ދުވާލަކު ކާން ޖެހެނީ ކިތައް ބިސް ހެއްޔެވެ؟ މިއީ ވަރަށް ގިނަ މީހުން ކުރާ ސުވާލެކެވެ. ބައެއް މީހުންނަށް އެނގިފައި އޮންނަ ގޮތުން ބިހަކީ ހަށިގަނޑުގައި ކޮލެސްޓްރޯލްގެ މިންވަރު މަތިކޮށްދޭ އެއްޗެކެވެ. މާ ގިނައިން ބިސް ކައިފިނަމަ ހާޓް އެޓޭކް، ސްޓްރޯކް ފަދަ ސީރިއަސް ބަލިތަކަށް މީހާ ހުށަހެޅިގެންދާ ކަމަށް ގިނަ ބަޔަކު ގަބޫލުކުރެއެވެ. މިއީ ކިހާ ވަރެއްގެ ހަގީގަތެއް ހުރި ވާހަކަތަކެއްތޯ ބަލާލަމާ ހިނގާށެވެ.
ދިރާސާތަކުން ދައްކާ ގޮތުން ބިހުގައި ހުންނަ ކޮލެސްޓްރޯލް އަކީ ހަގީގަތުގައި ހަށިގަަނޑަށް ގެއްލުންދެނިވި ޒާތުގެ ކޮލެސްޓްރޯލް އެއް ނޫނެވެ. ސަބަބަކީ ލޭގައި ކޮލެސްޓްރޯލް މައްޗަށް ދަނީ ސެޗުރޭޓެޑް ފެޓުގެ ސަބަބުން ކަމަށްވާއިރު ބިހުގައި ސެޗުރޭޓެޑް ފެޓު ހުންނަ މިންވަރު ނިސްބަތުން ދަށެވެ.
ޔޫކޭގެ ޑިޕާޓްމަންޓް އޮފް ހެލްތުގެ ޕްރޮފެސަރުންތަކެއް ބުނަނީ ކޮންމެ ދުވަހެއްގެ ނާސްތާގައި ބިސް ހިމެނުމަކީ މުހިއްމު ކަމެއްގެ ގޮތުގައެވެ. ނަމަވެސް ކޮންމެ ދުވަހެއްގެ ކެއުމުގައި ގަވާއިދުން ބިސް ހިމަނާނަމަ ބިސްކާއިރު ބިހުގައި ހިމެނޭ ގޮބޮޅީގެ ބައި މަދުކުރުމަކީ އެންމެ ފައިދާހުރި ގޮތް ކަމުގައި އެމީހުން ބުނެއެވެ.
” ބިހަކީ ވަރަށް ވެސް ފައިދާ ހުރި ކާނާއެއް. ގުދުރަތީ އެތައް ވިޓަމިނެއް، ޕްރޮޓީން އަދި މިނެރަލްސްތައް ބިހުން ލިއްބައިދޭ. ކޮންމެ ދުވަހަކު ބިސް ކެއުމަކީ މައްސަލައެއް ނޫން. އެކަމަކު ކޮންމެ ދުވަހަކު ބިސް ކާ މީހެއް ވެއްޖިއްޔާ ނުވަތަ ހިތުގެ މައްސަލަތައް ހުންނަ މީހުން ބިހުގައި ހިމެނޭ ޔޯކް ބައި ކެއުން މަދުކުރަން ޖެހޭ. އެއީ އެންމެ ނިއުޓްރިޝަންސް ހިމެނޭ ބައި. އެއީ ހަގީގަތެއް. އޭގައި މި ހިމެނޭ ކޮލައިން އަކީ ހަށިގަނޑަށް ކޮންމެހެންވެސް މުހިއްމު މާއްދާއެއް. އެކަމަކު މާ ގިނަ އަދަދަކަށް މި މާއްދާ ނެގުމަކީ ފައިދާހުރި ކަމެއް ނޫން. މާ ގިނައިން މި މައްދާ ހަށިގަނޑަށް ލިބޭނަމަ ބައެއް ފަހަރަށް އިންފްލެމޭޝަންސް ފަދަ މައްސަލަތަކެއް ކުރިމަތިވުން އެކަށީގެންވޭ. އެހެންކަމުން ގަވާއިދުން ބިސް ކާނަމަ ދުވާލަކު ދެ ބިސް ކާން ރަނގަޅުވާނެ. އެއަށްވުރެ ގިނައިން ކާން ބޭނުންމަ ޔޯކް ނުހިމަނައި ހުދު ބައި ކާލެވޭނެ، ” ޔޫކޭގެ ހެލްތް ޑިޕާޓްމަންޓުގައި ހިމެނޭ ޕްރޮފެސަރު ޑރ. މެހްމަތު ބުންޏެވެ.
