ޔޫރަޕިއަން ސްޓޭންޑާޑްގެ ފެންވަރު ރަނގަޅު ބޭސް ގެންނައިރު ގަނޑުކޮށް އެ ބޭސްތައް ގެނައުމުން އަގު އަގުހެޔޮވާނެ ކަމަށާއި އެކަން ކުރަން ޔޫއެންޑީޕީ އާ ވާހަކަ ދައްކަމުން އަންނަ ކަމަށް ހެލްތު މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް ވިދާޅުވެއްޖެ އެވެ.
ދެކުނުގެ ރަށްތަކަށް ރައީސް. ޑރ. މުހައްމަދު މުއިއްޒު އަދި ސަރުކާރުގެ ވަޒީރުންގެ ޓީމް ކުރައްވަމުން ގެންދާ ދަތުރުފުޅުގައި ގދ. މަޑަވެލީ ރައްޔިތުންނާއި ރައީސް ބައްދަލު ކުރެއްވުމަށް ބޭއްވި ޖަލްސާގައި ހެލްތް މިނިސްޓަރު ވިދާޅުވީ ސިއްހީ ނިޒާމު ރަނގަޅުކުރުމުގެ މަސައްކަތް ރައީސް ކުރައްވަމުން ގެންދަވާ ކަމަށާއި އޭގެ ދަށުން އާންމުންނަށް ރަނގަޅު ކޮލިޓީ ބޭސް ލިބޭނެ ގޮތެއް ހެދުމަކީ ސަރުކާރުން ހާއްސަ ސަމާލުކަމެއް ދެމުން އަންނަ ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ ދުނިޔޭގެ ބޮޑެތި ބޭސް ކުންފުނިތަކުން އުފައްދާ ބޭހުން ތަފާތު ދައްކާ ކަމަށާއި އެހެންވީމަ، ރަނގަޅު ފެންވަރުގެ ބޭސް ލިބުމަކީ މުހިއްމު ކަމެއް ކަމަށެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި މިއީ ހަމައެކަނި ޔޫރަޕުން ގެންނާނެ ބޭހެއް ނޫނެވެ. އެ ބޭހަކީ ފެންވަރު ރަނގަޅު ބޭހެއް ނަމަ، އަވަށްޓެރި ގައުމުތަކުން ވެސް ގެންނާނެ ކަމަށް އެ ޖަލްސާގައި މިނިސްޓަރު ވިދާޅުވި އެވެ.
“އަޅުގަނޑުމެން މިކިޔާ ޔޫރަޕިއަން ސްޓޭންޑަޑޭ. އެއީ ކޮންމެހެން ވިލާތުން އުފައްދާތީކީ ނޫން. ފެންވަރު ރަނގަޅު އެންމެ ކޮލިޓީ ބޭސް. އެއީ ކައިރި އަވަށްޓެރި ގައުމަކުން އުފެއްދި ކަމުގައި ވިޔަސް ދުރުން އުފެއްދި ކަމުގައި ވިޔަސް ކޮލިޓީ ބޭސް ރައްޔިތުންނަށް ފޯރުކޮށްދޭނެ ކަމުގެ ޔަގީންކަން،” މިނިސްޓަރު ވިދާޅުވިއެވެ.
ފެންވަރު ރަނގަޅު ބޭސް ރާއްޖެ ގެނެވޭނެ މަގު ރައީސް ތަނަވަސްކޮށްދެއްވާފައިވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި މިހާރު ސަރުކާރުން މަސައްކަތް ކުރަމުން ދަނީ ޔޫއެންޑީޕީއާ ވާހަކަ ދައްކައިގެން ރާއްޖެއަށް ގަނޑުކޮށް ބޭސް ގެނައުމަށެވެ. އޭގެ ސަބަބުން ބޭސް ގެނައުމަށް ކުރާ ހޭދަ މިހާރަށް ވުރެ ބޮޑަށް ކުޑަވާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ،
“އޭގެ ތެރެއިން ކަށަވަރުކޮށްދޭނީ، ކޮލިޓީ ބޭސް މިހާރު މިގެނެވެނީ އަގުބޮޑުކޮށް. އެކަމަކު ބަލްކުކޮށް، ގަނޑުކޮށް ކުރަންވީމަ އަގު ހެޔޮކޮށް ކޮލިޓީ ބޭސް ލިބޭނެކަމުގެ ޔަގީންކަން ވަނީ ހޯދައިދެއްވާފައި،” މިނިސްޓަރު ވިދާޅުވިއެވެ.

