ނިމިދިޔަ ފަސް އަހަރު ނިކަން އަޑަށް ބާރުލާފައި ބުނާއަޑު އިވެއެވެ. މިވެނި ގައުމަކުން މިވެނި އަދަދެއްގެ ހިލޭ އެހީ ހަމަޖެހިއްޖެ ވާހަކަ އާއި މިއީ، މިވެނި ސަރުކާރެއްގެ ހިލޭ އެހީގެ ދަށުން ކުރިއަށްގެންދާ މަޝްރޫއުގެ ތަކުގެ ވާހާކަ އިވުނެވެ.
ނަމަވެސް މިއަދު ތިލަވެގެން މިދިޔައީ، ހިލޭ އެހީގެ ޒައްރެއްގެ މިންވަރެވެ. އެތައް މިލިއަން ޑޮލަރެއް ސްޓޭޓް ބޭންކް އޮފް އިންޑިއާ އިން ރާއްޖެއަށް ހިލޭދީފި ކަމެވެ. ނަމަވެސް ފަހުން އަނބުރާ ދައްކާ ގޮތަށެވެ. އަޖައިބު އަންތަރީސް ނުވޭހެއްޔެވެ.
މިވަރުގެ ބޮޑު އޮޅުވާލުމެއްގެ ތެރެއިން ރައްޔިތުން ގުނބޯ ހައްދައި ބޮޑު ސިންގާ، ހިލޭ އެހީގެ ފަސް އަހަރެއް ނިންމާލިއެވެ. ނުވިއްކާކަށ ތަނެއް ނެތެވެ. އިމާރާތްތަކާއި ފަޅުފަޅާއި އިމާރާތް ތަކާއި، އެންމެ ފަހުން ދިވެހިންގެ ކަނޑު ރޯދި މަސްކަނޑުވެސް ވިއްކާލިއެވެ. ނަމަވެސް މިހުރިހާ ކަމެއް މިހެން ހުރިއިރު އެންމެ މޮޅު ކަމަކީ މިހުރިހާ ކަމަކުން ވެސް ރާއްޖެއަށް ލިބުނީ ހިލޭ އެހީކަމެވެ.
ކުޑަ ވަރެއްގެ ކަމެއް ތިލަ ކޮށްލާނަމެވެ. ކުރީގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ ސަރުކާރުން ޓީބިލު ވިއްކައިގެން ސްޓޭޓް ބޭންކު އޮފް އިންޑިއާ (އެސްބީއައި)އިން ދަރަންޏަށް ނެގި ފައިސާގެ ތެރެއިން ބިލިއަނެއްހައި ރުފިޔާ މި އަހަރު އެ ބޭންކަށް ދައުލަތުން ދައްކަންޖެހެއެވެ.
މިހުރިހާ ގެއްލުމެއްގެ ދަތި ކަމާއި އުނދަގޫތައް އައިސް މިއެޅެނީ ނިކަމެތި ރައްޔިތު މީހާ ބޮލުގައެވެ. 2019 ވަނަ އަހަރު ރައީސް އިބްރާހީމުގެ ސަރުކާރުން ޓީބިލު ވިއްކައިގެން 150 މިލިއަން ޑޮލަރު ދަރަންޏަށް ނަގާފައިވެއެވެ. އެއީ ދިވެހި ރުފިޔާއިން ބަލާނަމަ ގާތްގަނޑަކަށް 2.3 ބިލިއަން ރުފިޔާއެވެ. އޭގެ ތެރެއިން 50 ބިލިއަން ރުފިޔާ މިހާރު މި ސަރުކާރުންވަނީ އަދާކޮށްފައެވެ. އެއީ 700 މިލިއަނެއްހައި ރުފިޔާއެވެ. އަދި މިވަރުން ނިމުނީކީ ނޫނެވެ.
އަންނަ އޭޕްރީލު މަހާއި ޖުލައި މަހުގައި ކޮންމެ މަހަކު 50 މިލިއަން ޑޮލަަރު ސަރުކާރުން އެސްބީއައިއަށް ދައްކަންޖެހެއެވެ. މިއީ ނަމުން ހިލޭ އެހީއެކެވެ.
މިފައިސާ ކުރިން ނަގާފައިވަނީ ފަހުން ހިލޭ އެހީއަށް ފައިސާ ބަދަލުކުރާނެކަމަށް ބުނެއެވެ. ނަމަވެސް ފާއިތުވި ފަސް އަހަރުވެސް މި ފައިސާ ހިލޭ އެހީއަށް ބަދަލުކޮށްފައިނުވެއެވެ. އިހުމާލު ވާނީ މިވަރަށް ތާއެވެ.
އެއިރު މިފައިސާ ހިލޭ އެހީއަށް ބަދަލުކުރަން ހަމަޖެހިފައިވާކަަމަށް ކުރީގެ ސަރުކާރުން ތަކުރާރުކޮށް ބުނި ނަމަވެސް އިންޑިއާގެ ބޭންކުން އެފައިސާ ހިލޭ އެހީއަށް ބަދަލުނުކޮށް، އެ ފައިސާ ރޯލް އޯވާކޮށްފައިވަނީ ދިވެހި ރައްޔިތުންނަށް ބޮޑު، ނަމުން ހިލޭ އެހީއެއްގެ ގޮތުގައެވެ.
މިފަދައިން ކުރީ ސަރުކާރުން ހިލޭ އެހީއަށް ބަދަލުވާނެކަމަށް ބުނި ކިތަންމެ ފައިސާއެއް، ހިލޭ އެހީއަށް ބަދަލުނުވާތީ އެމްއެމްއޭއިން މިވާހަކަ ދެއްކިލެއް ވަކި މަދެއްނޫނެވެ.
ދުވާލެއްގެ މައްޗަށް 33 މިލިއަން ރުފިޔާގެ ދަރަނި އުފައްދައި، ދައުރެއްގެ ތެރޭގައި ދަރަންޏަށް 60 ބިލިއަނަށްވުރެ ގިނަ ރުފިޔާގެ ދަރަނި ވަނީ ނިމިދިޔަ ފަސް އަހަރު އިތުރުވެފައެވެ.
ނިމިދިޔަ ފަސް އަހަރުގެ މުއްދަތުގައި ރައީސް އިބްރާހީމުގެ ސަރުކާރުންވަނީ ދައުލަތުގެ ގެރެންޓީ ދީގެން 2 ބިލިއަނަށްވުރެ ގިނަ ރުފިޔާ ދަރަންޏަށް ނަގާފައެވެ.
ފަސް އަހަރު ޖުމްލަ ނަގާފައިވާ ދަރަނީގެ އަދަދު 60.7 ބިލިއަން ރުފިޔާއަށް އަރައެވެ. އެއީ ނޮވެންބަރު 17 2018 ވަނަ ދުވަހުން 2023 ވަނަ އަހަރުގެ ނޮވެންބަރު 17 އަށް ހޭދަވި 1،826 ދުވަހަށް ބަލާނަމަ ދުވާލަކަށް 33 މިލިއަން ރުފިޔާއަށްވުރެ ގިނަ ރުފިޔާގެ ދަރަންޏެވެ. މިކޮށްދިނީ ހެޔޮ ވެރިކަމެކެވެ.
” ނަމުން ހިލޭ އެހީއެވެ. ކަމުން ދަރަނި ގޯންޏެކެވެ. “

