ދުނިޔެ ތަރައްގީވަމުން ގޮސް ދިރިއުޅުމުގެ ހުރިހާ ކަމަކާ މުވާސަލާތީ ވަސީލަތްތަކާ ގުޅިލާމެހިއްޖެއެވެ. މުއާސަލާތީ ވަސީލަތްތަކުގެ ތެރޭގައި ހިމެނޭ މޮބައިލް ފޯނާއި ޓެބްލެޓާއި ޓީވީ ފަދަ ތަކެއްޗަކީ ދިރިއުޅުމުގެ ބޮޑުބަޔަކަށް ވެއްޖެ އެވެ. ކުޑަކުއްޖަކަސް، ބޮޑު މީހަކަސް ޓެކްނޮލޮޖީއާ ދުރުގައި ނުހުރެވެއެވެ. ވާނީވެސް އެހެންތާއެވެ. ކޮންމެ ދުވަހަކުހެން އަލަށް ތައާރަފުވާ އީޖާދުތަކުން ދިރިއުޅުމުގެ ކަންކަން ފަސޭހަކޮށްދެއެވެ. ވަގުތު ސަލާމަތްކޮށްދެއެވެ.
މުވާސަލާތީ އީޖާދުތަކުން ދިރިއުޅުމުގެ ވައްޓަފާޅިއަށް ފަސޭހަތައް ވާހެން އެކަމުގެ އަނެއްކޮޅަށް ބަލާލުމުން ގެއްލުންވެސް ލިބޭނެކަމީ ހަގީގަތެކެވެ. ކޮންމެ ދުވަހަކުހެން ނުކުންނަ އާ އީޖާދަކުން ލިބޭ ފައިދާ އާއި ފަސޭހަތަކާ އެއްވަރަށް މިފަދަ ވަސީލަތްތަކުން ލިބޭ ގެއްލުން ވެސް އެހާ ގިނަ އެވެ. މީގައި ކުޑަޔަސް ބޮޑު މީހަކަސް ތަފާތެއް ނެތެވެ. މިފަހަރު މި ބަލާލަނީ އަޅުގަނޑުމެންގެ އާންމު ދިރިއުޅުމުގެ އެންމެ ގާތް ބައިވެރިންގެ ތެރޭގައި ހިމެނޭ މޮބައިލް ފޯނާއި ޓެބްލެޓާއި ޓީވީގެ ސަބަބުން ކުޑަކުދިންނަށް ކުރާ ނޭދެވޭ އަސަރުތަކަށެވެ.
މި ދައްކަން އުޅޭ ވާހަކަ އަކީ ސްކްރީން ޓައިމްގެ ވާހަކައެވެ. ސްކްރީން ޓައިމަކީ ސްކްރީނެއްގެ ކުރިމަތީގައި މީހަކު ހޭދަ ކުރާ ވަގުތެވެ. ސްމާޓް ފޯނާއި ކޮމްޕިއުޓާގެ އިތުރުން ޓީވީ އާއި ޓެބްލެޓް ފަދަ އާލާތްތައް ބޭނުން ކުރުމަކީ ސްކްރީން ޓައިމެވެ. މިއީ އޭގެ ސަބަބުން ލިބޭ ގެއްލުން އިންތިހާ އަށް ބޮޑު ގިނަ ބެލެނިވެރިންނާއި މައިންބަފައިން ވަރަށް ބޮޑަށް ފަރުވާކުޑަ ކޮށްލާ ކަމެކެވެ. ތުއްތު ދަރިންނަށް ކާން ދޭ ވަގުތާއި އެ ކުދިން ރުއިން ހުއްޓުވުމަށް ސްކްރީނެއް ދެއްކުމަކީ ރާއްޖޭގައި ވެސް އާއްމު ކަމެކެވެ. އޮފީހަށް ދަމުން ޓީވީ ހުޅުވާލާފައި ނުވަތަ ޓެބްލެޓް ދީފައި ދަނީއެވެ. އެތައް ގަޑި އިރެއް ވަންދެން ކުއްޖާ ސްކްރީންގެ ތެރެއަށް ގެނބިގެންދަނީ އެވެ.
