ފްރާންސްގެ ކެޕްޓަން، އެމްބާޕޭ 25، ޕީއެސްޖީގެ ކޮންޓްރެކްޓް އަންނަ ޖޫން މަހު ހަމަވާތީ ކްލަބް ދޫކޮށްލުމުން އޭނާގެ ހުވަފެނީ ކުލަބުު ރެއާލް މެޑިރިޑުން ވަރުގަދަ ބިޑެއް ހުށައަޅައިފިއެވެ.
އެމްބާޕޭ ބޭނުންވީ މާޗް މަހުގެ ކުރިން އޭނާގެ މުސްތަގުބަލް ހަމަޖެއްސުމަށް ކަމަށާއި އެހެންކަމުން ޓްރެއިނިންގެ ކުރިން ފެބްރުއަރީ 13 ވަނަ ދުވަހު ޕީއެސްޖީގެ ރައީސް ނާސިރު އަލް ކެލައިފީއާ ބައްދަލުކޮށް އޭނާ ދޫކޮށް ރެއާލާ ގުޅެން އުޅޭ ކަމަށް ބުނެފަ އެވެ.
މިދިޔަ ބުރާސްފަތި ދުވަހު އެމްބާޕޭ ވަކިވާނެ ކަމުގެ އަޑުތައް ފެތުރުމާ އެކު، ހޮނިހިރު ދުވަހު ނަންޓޭސްއާ ދެކޮޅަށް ކުޅޭ މެޗަށް އެމްބާޕޭ ފަރިތަކުރުންތަކުން ބާކީކުރި ނަމަވެސް، ޕެނަލްޓީ ޖެހުމަށް ބެންޗުން ނުކުތީ ޕީއެސްޖީ ލީގު އެކެއްގެ އެއްވަނައިގައި 14 ޕޮއިންޓުގެ ލީޑެއް ނަގައިގެންނެވެ.
އޭނާ ރެއާލްއާއެކު ފަސް އަހަރު ދުވަހުގެ އެއްބަސްވުމެއްގައި ސޮއިކޮށް، ސީޒަނަކަށް 15 މިލިއަން ޔޫރޯ (12.8 މިލިއަން ޕައުންޑް) ގެ އާމްދަނީއެއް ހޯދުމުގެ އިތުރުން ފަސް އަހަރު ދުވަހުގެ ތެރޭގައި ދައްކަން ޖެހޭ 150 މިލިއަން ޔޫރޯ (128 މިލިއަން ޕައުންޑް) ގެ ސައިން އޮން ބޯނަސް އެއް ލިބޭނެ ކަމަށާއި، އޭނާގެ އިމޭޖް ރައިޓްސްގެ އިންސައްތައެއް ހިފަހައްޓާނެ ކަމަށެވެ.
ޕީއެސްޖީއާ އެކު އެމްބާޕޭ ހަދާފައި އޮތް އެއްބަސްވުން ހަމަވާނީ އަންނަ ޖޫން އަށެވެ. ރެއާލްއަށް އޭނާ ބަދަލުވާން އެއްވެސް ފީއެއް ދައްކާކަށް ނުޖެހޭނެ އެވެ.
މިހާރު ކުރިއަށް ދާ ޗެމްޕިއަންސް ލީގުގައި ޕީއެސްޖީ އާއި ރެއާލް ނުޖެހޭ ގޮތަށް ކަންކަން ހިނގައްޖެ ނަމަ އެއްބަސްވުމުގެ ވާހަކަ ރަސްމީކޮށް އިއުލާންކުރާނެ އެވެ. ގަދަ 16ގެ ފުރަތަމަ ލެގު ދެ ޓީމުން ވެސް ވަނީ ކާމިޔާބުކޮށްފަ އެވެ.

