ޕަޕުއާ ނިއުގިނީގައި އާދީއްތަ ދުވަހު ހިނގި މާރަމާރީގައި އެތައް ބަޔަކު މަރުވެފައިވާއިރު، އެ ސަރަހައްދުގައި ގަބީލާތަކުގެ މެދުގައި ހިނގާ ނުރައްކާތެރި ހަމަނުޖެހުންތައް ދަނީ އިތުރުވަމުންނެވެ. އެންމެ ފަހުގެ މި ހާދިސާ ހިނގަން މެދުވެރިވި ސީދާ ސަބަބެއް އަދި ސާފެއް ނުވެ އެވެ.
ޕަޕުއާ ނިއުގިނީގެ ޕޮލިސް ޗީފް ޑޭވިޑް މެނިން، އެންގާ ޕްރޮވިންސަށް އިޝާރާތްކޮށް ނޫސްވެރިންނާ ވާހަކަ ދައްކަމުން ބުނެފައިވަނީ 18 ވީ އާދީއްތަ ދުވަހުގެ ފަތިހުގެ ވަގުތެއްގައި އެންގާގައި ހަނގުރާމަވެރި ގަބީލާތަކުގެ މެދުގައި ބަޑީގެ ހަމަލާތަކެއް ހިނގި ކަމަށެވެ.
އޮސްޓްރޭލިއާގެ ބްރޯޑްކާސްޓިން ކޯޕަރޭޝަނުން ބުނި ގޮތުގައި އޮފިޝަލުން އެންމެ ފުރަތަމަ މަރުވި މީހުންގެ އަދަދު 50 އަށް ވުރެ މައްޗަށް ރިޕޯޓް ކޮށްފައިވީ ނަމަވެސް ފަހުން އެ އަދަދު ވަނީ 26 އަށް ބަދަލުކޮށްފައެވެ.ރޯޔަލް ޕަޕުއާ ނިއުގިނީ ކޮންސްޓެބުލަރީގެ އެކްޓިން ސުޕްރިންޓެންޑެންޓް ޖޯޖް ކަކަސް ބްރޯޑްކާސްޓަރަށް މައުލޫމާތު ދެމުން ބުނެފައިވާ ގޮތުގައި މި ހަމަނުޖެހުންތައް ހުއްޓުވުމަށް ފުލުހުންނާއި ދިފާއީ ބާރުތަކަށް ވެސް ކުރިމަތިލާން ޖެހުނީ އަމިއްލަ ނުރައްކަލުގެ ހާލަތުގައި ހަމަނުޖެހުން ހުއްޓުވަން ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރުމަށެވެ. އަދި މޮބައިލް ޕޮލިސް ސްކޮޑެއް އެ ސަރަހައްދަށް ފޮނުވާފައިވާ ކަމަށްވެސް އޭނާ ބުނެއެވެ. ކަކަސް ބުނި ގޮތުގައި މަރުވެފައި ތިބި މީހުން ފެނުނީ ދަނޑުމަތިންނާއި މަގުތަކާއި ކޯރުތަކުގެ ކައިރިންނެވެ. ސޯޝަލް މީޑިއާގައި ހިއްސާކޮށްފައިވާ ވީޑިއޯ ފުޓޭޖާއި ފޮޓޯތަކުގެ ސައްހަކަން އަދި ކަށަވަރު ކޮށްދެވެން ނެތް އިރު، ހުޅުވިފައިވާ ޓްރަކެއްގެ ފުރަގަހުގައި އެތައް ބައެއްގެ ހަށިތައް ޖަމާވެފައިވާ މަންޒަރު ފެނެ އެވެ. ފުލުހުން ބުނީ މި ހަމަނުޖެހުންތަކުގައި 17 ޤަބީލާއެއް ބައިވެރިވެފައިވާ ކަމަށެވެ.
