އެމެރިކާގެ މޭޖާ ލީގް ސޮކާ (އެމް އެލް އެސް) އާ ސީޒަނުގެ ފުރަތަމަ މެޗުގައި އިންޓަ މިއާމީ އިން ރިއަލް ސޯލްޓް ލޭކް ބަލިކޮށްފިއެވެ.
އަމިއްލަ ދަނޑުގައި ކުޅެ މިއާމީ އިން މެޗު ކާމިޔާބުކުރީ 2-0 އިންނެވެ. އާ ސީޒަނަށް ޑޭވިޑް ބެކަމްގެ ޓީމުން މަޝްހޫރު ގިނަ ކުޅުންތެރިން ގެނެސް ޓީމު ވަރުގަދަ ކުރި އިރު މިއަދުގެ މެޗަށް ކޯޗު ޖެރާޑޯ މާޓީނޯ ނެރުނީ ވެސް ވަރުގަދަ އެގާރަ އެކެވެ. އެގޮތުން ލުއިސް ސުއަރޭޒްއާ ލިއޮނެލް މެސީ ޓީމުގެ އެޓޭކު ލީޑުކުރި އިރު މެދުތެރެއިން ސާޖިއޯ ބުސްކެޓްސް އަދި ފަހަތުން ޖޯޑީ އަލްބާ އަށް މާޓިނޯ ވަނީ ޖާގަދީފައެވެ. މި ހުރިހާ ކުޅުންތެރިންނަކީ ވެސް ޔޫރަޕުގައި ގިނަ ތަޖުރިބާތަކެއް ހޯދާފައިވާ މޮޅެތި ކުޅުންތެރިންނެވެ.
ވަރުގަދަ ޓީމަކާއެކު ނުކުތް މިއާމީ ޓީމުން މެޗުގައި ލީޑު ނެގީ 39 ވަނަ މިނެޓުގައި ރޮބަޓް ޓެއިލާ ޖަހައިދިން ގޯލުންނެވެ. މިއީ މެސީ ތަނަވަސްކޮށްދިން ފުރުސަތަކުން ޓެއިލާ ޖެހި ގޯލެކެވެ. މިއާމީ އިން ލީޑު ފުޅާކުރީ 82 ވަނަ މިނެޓުގައި ސުއަރޭޒްގެ އެހީތެރިކަމާއެކު ޑިއޭގޯ ގޯމެޒް ޖަހައިދިން ގޯލުންނެވެ.
އާ ސީޒަނުގެ ދެވަނަ މެޗުގައި އިންޓަ މިއާމީ ނުކުންނާނީ އަންނަ އާދިއްތަ ދުވަހު ލޮސް އެންޖެލެސް ގެލެކްސީއާ ދެކޮޅަށެވެ.

