ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ހުވަދުއަތޮޅު އުތުރުބުރީ ކަނޑުހުޅުދޫ ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ (އ.ތ.މ)އާ ބައްދަލުކުރައްވައިފިއެވެ.
މި ބައްދަލުކުރެއްވުންއޮތީ މިއަދު ގއ. ގެމަނަފުށީ ކައުންސިލުގެ އިދާރާގައެވެ.

މި ބައްދަލުކުރެއްވުމުގައި ކައުންސިލުން ވަނީ ޒުވާނުންގެ ތަރައްޤީއަށް ބޭނުންވާކަންކަމާއި އޭޓީއެމް ޚިދުމަތަކީ އެރަށުގެ ރައްޔިތުން އެންމެ ބޮޑަށް އެދެމުންދާ ކަންތައްތައްކަން ފާހަގަކުރައްވައިފައެވެ.
މީގެ އިތުރުން ސްކޫލްގެ ޖާގައިގެ ދަތިކަން ހައްލުކުރުމާއި މަލްޓިޕަރޕަސް ހޯލުގެ މަސައްކަތް އަވަސްކުރުމާއި ބަނދަރުގެ ޖާގަ އިތުރުކުރަން ބޭނުންވާކަން ކައުންސިލުން ފާހަގަކުރެއްވިއެވެ. މެޖިސްޓްރޭޓް ކޯޓުގެ އިމާރާތް އެހެންތަނަކަށް ބަދަލުކުރުމާއި މަގުތައް ރަނގަޅުފެންވަރަކަށް ހަދަން ބޭނުންވާކަމާއި އަދި މި ނޫންވެސް ރަށުގެ ތަރައްޤީއަށް މުހިންމު ކަންކަން ކައުންސިލުން ފާހަގަކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި ކައުންސިލުން ފާހަގަކުރެއްވި ބައެއް މަޝްރޫޢުތަކުގެ އެންމެ ފަހުގެ މަޢޫލޫމާތުތައް ބައްދަލުކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވި ބައެއް ވަޒީރުން ވެސް ވަނީ ޙިއްޞާކުރައްވައިފައެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ކައުންސިލުން އެދިވަޑައިގެންނެވި ކަންކަމަށް ސަމާލުކަން ދެއްވައިގެން މަސައްކަތްކޮށްދެއްވާނެކަމުގައި ވިދާޅުވެފައެވެ.

މިކަމާއި ގުޅިގެން ކަނޑުހުޅުދޫ ކައުންސިލްގެ ރައީސް ތޯރިޤް އަފީފް ވިދާޅުވީ މިއީ އުއްމީދީ ބައްދަލުވުމެއް ކަމަށާއި، ރައްޔިތުންނާއި ގުޅުންހުރި ކަންކަން ސީދާ ރައީސުލްޖުމްހޫރިއްޔާ އާއި ހިއްސާ ކޮށްދެއްވުމަކީ ރައްޔިިތުންގެ އުއްމީދުތައް ހާސިލްކުރުމަށް ލިބުނު އިތުރު ހިތްވަރެއް ކަމަށެވެ.
އަދި ކައުންސިލްއިން އެދުނު ހުރިހާ ކަމަކަށް ވަކި ހާއްސަ ސަމާލުކަމެއްދީގެން ކޮށްދެއްވާނެކަމަށް ރައީސް ވިދާޅުވިއެވެ.

