ތޮއްޑޫގައި ބަޔަކު ރަޝިޔާ މީހަކަށް ހަމަލާދީ ޒަހަމުކޮށްލައިފި އެވެ.
ފުލުހުން ބުނީ މާރާމާރީ ހިންގާފައި ވަނީ އެރަށުގައި ހިންގަމުން އަންނަ ތޮއްޑޫ ޑައިވް ވިލާ ސެންޓަރުގައި ކަމަށާއި ޒަހަމުވެފައި ވަނީ އެތަނުގައި މަސައްކަތް ކުރާ 42 އަހަރުގެ މީހަކަށް ކަމަށެވެ. އެ މައްސަލަ ފުލުހުންނަށް ރިޕޯޓު ކޮށްފައި ވަނީ އިއްޔެ އިރުއޮއްސި 6:30 ހާއިރު ކަމަށް ވެސް ފުލުހުން ބުންޏެވެ.
އެ މާރާމާރީގައި ޒަހަމުވި ބިދޭސީ މީހާއަށް ތޮއްޑޫ ހޮސްޕިޓަލުން ފަރުވާ ދިނުމަށްފަހު ވަނީ ދޫކޮށްލައިފަ އެވެ. އޭނާގެ ހާލު ރަނގަޅު ކަމަށް އެ ހޮސްޕިޓަލާ ހަވާލާދީ ފުލުހުން ބުންޏެވެ.
އެ މައްސަލައިގައި މިހާތަނަށް މީހަކު ހައްޔަރުކޮށްފައެއް ނުވެ އެވެ. ފުލުހުން ގެންދަނީ އެ މައްސަލަ ތަހުގީގު ކުރަމުންނެވެ.
ފުޅާދާއިރާ އެއްގައި ދަނޑުވެރިކަން ކުރާ 172.6 ހެކްޓަރުގެ ތޮއްޑޫ އަކީ ލޯކަލް ޓޫރިޒަމް އެންމެ ބާރަށް ކުރިއަރަމުން އަންނަ އެއް ރަށެވެ. “ފްރުޓް އައިލެންޑް” ގެ ގޮތުގައި ގިނަ ޓޫރިސްޓުން ފާހަގަ ކުރާ ތޮއްޑޫގައި 58 ގެސްޓް ހައުސް ހިންގަމުން އަންނައިރު، އިތުރު ތިރީހަކަށް ގެސްޓު ހައުސް އަންނަނީ ހަދަމުންނެވެ.