ސްކްރީން ނުދެއްކުން މާނަ ކުރަނީ ދުވާލަކު 10 މިނެޓު ވިޔަސް ކުއްޖާއަށް ސްކްރީން ނުދެއްކުމަކަށް ނޫނެވެ. އެ މިންވަރަށް ސްކްރީން ދެއްކުން އެންމެ ރަނގަޅެވެ. ގޯސްވަނީ ގަޑިދެގަޑިއިރު ކުއްޖާ ސްކްރީނެއް ކުރިމަތީ، ސްކްރީނަކަށް ގެއްލި އިނުމުންނެވެ.
ސްކްރީން ޓައިމަށް ހޭދަކުރާ ވަގުތު އިތުރު ވުމަކީ ކުއްޖާގެ ނަފުސާނީ ދުޅަހެޔޮކަމަށް ހީވެސްނުކުރާހާ ބޮޑެތި ގެއްލުންތައް ލިއްބައިދޭ ކަމެކެވެ. ވަކި މިންވަރަކަށްވުރެ ބޮޑަށް ކުޑަކުދިން ސްކްރީނަށް ދެވިހިފުމުން އެ ކުދިންގެ ސިކުނޑި ތަރައްގީވުމަށް އަސަރުކޮށް، ވާހަކަ ދެއްކުން ލަސްވާން (ސްޕީޗް ޑިލޭ) މެދުވެރިވެއެވެ. ހެދިބޮޑުވަމުން އަންނަ ސިކުނޑި ސްލޯވެ އެހެންކަންކަން ކުރަން ކުއްޖާ އަށް އުނދަގޫ ވެގެންދެ އެވެ. މީގެ އިތުރުން އެކި ކަންކަމަށް ކުއްޖާ ސަމާލުކަން ދޭ މިންވަރު ދަށްވުމާއި، ބެލެނިވެރިންނާ ކުދިންނާ އޮންނަ ގުޅުމަށް ނޭދެވޭ އަސަރު ކުރުމާއެކު ކުދިންގެ ނިދުމަށް ވެސް އަސަރު ކުރެއެވެ.
ދިރާސާތަކުން ދައްކާގޮތުން ސްކްރީން ޓައިމަށް ގިނައިރު ހޭދަކުރާ ކުދިންނަކީ އެހެން ކުދިންނާއި މުއާމަލާތުކޮށް ހެދުމުގައި އުނދަގޫތަކެއް ދިމާވާ އަދި ވީހާވެސް އެކަނި އުޅެން ބޭނުންވާ ކުދިންނެވެ. ސްކްރީނަށް ދެވޭ ވަގުތު ގިނަވެ އެކަމަށް ދެވިހިފައި ގިނަ ދުވަސްވާ ވަރަކަށް އެއާ ނުލައި އެ ކުދިންނަށް އެހެން ކަމެއް ނުކުރެވޭ ފަހަރުވެސް އާދެއެވެ. ކާ ގަޑި ޖެހޭއިރަށް ފޯނު، ޓީވީ ނުވަތަ ޓެބްލެޓް އޮން ކުރަން ޖެހެއެވެ. ސްކްރީން ނުދައްކަންޏާމު ކުއްޖާ ނުކާ ހާލަތަށް ވެސް އެބަދެ އެވެ. ބޮޑާހާކައެވެ. ދިރާސާތަކުން ދައްކާ ގޮތުން މިފަދަ ކުދިންގެ ގައިގައި ކެތްތެރިކަން ދަށްވެ ބޮޑަވަމުން އަންނަ އިރު ނުރަނގަޅު ސިފަތައް އަށަގެނުމުގެ ފުރުސަތު ބޮޑެވެ.
ކުޑަކުދިންނާ ބެހޭ ހާއްސަ ސައިކޮލޮޖިކަލް ޑޮކްޓަރު ކޭތްރިން ޓޭމިސް ސްކްރީން ޓައިމްއާ ބެހޭގޮތުން ލިޔެފައިވާ ލިޔުމެއްގައި ވިދާޅުވީ މާގިނައިން ކުއްޖާ ސްކްރީނަށް ވަގުތު ދޭ ނަމަ ކުއްޖާގެ ހެދިބޮޑުވުމަށް އަސަރު ކޮށް ދިރިއުޅުމުގެ ބޭސިކް ސްކިލްސް ދަސްކުރުމުގައި ދަތިތަކާ ކުރިމަތިވާ ކަމަށެވެ.