ޑރ. މެހްމަތުގެ މި ޖަވާބާ ވަރަށް ގިނަ ސިއްޙީ މާހިރުން އެއްބަސްވެއެވެ. މާހިރުން ބުނާ ގޮތުން ސިއްހީ މައްސަލަތައް ހުންނަ މީހުން ހަފުތާއަކު ދެ ބިސް ކެއުމުގައި ހިމެނުމުން އެންމެ ރަނގަޅު ކަމުގައެވެ. އަދި ހިތުގެ އެއްވެސް ކަހަލަ މައްސަލައެއް ނުހުންނަ މީހުން ދުވާލަކު ދެ ބިސް ކެއުން އެއީ އެންމެ ފައިދާހުރި ގޮތްކަމުގައެވެ.
ބިހުގައި ހުންނަ މުހިންމު ވިޓަމިން އާއި މިނެރަލްސް ތަކާއި ކެލަރީސްގެ ބޮޑު ބައި ހުންނަނީ އޭގެ ގޮބޮޅީގަ އެވެ.
ގިނަ ޑައިޓީޝަނުންނާއި ނިއުޓްރިޝަނިސްޓުން އިއްތިފާގުވާ ގޮތުން ބިހަކީ ކޮންމެ ދުވަހެއްގެ ކެއުމުގައި ވެސް ބޭނުން ކުރުން ވަރަށް ރަނގަޅު އެއްޗެކެވެ. ދުވަހުގެ ޑައިޓުގައި ދެ ބިސް ވަރު ހިމެނުމަކީ ހަށިގަނޑަށް ފައިދާހުރި ކަމެއްކަމާމެދު ގިނަ ޑޮކްޓަރުން ވެސް އެއްބަސްވެއެވެ.
ނިއުޓްރިޝަނުން މުއްސަނދިވެފައިވާ ބިހަކީ އޭގައި ގުދުރަތީ ހައި ކޮލިޓީ ޕްރޮޓީން ހިމެނޭ އެއްޗެކެވެ. ބިހަކީ ހަށިގަނޑަށް ޕްރޮޓީން ލިއްބައިދިނުމަށް އެންމެ ރަނގަޅު ވަސީލަތެކެވެ. ކާނާގެ ތެރެއިން ހަށިގަނޑަށް ލިބިދޭން ޖެހޭ އެންމެ މައިގަނޑު އެއް މާއްދާ ކަމަށްވާ އެމިނޯ އެސިޑް ގިނަ މިންވަރަކަށް ބިހުގައި އެކުލެވޭއިރު މިއީ ހެނދުނުގެ ނާސްތާގައި ހިމަނަން އެފަދަ ދެވަނައެއް ނެތް އެއްޗެކެވެ.
މީގެ އިތުރުން ވިޓަމިން އޭ، ވިޓަމިން ބީ، ވިޓަމިން ބީ5، ވިޓަމިން ބީ12، ވިޓަމިން ޑީ އަދި މިނެރަލްސްގެ ތެރެއިން ޕޮޓޭސިއަމް، ޒިންކް، ކެލްސިއަމް އަދި ސެލޭނިއަމް ވެސް ބިހުގައި ހުރެ އެވެ. ބިހަކީ މި ހުރިހާ ވިޓަމިނެއް ހިމެނޭ އެއްޗެއް ކަމުން މާބަނޑު އަންހެނުން ބިސް ކެއުމުން، ބަނޑުގައި އޮންނަ ދަރިފުޅު އައިބުވުމުގެ ފުރުސަތު ކުޑަވާ ކަމަށްވެސް ދިރާސާތަކުން ދައްކައެވެ.
ހަށިގަނޑުގައި ހުންނަ ދެ ކޮލެސްޓްރޯލްގެ ތެރެއިން ގުޑް ކޮލެސްޓްރޯލް ނުވަތަ ހައި ޑެންސިޓީ ލިޕޯޕްރޮޓީން (އެޗްޑީއެލް) މަތިކުރުމުގައި ބިސް އެހީތެރިވެދެއެވެ. މީގެ އިތުރުން ސިކުނޑި ތަރައްގީ ކުރުމަށް އެހީވެދޭ މާއްދާތަކުގެ އިތުރުން އެތައް ވައްތަރެއްގެ އެންޓައި އޮކްސިޑެންޓްސް ބިހުގައި ހިމެނެއެވެ. މިއީ ނުރައްކާތެރި ބަލިތަކާއި އިންފެކްޝަންތަކުން ހަށިގަނޑު ސަލާމަތްކުރާނެ މައްދާތަކެވެ. އުމުރުން ދުވަސްވުމުން ދިމާވާ ބައެއް ސިއްހީ މައްސަލަތަކަށް ވެސް ބިހުން ފައިދާ ކުރެ އެވެ.

