އޭއެފްސީ ޗެމްޕިއަންސް ލީގުގެ ގަދަ ސޯޅައިގެ ދެވަނަ ލެގުގައި ރޭ އަމިއްލަ ދަނޑުގައި އަލް ފެއިހާއާ ދެކޮޅަށް ކުޅުނު މެޗު 2-0 ގެ ނަތީޖާއަކުން ކާމިޔާބުކޮށް، 3-0ގެ އެގްރިގޭޓް ނަތީޖާއަކުން ކުރިހޯދައި އަލް ނަސްރުން މުބާރާތުގެ ކުއާޓާ ފައިނަލުން ޖާގަ ހޯދައިފި އެވެ.
ސައުދީގެ ދެ ކްލަބުގެ މި ކުރިމަތިލުމުގެ ފުރަތަމަ ހާފުގައި ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅެ ގޯލް ޖަހަން ފުރުސަތުތައް ތަނަވަސްކުރީ އަލް ނަސްރުންނެވެ. ފުރަތަމަ ހާފުގެ 17 ވަނަ މިނެޓުގައި އަލް ނަސްރުން ލީޑު ނެގީ ޕޯޗުގަލްގެ މިޑްފީލްޑަރު އޮޓާވިއޯ ޖެހި ގޯލަކުންނެވެ. މިއީ އެޓީމުގެ މިޑްފީލްޑަރު އަބްދުﷲ އަލް ޚައިބަރީ ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ކާމިޔާބުކޮށްދިން ގޯލެކެވެ.
އޮޓާވިއޯގެ ގޯލަށްފަހު އަލް ނަސްރުން ފުރަތަމަ ހާފުގައި ދެވަނަ ގޯލެއް ޖެހުމާއި ގާތަށް ދިޔަ ނަމަވެސް މި ހާފުގެ 36 ވަނަ މިނެޓުގައި ފޯވާޑް ކްރިސްޓިއާނޯ ރޮނާލްޑޯ އަށް ލިބުނު ފުރުސަތެއްގައި ބޮލުން ފޮނުވާލި ހަމަލާ އަމާޒުވީ ގޯލުގެ އަރިމަތީ ދަނޑިއަށެވެ. މެޗުގެ ދެވަނަ ހާފުގެ ކުރީކޮޅު ރޮނާލްޑޯ އަށް ލިބުނު ފުރުސަތެއްގައި އަލް ފެއިހާގެ ގޯލު ތެރެއަށް އޭނާ ބޯޅަ ވައްދާލި ނަމަވެސް ވީއޭއާރުން ބެލުމަށްފަހު ރެފްރީ ނިންމީ އެއީ އޮފްސައިޑް ގޯލެއް ގޮތުގައެވެ.
ފުރަތަމަ ހާފެކޭ އެއްގޮތަށް ދެވަނަ ހާފުގައިވެސް މޮޅަށް ކުޅެމުންދިޔަ އަލް ނަސްރުން ދެވަނަ ގޯލެއް ޖެހީ މެޗު ނިމެން ހަތަރު މިނެޓަށްވެފައި ވަނިކޮށެވެ. މި ގޯލް ޖެހީ ރޮނާލްޑޯ އެވެ. މިއީ މުބާރާތުގައި ކުޅުނު 7 މެޗުގައި ރޮނާލްޑޯ ކާމިޔާބުކުރި ފަސްވަނަ ގޯލެވެ.
މުބާރާތުގެ ކުއާޓާ ފައިނަލުގެ ފުރަތަމަ ލެގުގައި އަންނަ މާޗު މަހުގެ 4 ވަނަ ދުވަހު ރަށުން ބޭރުގައި އަލް ނަސްރުން ނިކުންނާނީ ޔޫއޭއީގެ އަލް އައިންއާ ދެކޮޅަށެވެ. ދެވަނަ ލެގުގެ މެޗު އަލް ނަސްރު ގެ ދަނޑުގައި ކުޅުމަށް ހަމަޖެހިފައިވަނީ މާޗް މަހުގެ 11 ވަނަ ދުވަހުއެވެ.

