އިންޑިއާއިން ފިޔާ އެކްސްޕޯޓް ކުރަން އެންމެ ފަހުން ނިންމި ގައުމުތަކުގެ ލިސްޓުގައި ދިވެހިރާއްޖެ ނުހިމެނޭ ކަމަށް އެ ގައުމުގެ ނޫސްތަކުން ރިޕޯޓުކޮށްފި އެވެ.
އިންޑިއާއިން މިދިޔަ ޑިސެމްބަރު މަހުން ފެށިގެން މާޗު މަހުގެ ނިޔަލަށް ފިޔާ އެކްސްޕޯޓް ކުރުންވަގުތީ ގޮތުން ވަނީ މަނާކޮށްފަ އެވެ. ނަމަވެސް އިންޑިއާ ސަރުކާރުގެ ހާއްސަ ހުއްދައެއްގެ ދަށުން މިހާތަނަށް ވަކި ކޯޓާއެއްގެ ދަށުން އަވަށްޓެރި ބައެއް ގައުމުތަކަށް ފިޔާ އެކްސްޕޯޓުރެ އެވެ.
މީގެ ކުރިން ފިޔާ އެކްސްޕޯޓުކުރުން މަނާކުރި ކޮންމެ ފަހަރަކު ވެސް ހާއްސަ ކޯޓާގެ ލިސްޓުގައި ރާއްޖެ ހިމެނުނު ނަމަވެސް، ރާއްޖެ އާއި އިންޑިއާގެ ގުޅުން ގޯސްވެފައިވާ މި ދަނޑިވަޅުގައި އަލަށް ނެރުނު ލިސްޓުގައި ރާއްޖެއެއް ނެތެވެ.
އިންޑިއާ ސަރުކާރުގެ އޮފިޝަލުންނާ ހަވާލާދީ ނޫސްތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި އެ ގައުމުން ފިޔާ އެކްސްޕޯޓުކުރުމުގެ ހާއްސަ ކޯޓާއެއް މިފަހަރު ކަނޑައަޅާފައި ވަނީ ބަންގްލަދޭޝް، ސްރީލަންކާ، މޮރިޝަސް، ބަހްރެއިން، ބޫޓާން އަދި ނޭޕާލް އަށެވެ.
އަވަށްޓެރިންނަށް އޮންނަ ހާއްސަ ކޯޓާ އެ ގައުމަކުން އެދުމުން ކޮންމެ ފަހަރަކު އިންޑިއާއިން ހަމަޖައްސައިދެ އެވެ.

