ތިނަދޫ ބައިނަލް އަގުވާމީ ވައިގެ ބަނދަރެއް އެޅުމަށް ބަޔަކާއި ހަވާލުކޮށްފިއެވެ.
މިރޭ ތިނަދޫގައި ބޭއްވި ރަސްމިއްޔާތެއްގައި އެކަމުގެ އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އިމާރާތްކުރުމާއި ބިނާރާ ބެހޭ ވަޒީރު ޑރ. އަބްދުﷲ މުއްތަލިބެވެ.
މި މަޝްރޫއުގެ މަސައްކަތް ކުރިއަށްގެންދަން ހަވާލު ކޮށްފައި ވަނީ ތައިލެންޑުގެ ޕޭން ޕެސިފިކް ކޮމްޕެނީ ލިމިޓެޑް އާއެވެ. އެ ކުންފުނީގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ ސީއީއޯ މރ. ޖިރާޓް ޕެތްނުންތަވޮންގއެވެ.
މި މަޝްރޫއުގެެ ދަށުން ތިނަދޫގައި ނުވަތަ ސަރުކާރު ހަމަޖައްސާ ފަޅެއްގައި އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީ ކުރުމާއި، ގދ. އަތޮޅުގައި ޓުރިޒަމް ސިނާއަތާއި އެހެނިހެން އިގްތިސޯދީ ކަންކަން އިންވެސްޓްކޮށް ތަރައްގީ ކުރުމާއި، ގދ. އަތޮޅުގައި މި އިންވެސްޓްގްމެންޓްތައް ހިންގުމަށް މަގުފަހިވާ ވަސީލަތްތައް ގާއިމް ކުރުން ހިމެނެއެވެ.
“މި އަތޮޅުގައި އިންޓަނޭޝަނަލް އެއާޕޯޓެއް އެޅިގެން ދިއުމަކީ މި އަތޮޅު ވަރަށް ބޮޑަށް ތަރައްގީވެގެން ދާނެ ކަމެއް ކަމީ ޝައްކެއްވެސް އޮތް ކަމެއް ނޫން،”. އޭނާ ވިދާޅުވިއެވެ.
މިއީ ދުނިޔޭގައި އޯވާ ވޯޓާގައި ތަރައްގީ ކުރާ އެންމެ ބޮޑު ސްޓްރަކްޗަރަލް ބިލްޑިންގއަށް ވާނެއެވެ. އަދި މި އެއާޕޯޓްގެ އާކިޓެކްޓަކީ ބޮޑު މާސްޓަރ ޕީސްއެއް ކަަމށްވެސް ބުނެފައި ވެއެވެ.
މިތަނުގައި ޕްރިމިއާ ފްލައިންގ ސްކޫލާއި، އެމްއާރްއޯ އަދި ކާގޯ ބްލިންގއަކާއި، ފިއުލް ފާމް، ސީޕްލޭން ޓާމިނަލްއާއެކު ސީޕްލޭން ހަބެއްގެ އިތުުރުން، އެއާ އެމްބިއުލާންސް ހިދުމަތާއި ޑީކޮމްޕްރެޝަން ޗެމްބާއެއްވެސް ގާއިމް ކުރާނެއެވެ.
ވަޒީރު ޑރ. މުއްތަލިބު ވިދާޅުވީ، މި އަތޮޅަށް އިންޓަނޭޝަނަލް އެއާޕޯޓެއް މުހިންމު ވެގެން ދަނީ މިިއީ މާލެ އާއި ދުރުގައި އޮތް ތަަނަކަށް ވުމާއެކު ހަރަދުތައް ބޮޑުވާތީ ކަމަށެވެ. އަދި މިތަނަށް ފަތުރުވެރިން ގެނައުމަކީވެސް ވަރަށް މުހިންމު ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.
މި މަޝްރޫއުގެ މަސައްކަތް ނިމިގެންދާއިރު، ތިނަދޫ ފަޅުގައި އެންމެ ބޮޑެތި ބޯޓުތައް ޖެއްސޭވަރަށް ރަންވޭއެއް އެޅިގެން ދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

