ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ދެކުނުގެ އަތޮޅު ތަކަށް މިހާރު ކުރައްވަމުންދާ ދަތުރުފުޅުގައި އިއްޔެ ހަވީރު ތިނަދޫ ސިޓީ އަށް ވަޑައިގަތުން ރައްޔިތުން ވަނީ ވަރަށް ހޫނު މަރުހަބާއެއް ކިޔާފައެވެ. އަދި އެ ރައްޔިތުންނާއި ބައްދަލުވުމުމަށް ތިނަދޫ ސުކޫލަށް ވަޑައިގެންނެވުމުން އެ މާހައުލު ވެސް ވަނީ ރަތް ދޫލައިގެ ވަރަށް ފުރިހަމަ މަރުހަބާ އެއް ކިޔާފައެވެ.

ހުވަދޫ އިންޓަނޭޝަނަލް އެއަރޕޯޓުގެ ކުރެހުމެއް
ރަށަށް ވަޑައިގަންނަވާ ރައީސުލްޖުމްހޫރިއްޔާ އަށް މީގެ ކުރިން ކިޔަމުން އަންނަ މަރުހަބާއަށް އިތުރު ފުރިހަމަ ކަމެއް ގެނައުމަށް ފަހު ރައްޔިތުންގެ ފަރާތުން ރޭ އެރުވި މަރުހަބާ ގެ ފަހަތުގައި މާ ބޮޑު ސިއްރެއް ނެތޭ، އެވަގުތު އަޅުގަނޑުގެ ހިތަށްއެރި އެވެ. ރޭގެ ޖަލްސާ ތިނަދޫ ރައްޔިތުންނަށް ނުވަތަ މުޅި ހުވަދު އަތޮޅަށް ރަމްޒުވާ "ތަރައްޤީ ގެ ބޮޑު ހަދިޔާ" ރައީސް ދެއްވާނެ ކަން ރާއްޖޭގެ ހުރިހާ ރައްޔިތުން އެއްވެސްކަމެއް ނެތި ޤަބޫލުކުރާނެއެވެ.
އެހެންކަމުން އެހާ ހޫނު މަރުހަބާ އެއް ކިޔުން އެންމެ ރަނގަޅެވެ. "ދިވެހީންގެ ރާއްޖެ" ލިޔުމަށް މަދު ދުވަސްކޮޅެއް ތެރޭގައި ކުރެވި މަސައްކަތް ތަކަށް އަޅާ ކިރާލުމުން ޑރ މުއިއްޒު ގެ ވިސްނުން ގެންގުޅުއްވާ ގޮތް ތަފާތެވެ. ތިނަދޫ ސިޓީ ރައްޔިތުން ވެސް ހޫނު މަރުހަބާ އަކުން އެ ދިނީ އެ ޔަޤީން ކަމެވެ.

ހުވަދޫ އިންޓަނޭޝަނަލް އެއަރޕޯޓުގެ ކުރެހުމެއް
އެންމެން ވެސް އުއްމީދު ކޮށްގެން ތިބި ރޭ ސޮއި ކުރެއްވާނީ ތިނަދޫ އާއި ކާޑެއްދޫ އެއަރޕޯޓް އާއި ގުޅާލާ ބުރިޖްގެ މަޝްރޫޢު ގައި ކަމަށެވެ. ނަމަވެސް މުޅި ހުވަދު އަތޮޅަށް ލިބިގެން އަދި ރާއްޖޭގެ ރައްޔިތުންނަށް ވެސް ލިބިގެން ދިޔައީ ވަރަށް ބޮޑު "ސަރޕްރައިޒް" އެކެވެ. ޖަވާހިރު ގިނަ ރަން ޚާރެއްފަދަ ހުވަދޫ ގެ ތެރެއިން އިތުރު 12 ރަށް ޓުވަރިޒަމަށް ތަރައްޤީ ކުރުމާއި އެކު ތިނަދޫ ސިޓީ އަށް އިތުރު 50 ހެކްޓަރު ބިން ހިއްކުމަށް ފަހު އޭގޭ އިތުރު އިންޓަނޭޝަނަލް އެއަރޕޯޓް އެއް ސިޓީ އާއި ގުޅުވައި ހެދުމަށް ކުރެވި އިޢުލާނާ އެކު 2 އަހަރު ތެރޭގައި މުޅި މަސްރޫޢު ނިންމުމަށް އެއްބަސް ވުމުގައި ސޮއި ކުރުން ވެގެން ދިޔައީ އެ މަންޒަރު ލޮލުން ފެނުނު ގިނަ ބަޔަކުގެ ލޮލުން އުންމީދާއި އުފާވެރި ކަމުގެ ކަރުނަ ހިލުވާލި ވަޤުތަކަށެވެ.
ތިނަދޫ ސިޓީގެ އުތުރު ފަޅުގައި ތަރައްޤީ ކުރާ މި ވައިގެ ބަނދަރަކީ ފެންމަތީގައި ހަދާ ޓާމިނަލެއް ހިމެނޭ ހެން ތިމާވެއްޓާ ރަށްޓެހި ވައިގެ ބަނދަރަކަށް އެތަން ހެދުމަށް ވަނީ ނިންމާފައެވެ. ތައިލެންޑުގެ އަމިއްލަ ކުންފުންޏެއްގެ އަމިއްލަ ހަރަދުގައި ދުނިޔޭގެ ފެންވަރުގައި ހަދަން ފަށާ މި އިންޓަނޭޝަނަލް އެއާޕޯޓަކީ ދުނިޔޭގައި ވާ، ފެނުން މަތީ ތަރައްގީ ކުރާ އެންމެ ބޮޑު ސްޓްރަކްޗަރަލް ބިލްޑިންގއަށް ވާނެއެވެ. އެތަނުގައި ފްލައިންގ ސްކޫލާއި ، އެމްއާރްއޯ އަދި ކާގޯ ބްލިންގއަކާއި ، ފިއުލް ފާމް، ސީޕްލޭން ޓާމިނަލްއާއެކު ސީޕްލޭން ހަބެއްގެ އިތުުރުން، އެއާ އެމްބިއުލާންސް ހިދުމަތާއި ޑީކޮމްޕްރެޝަން ޗެމްބާއެއްވެސް ގާއިމް ކުރަން ވަނީ ހަމަޖެހިފައެވެ.

