ގެމަނަފުށީ ރައްޔިިތުން އެދޭ ގޮތަށް ރަށުގެ ތަރައްޤީ ބައްޓަންކޮށްދޭނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ ގއ.ގެމަނަފުއްޓަށް ވަޑައިގެން ރައްޔިތުންނާއި ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ. ގެމަނަފުށީ ރައްޔިތުންނާއި ބައްދަލުކުރައްވާ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވީ، އައު ސަރުކާރުން ބޭނުންވާގޮތަށް ބަޖެޓު އެކުލަވާލުމަށް ލިބުނީ ވަރަށް ހަނި ފުރުޞަތެއްކަމަށެވެ.
ސަރުކާރު ބަދަލުވުމުގެ މަރުހަލާގައި ބަޖެޓުގެ މަސައްކަތަށް ލިބުނު 10 ދުވަހުގެ ފުރުޞަތުގައި އައު ސަރުކާރުން ހިމެނި ބައެއް މުހިންމު މަޝްރޫޢުތައްވެސް، މަޖިލީހުން ބަޖެޓު ފާސްކުރިއިރު އުނިކޮށްފައިވާކަމަށްވެސް ރައީސް ވިދާޅުވިއެެވެ.
ގެމަނަފުށީގައި ވާހަކަދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، މިހަނި ފުރުޞަތާއެކުވެސް ރަށްތަކަށް ބޭނުންވާ މުހިންމު މަސައްކަތްތައް، އިސްކަންދޭ ތަރުތީބުން ފުއްދަވައިދެއްވުމަށް ސަރުކާރުން ފުރިހަމައަށް މަސައްކަތް ކުރައްވަމުންދާކަމަށެވެ.
ރައީސް ވިދާޅުވީ ގެމަނަފުށީގެ ބިން ހިއްކުމަށް މިއަހަރަށް ބަޖެޓުގައި ކުޑަ ފައިސާކޮޅެއް ހިމަނާފައި އޮތްކަމަށެވެ. މަސައްކަތް މުޅިން ނިންމުމަށް މިއަހަރުގެ ބަޖެޓުގައި ފުރުޞަތު ހަނިވިނަމަވެސް، އެކަމަކީ ރަށުގެ ރައްޔިތުންނަށް މުހިންމު މަސައްކަތަކަށްވާތީ ރަށަށް އިސްކަންދޭ މަޝްރޫޢުގެ ތެރޭގައި އެ މަސައްކަތް ހިމަނުއްވާ ކުރިއަށް ގެންގޮސްދެއްވާނެކަމަށެވެ. ރައީސް ވިދާޅުވީ ބިން ބޮޑުކުރުމުގެ ސަބަބުން ބޯހިޔާވަހިކަމުގެ މައްސަލަ ޙައްލުވުމުގެ އިތުރުން ރަށުގައި އިޤްތިޞާދީ އައު ފުރުޞަތުތައްވެސް ފަހިވެގެންދާނެކަމަށެވެ.
ގެމަނަފުއްޓަކީ މަސްވެރިކަމުގެ ދާއިރާގައި ރާއްޖޭގައި ނިސްބަތުން އެންމެ ގިނަބަޔަކު މަސައްކަތް ކުރާ ރަށްވެސްމެއެވެ. ބަނދަރުގެ ޖާގައިގެ ދަތިކަމުގެ ސަބަބުން މަސްވެރިންނަށް ދިމާވާ ދަތިކަން ޙައްލުކުރުމަށް ބަނދަރު އިތުރަށް ބޮޑުކޮށް ޒަމާނީ ފެންވަރަށް ތަރައްޤީ ކޮށްދެއްވާނެކަމަށް ރައީސް ވިދާޅުވިއެވެ.
މީގެއިތުރުން ރަށުގެ މައި އިދާރާތައް ހުރި މަގުތަކާއި، އަދި ރަށުގެ ސިނާޢީ ސަރަޙައްދުތަކަށް ބޭނުންކުރާ މައި މަގުތައް ތާރުއަޅާ ތަރައްޤީކޮށްދެއްވާނެ ކަމަށްވެސް ވިދާޅުވިއެވެ.