މަރުވެފައިވަނީ ހަމައެކަނި ފިރިހެނުން ކަމަށް ބެލެވޭ ކަމަށާއި މި ހަމަނުޖެހުމުގައި ބައިވެރިވެފައިވާ ބައެއް މީހުންނަށް ފައިސާ ދީގެން އެކަމުގައި ބައިވެރިކުރުވި ކަމުގެ ހެކި އެބަހުރި ކަމަށް އދގެ އިދާރާއެއް ކަމަށްވާ އިންޓަނޭޝަނަލް އޯގަނައިޒޭޝަން ފޯ މައިގްރޭޝަންގެ ލޯކަލް ހެޑް ސެރްހާން އަކްޓޮޕްރަކް ބުނެފައިވަނީ
"އަސްލު މާރަމާރީގައި ބައިވެރިވެފައިވަނީ ޕްރޮވިންސްގެ އެކި ސަރަހައްދުތަކުން ފައިސާ ދީގެން އެކަމަށް ގެނެސްފައި ތބި މީހުން ކަމަށް މައުލޫމާތު ލިބޭ،" ކަމަށެވެ. އަދި "އެއީ ފައިސާ ދީގެން އެކަމަށް ހަމަޖައްސާފަ ތިބި ހަތިޔާރު އެޅި މީހުން. އެމީހުންނަށް ފައިސާ ލިބޭހާ ހިނދަކު އެމީހުން ވަކި ކޮޅެއް ނުބަލާނެ"
އަންދާޒާތައް ތަފާތު ނަމަވެސް، މަދުވެގެން 10 މިލިއަން މީހުން ދިރިއުޅެމުން ދަނީ ކެލިފޯނިއާއަށް ވުރެ ބޮޑު ޕަޕުއާ ނިއުގިނީގައި ކަމަށް ބެލެވޭއިރު އާބާދީގެ ގާތްގަނޑަކަށް 85 ޕަސެންޓް މީހުން ދިރިއުޅެނީ އާބަން ސެންޓަރުތަކުން ބޭރުގަ އެވެ. މިނަރަލް ފަދަ ވަސީލަތްތަކުން މުއްސަނދިވެފައިވާ ސަރަހައްދަކަށްވީ ނަމަވެސް އަދިވެސް ތަނުގެ ހާލަތު ވަރަށް ދަށެވެ.
ޕަޕުއާ ނިއުގިނީގައި ހިނގަމުންދާ ހަމަނުޖެހުންތައް ކޮންޓްރޯލް ކުރުމަށް ސަލާމަތީ ބާރުތަކަށް އެހީވުމަށް އެންގާގެ ގަވަރުނަރު ޕީޓާ އިޕަޓަސް ވަނީ މިދިޔަ އަހަރު އޮސްޓްރޭލިއާއިން އެހީއަށް އެދިފައެވެ. ސެކިއުރިޓީ އެއްބަސްވުމެއްގެ ދަށުން ޕަޕުއާ ނިއުގިނީގެ ފުލުހުންނަށް އެހީތެރިކަން ފޯރުކޮށްދީ ތަމްރީނުތައް ފުޅާކުރުމަށް އޮސްޓްރޭލިއާއިން ވަނީ މިދިޔަ އަހަރު އެއްބަސްވެފަ އެވެ. ހޯމައަށް ދީފައިވާ އިންޓަވިއުއެއްގައި އޮސްޓްރޭލިއާގެ ބޮޑުވަޒީރު އެންތަނީ އަލްބަނީޒް ވަނީ ޕަޕުއާ ނިއުގިނީއަށް އިތުރު އެހީތަކެއް ލިބޭނެ ކަމުގެ އިޝާރާތެއް ދެއްވާފައެވެ.
" ޕަޕުއާ ނިއު ގިނީގައި ތިބި ރަހުމަތްތެރިންނަށް އެހީތެރިވުމަށް އަމަލީ ގޮތުން ވެވެން އޮތް ހުރިހާ އެހީތެރިކަމެއް ފޯރުކޮށްދިނުމަށް އަޅުގަނޑުމެން މިތިބީ،" އޭނާ ވިދާޅުވި އެވެ.
ފަހަކަށް އައިސް މަރުވާ މީހުންގެ އަދަދު އިތުރުވަމުން ދަނީ އާދައިގެ ހަތިޔާރުގެ ބަދަލުގައި، ބޭރުން ގެންނަ ސެމިއޮޓޮމެޓިކް ގަންފަދަ މަތީ ފަންތީގެ ހަތިޔާރު އެމީހުން ބޭނުންކުރާތީއެވެ. އދ.ގެ މައިގްރޭޝަން އެޖެންސީގެ ޕީޓާ މުރޯރޭރާ ބުނެފައިވާ ގޮތުގައި މީގެ ކުރިން ހިނގާފައިވާ ހަނގުރާމަތަކުގައި ބޭނުން ކޮށްފައިވަނީ ބަޑިއާއި ކަނޑި ފަދަ ތަކެތި ކަމުން މަރުވާ މީހުންގެ އަދަދު މިހާރާއި އަޅާބަލާއިރު މަދެވެ.

