ސިޔާސީ މަގްސަދުތައް ހާސިލްކުރުމަށް ސަރުކާރުން ސިޔާސީ ބޭފުޅުން ހައްޔަރު ނުކުރައްވާނެ ކަމަށާއި، ރައްޔިތުންނަށް ފެންނާނީ ޤާނޫނީ ވެރިކަމެއް ކުރާ މަންޒަރު ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ގދ.ތިނަދޫގައި އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އެމަނިކުފާނަށް މުހިންމީ ރައްޔިތުން ބޭނުންވާ ކަންކަން ފުރިހަމަވުން ކަމަށާއި ރައްޔިތުންގެ ސިޔާސީ ވިސްނުން ހުރިގޮތް ބެލުމަކީ މުހިންމުކަމެއް ނޫން ކަމަށެވެ. އަދި ކޮންމެ ރައްޔިތެއް ވެސް އެމަނިކުފާނަށް ވާނީ ހަމަހަމަ ކަމަށާއި، ކޮންމެ ރައްޔިތަކާމެދުވެސް ވިސްނަވާނީ އެއް ހަމައަކުން ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ބަދަލު ހިފުމުގެ ރޫހު ރާއްޖެއިން ނެތެންޖެހޭ ކަމަށާއި، ސިޔާސީ ވިސްނުމުގައި ބޭއިންސާފުން ކަންކަން ކުރުން ނިމުމަކަށް އަންނަން ޖެހޭކަމަށެވެ.
“ކުރީގަ އުފެދުނު ކޮންމެ ސަރުކާރެއްގަ ހެން ފެނުނު އެކަންތައްތައް. ހަމަ ސަރުކާރު އުފެދޭތަނުން ކޮމިޝަންތައް ހަދައި ކުރީ ސަރުކާރުގެ ސިޔާސީ ވެރިން ހައްޔަރުކުރުމާ ކަންކަން ހިނގި. އެކަމެއް އަޅުގަނޑު ނުކުރާނަން. ނަމަވެސް ޤާނުނުގެ ވެރިކަން ކުރާނަން.” ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ކޮރަޕްޝަން ހިންގައި ވައްކަން ކޮށްފިނަމަ ނުވަތަ ޤާނޫނާ ޤަވާއިދާ ޚިލާފަށް ކަމެއްކޮށްފިނަމަ އެކަމެއް ބަލާނީ އެކަމާ ގުޅޭ ކޮމިޝަންތަކުން ކަމަށެވެ. އަދި އެމަނިކުފާނު ވެރިކަމަށް ވަޑައިގަތީ ޤައުމަށް ހަމަޖެހުން ގެނައުމަށް ކަމަށްވެސް ރައީސުލްޖުމްހުރިއްޔާ ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި މިހާރު ރައްޔިތުންގެ މަޖިލީހުން ފެންނަ ކަންކަން ބަދަލުކުރުމުގެ ބާރު އޮތީ ރައްޔިތުންނަށް ކަމަށް ވިދާޅުވިއެވެ. އެގޮތުން މާރޗް މަހު އޮންނަ މަޖިލީހުގެ އިންތިޚާބުގައި ޤައުމީ ވިސްނުމެއްގައި ރައްޔިތުން މަސައްކަތްކޮށްފިނަމަ، ރައްޔިތުން އެމަނިކުފާނާއި ހަވާލުކުރެވި ކަންކަން ބާރު ދުވެލީގައި ކުރިއަށްދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.

