓީޒް ވިދާޅުވީ މަޒާރީ އަކީ ގާތް ރަހުމަތްތެރިއެއް ކަމަށާއި، ރަހުމަތްތެރިއަކު ވާޒީފާއިން ވަކިކުރަން ޖެހުމުން ދެރަވާ ކަމަށެވެ. އަދި ކްލަބަށް މަޒާރީ ކޮށްދިން ހުރިހާ ކަމަކަށް ޝުކުރު އަދާކުރާ ކަމަށް އައުރެލިއޯ ވިދާޅުވިއެވެ.

މަޒާރީ ވަކިކުރުމަށް ފަހު، ނަޕޯލީ އިން ވަނީ އެ ޓީމުގެ ކޯޗަކަށް ސްލޮވާކިއާގެ ފްރަންޗެސްކޯ ކަލްޒޯނާ ހަމަޖައްސައިފައެވެ. ރިޕޯޓްތަކުން ބުނާގޮތުގައި ނަޕޯލީގެ ކޯޗުކަން ކަލްޒޯނާ އަށް ހަވާލުކުރީ މި ސީޒަންގެ ނިޔަލަށެވެ.
ކަލްޒޯނާގެ އިރުޝާދުގެ ދަށުން ނަޕޯލީ ކުޅޭ ފުރަތަމަ މެޗަށްވާނީ އަމިއްލަ ދަނޑުގައި މާދަމާ ރޭ ބާސާއާ ދެކޮޅަށް ކުޅޭ މެޗެވެ.
ކަލްޒޯނާ ވަނީ ނަޕޯލީގައި މައުރީސިއޯ ސާރީ އަދި ލޫސިއާނޯ ސްޕަލެއްޓީއާއެކު އެސިސްޓަންޓް ކޯޗެއްގެ ގޮތުގައި ކުރިން މަސައްކަތްކޮށްފައެވެ. މިއީ ކަލްޒޯނާ ހެޑް ކޯޗުގެ ގޮތުގައި ކްލަބު ލެވެލްގައި ކުރާ ފުރަތަމަ ތަޖުރިބާއެވެ.
ކަލްޒޯނާ ހުރީ ސްލޮވާކިއާގެ ގައުމީ ޓީމުގެ ކޯޗަށެވެ. ސްލޮވާކިއާ 2024 ވަނަ އަހަރުގެ ޔޫރޯ އަށް ކޮލިފައިވީ އޭނާގެ އިރުޝާދުގެ ދަށުންނެވެ. ރިޕޯޓްތަކުން ބުނާގޮތުގައި ނަޕޯލީގެ ކޯޗުކަމާ ހަވާލުވިޔަސް، ކަލްޒޯނާ ސްލޮވާކިއާގެ ކޯޗުގެ ގޮތުގައި ދެމިހުންނާނެ އެވެ.

