އަހަރަކު 10 ކުދިންގެ ބޯންމެރޯ ޓްރާންސްޕްލާންޓް ހަދަން ޒަކާތު ފަންޑުން އެހީ ދިނުމަށް ހެލްތު މިނިސްޓްރީއާ އެކު މިއަދު ސޮއިކޮށްފިއެވެ.
އިސްލާމީ މަރުކަޒުގައި ބޭއްވުނު މި ރަސްމިއްޔާތުގައި މި އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު ޑރ. މުހައްމަދު ޝުޖާއު އަބްދުލްހަކީމް އަދި ހެލްތުގެ ސްޓޭޓް މިނިސްޓަރު އާމިނަތު ޝިރުނާއެވެ.
މި އެއްބަސްވުމުގެ ދަށުން ކުރިއަށް އޮތް ފަސް އަހަރުގެ ތެރޭގައި ތެލެސީމިއާ 50 ކުދިންގެ ބޯންމެރޯ ހެދިގެންދާނެއެވެ.
އިސްލާމިކް މިނިސްޓްރީން ވިދާޅުވި ގޮތުގައި އެ އެއްބަސްވުމުގެ ދަށުން ބޯންމެރޯ ހަދަން ކޮންމެ ކުއްޖަކަށް އެއް މިލިއަން ރުފިޔާއާ ހަމައަށް އެހީދޭނެއެވެ.
ތެލަސީމިއާ ފަރުވާ ދިނުމުގައި އެންމެ ބޮޑު ކާމިޔާބީ އަކީ ބޯންމެރޯ ޓްރާންސްޕްލާންޓޭޝަން ހެދުން ކަމަށްވާއިރު، މި ފަރުވާ ހޯދުމުގައި ދިގު މުއްދަތަކަށް ޚާއްސަ ސަމާލުކަމެއްދީގެން ކުއްޖާ ބަލަހައްޓަންޖެހެއެވެ.
އެގޮތުން ހޮސްޕިޓަލުން ދެއްވާ އިރުޝާދުތަކަށް އެއްބާރުލުން ދެއްވާ، ބޯންމެރޯ ޓްރާންޕްލާންޓްކޮށް، ރާއްޖެ އައުމަށްފަހުގައިވެސް ޤަވާއިދުން ހަދަންޖެހޭ ޓެސްޓްތައް ހެދުމަށާއި، ޑޮކްޓަރަށް ދެއްކުމަށް މޯލްޑިވިއަން ބްލަޑް ސަރވިސް (އެމް.ބީ.އެސް) އިންވަނީ އިލްތިމާސްކޮށްފައެވެ.
ޒަކާތު ފަންޑުގެ އެހީގައި ބޯންމެރޯ ޓްރާންސްޕްލާންޓް ހަދަން މީގެ ކުރިން ވެސް ކުދިން ބޭރަށް ފޮނުވިއެވެ. އިސްލާމިކް މިނިސްޓްރީއާ ދެމެދު ސޮއިކުރި އެއްބަސްވުމުގެ ދަށުން ހަރުދަނާގޮތެއްގައި މިކަން ކުރިއަށްދާނެ ކަމަށް ހެލްތު މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ.
ރާއްޖޭގައި މި ވަގުތު ތެލެސީމިއާގެ 659 ކުދިން އެބަތިއްބެވެ.

