ރިސޯޓް ވިޔަފާރިވެރިންގެ ޔޫނިއަން ނުވަތަ ގައުމީ ޖަމްއިއްޔާ، މަޓީގެ އެގްޒެކެޓިވް ބޯޑް، ހިންގާ ކޮމިޓީގެ މެންބަރު ކަމަށް ދެ ބޭފުޅަކު އައްޔަންކޮށްފި އެވެ.
ކުރުނބާ ރިސޯޓުގައި އިއްޔެ ބޭއްވި ދިވެހިރާއްޖޭގެ ނުފޫޒާއި ބަސްވިކޭ އެންމެ ވަރުގަދަ ޖަމްއިއްޔާ "މަޓީ"ގެ 34 ވަނަ އަހަރީ ޖަލްސާ އެ ޖަމްއިއްޔާގެ ހިންގާ ކޮމިޓީގެ ހުސްވެފައިވާ މެންބަރު ކަމަށް އައްޔަންކޮށްފައި ވަނީ ދެ ބޭފުޅެކެވެ. މިދެ ބޭފުޅުން އައްޔަނުކުރައްވާފައި މިވަނީ މި މަގާމުތަކުގައި ތިއްބެވި ފަރާތްތަކުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.
އެގޮތުން، އިސްތިއުފާ ދިނުމުން ހުސްވެފައިވާ ހިންގާ ކޮމިޓީގެ މެންބަރުކަމަށް އައްޔަންކޮށްފައިވަނީ، "މައި އެއާޕޯޓް، ވީއައިއޭ" ހިންގާ އެމްއޭސީއެލްގެ ސީއީއޯ އިބްރާހިމް ޝަރީފާއި ރިޓްސް ކާލްޓަން ފަރި އައިލެންޑްސްގެ ޖެނެރަލް މެނޭޖަރު ރެނާޓޯ ދި އޮލިވޭރާ އެވެ.

ރިޒްކާލްޓަން ފަރިއައިލެންޑުގެ ޖީއެމް ރެނާޓޯ ދި އޮލިވޭރާވެސް…. (ފޮޓޯ/މަޓީ)
މަޓީގެ ހިންގާ ކޮމިޓީގައި ދެން ތިއްބަވާ ބޭފުޅުންނަކީ:
- ޗެއާމަން – ޔުނިވާސަލްގެ ގުރޫޕްގެ ޗެއާމަން މުހައްމަދު އުމަރު މަނިކު (އެމްޔޫ މަނިކު)
- ވައިސް ޗެއާމަނުން – ޗަމްޕާ ގުރޫޕްގެ ވެރިޔާ ހުސައިން އަފީފް އަދި ވޮޔޭޖަސް މޯލްޑިވްސްގެ ހިއްސާދާރު ސަލާހު ޝިހާބު
- ސެކްރެޓަރީ ޖެނަރަލް – ކްރައުން ކޮމްޕެނީގެ ހިއްސާދާރު އަހުމަދު ނަޒީރު
މަޓީން ބުނި ގޮތުގައި އެ ޖަލްސާގައި އެ ޖަމްއިއްޔާގެ 120 އަށް ވުރެ ގިނަ މެންބަރުންގެ ތެރެއިން 100 މެމްބަރަކު ބައިވެރިވި އެވެ.
މީގެ އިތުރަށް މަޓީގެ އަހަރީ ޖަލްސާގައި ވަނީ ރާއްޖޭގެ ގުދުރަތީ ވެށި ހިމާޔަތް ކުރަން ސަރުކާރުން ކަނޑައަޅާފައިވާ ސިޔާސަތުތަކާ ބެހޭ ގޮތުން މަޝްވަރާކޮށްފަ އެވެ. އެގޮތުން ސަރުކާރުގެ ނެޓް ޒީރޯ އަމާޒާއި ގުޅޭގޮތުން މަޝްވަރާކޮށްފައިވާއިރު ރިސޯޓުތަކުން އިއާދަކުރަނިވި ހަކަތަ ބޭނުންކުރާ މިންވަރު އިތުރުކުރުމަށް ކުރެވިދާނެ ކަންތައްތަކާ ގުޅޭ މަޝްވަރާކޮށްފައިވެއެވެ. ހަމައެހެންމެ ހިމާޔަތްކޮށްފައިވާ ސަރަހައްދުތައް ބެލެހެއްޓޭނެ ނިޒާމެއް ގާއިމްކުރުމާ ގުޅޭގޮތުން ވެސް މަޝްވަރާކުރެވުނެވެ.
މަޓީގެ އަހަރީ އާންމު ޖަލްސާގައި ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް އާއި އިގްތިސާދީ ކަންކަމާ ބެހޭ ވަޒީރު މުހައްމަދު ސައީދު ވެސް ބައިވެރިވި އެވެ.