ހުވަދޫ އިންޓަނޭޝަނަލް އެއަރޕޯޓުގެ ކުރެހުމެއް
ތިނަދޫ ސިޓީ ގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ މުޢިއްޒު ވިދާޅުވީ ތިނަދޫ ސިޓީގައި ތަރައްޤީކުރާ ބައިނަލްއަޤްވާމީ ވައިގެ ބަނދަރަކީ، ދުނިޔޭގެ ފެންވަރުގައި ފާހަގަކޮށްލެވޭނެ ފެންވަރަށް ތަރައްޤީކުރާނެ ވައިގެ ބަނދަރެއް ކަމަށެވެ. އަދި މި ވައިގެ ބަނދަރަކީ ފެންމަތީގައި ހަދާ ތަނެއްކަމަށާއި، ތިމާވެއްޓާ ރަށްޓެހި ވައިގެ ބަނދަރަކަށް އެތަން ވާނެކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
އަދި މި މަޝްރޫޢުގެ ތެރެއިން ފްލައިންގ ސްކޫލަކާއި، 12 ރިސޯޓް ތަރައްޤީވެގެން ދިއުމުން ރައްޔިތުންނަށް ވަޒީފާ ލިބި މުޅި ސަރަހައްދު ކުރިއަރާނެކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. ހަމަ އެއާއެކު މި މަޝްރޫޢު ގިނަވެގެން 2 އަހަރު ތެރޭގައި ނިމިގެންދާނެކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސުލް ޖުމްހުރިއްޔާ ޑރ މުޙައްމަދު މުއިއްޒު
"އެއާޕޯޓާއި ރިސޯޓުތައް އިތުރުވެގެން ދިޔައީމާ އިރާދަކުރެއްވިއްޔާ 20 އަހަރުގެ މާސްޓާ ޕްލޭނެއް ނޫން، ސާޅީހަކަށް އަހަރަށް އޮޮންނާނީ މި ސިޓީ އަދި އަތޮޅު ތަރައްގީ ވެފައި"
ރައީސް ޑރ މުއިއްޒު ތިނަދޫއަށް ގެންނަވަން މަސައްކަތް ކުރައްވާ ތަރައްޤީ އާއި ބައިނަލްއަޤްވާމީ ކުރިއެރުވުމަކީ އާދައިގެ ކަމެއް ނޫނެވެ. މުޅި ހުވަދު އަތޮޅާ ގުޅިފައިވާ މިފަދަ މަޝްރޫޢު ތަކަކީ ދުލުން މިހެން ބުނެ ކަރުދާހެއްގައި ސޮއި އަޅާލިޔަސް އަދި ފުރިހަމަ ކުރެވޭނެ ކަން ކަމެއް ނޫނެވެ. މީހަކު ކަމެއް ކޮށްދޭ އިރު ތިމާމެންގެ ފަރާތުން ދޭން ޖެހޭ ގިނަގުނަ އެއްބާރުލުމާއި އެހީތެރިކަން ހުންނާނެ އެވެ. ކަންކަމުގައި ދޫ ދީ ކުރަން ޖެހޭ ވަތަނީ އަދި ޤައުމީ ކަން ކަން ހުންނާނެއެވެ.

ހުވަދޫ އިންޓާނޭޝަނަލް އެއަރޕޯޓުގެ އެއްބަސްވުމުގެ ސޮއި ކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން
ކޮންމެ އަކަސް ހުވަދު އަތޮޅުގެ ތެރެއަށް މި ވަންނަނީ ވަރަށް ބޮޑު ތަރައްޤީ އެކެވެ. ބޭނުންވެ، އެދި ގޮވަމުން އާދޭސް ކުރަމުން ދިޔަ އެތައް ކަމެއް ފުރިހަމަ ވުމެވެ. އަތޮޅުގެ ކޮންމެ ދިމާލަކުން ތަރައްޤީގެ ޢަލި ޖަވާހިރު ފެނުމަކީ އޭގެ ވިދުން މުޅި އަތޮޅަށް ކުރާނެ ކަމެއް ކަން ޔަޤީނެވެ. ވިސްނަންވީ އެއްބައިވަންތަކަން އިސްކޮށް ކުރިޔަށް ދިޔުމުގެ މިސްރާބަށެވެ. އަރަންވީ ތަރައްޤީ ގެ ކިއުއަށެވެ.