” ސްކްރީން ޓައިމް އަކީ ނުރަނގަޅު ގޮތެއްގައި ދެވިއްޖެނަމަ ކުއްޖާ އަށް ވަރަށް ގެއްލުންހުރި ކަމެއް. ކުއްޖާގެ ހެދިބޮޑުވުމަށް. މީގައި އެންމެ ގިނައިން ދިމާވަނީ ކޮމިއުނިކޭޝަން މައްސަލަ. ސްކްރީން ޓައިމްގެ ސަބަބުން އެހެން މީހުންނާ މުއާމަލާތު ކުރުން މަދުވެ ކުއްޖާގެ ވާހަކަ ދެއްކުމަށް އަސަރު ކުރޭ. ވާހަކަ ދައްކަން ދަސްވުން ލަސްވެގެންދޭ. މިފަދަ ކުދިން އަބަދުވެސް ބޭނުންވާނީ އެކަނި ކޮންމެވެސް ޑިވައިސް އެއް ހިފައިގެން އޭގެ ތެރޭގައި އުޅެން. މީގެ ނަތީޖާއެއްގެ ގޮތުން ސޯޝަލައިޒް ވުމުގެ ބައި ދަށްވެ ކުއްޖާ މުޖުތަމައު ތެރެއަށް ހޭނިގަތުމުގައި ދަތިތަކެއް ދިމާވޭ، ” ކޭތްރީން ލިޔެފައިވެއެވެ.
ތުއްތު ކުދިން އުމުރުން ދެތިން އަހަރު، ދެ ބަސް ގުޅުވައިގެން ވާހަކަ ދައްކަން ނުފެށުމާއި އެއް އުމުރެއްގެ ކުދިންނާ އެހާ ބޮޑަށް އިންޓެރެކްޓް ނުކުރުން، ކިޔެވުމަށް ޝައުގުވެރިކަން ނުހުރުމުގެ އިތުރަށް މީހުން ގޮވާލީމަ ސަމާލުކަން ނުދިނުން ފަދަ ކަންތަކަކީ ނުރަނގަޅު ގޮތެއްގައި ސްކްރީން ޓައިމް ދިނުމުގެ ސަބަބުން ދިމާވެދާނެ މައްސަލަތަކެއް ކަމަށް ކޭތްރީން ލިޔެފައިވެއެވެ.
ކުދިން ސްކްރީނާ ދުރުކޮށް، “އިންޓަރެކްޓިވް” ހަރަކާތްތަކުގައި ޝާމިލް ކުރުމަކީ އެ ކުދިންގެ ސިކުނޑީގެ ކުރިއެރުމަށް އެންމެ ފައިދާ ހުރި ގޮތެވެ. އެތައް އިރެއް ވަންދެން ކުއްޖާގެ ސަމާލުކަން ސްކްރީނަކަށް ދީގެން އިނުމުގެ ބަދަލުގައި، ސިކުނޑި ހިންގައިގެން ކަންކަން ކުރަން ޖެހޭ ނަމަ ކުއްޖާއަށް ގިނަ އެއްޗިސްތަކެއް ދަސްވެގެން ދާނެ އެވެ. ދަރިފުޅު ފޫހިވެގެން އުޅޭނަމަ މުވާސަލާތީ ޑިވައިސްތައް ބޭނުން ކުރަން ފުރުސަތު ދިނުމުގެ ބަދަލުގައި ކުރެހުން، ޕަޒްލް، ލެގޯ ފަދަ އަމިއްލަ ހުނަރު ބޭނުންކޮށްގެން ކުރެވޭ ކަންތައްތައް ކުއްޖާ ލައްވައި ކުރެވިދާނެ އެވެ.
މީގެ އިތުރުން ގޭގެ ކަންކަމުގައި އެހީވާން ފުރުސަތުދީ ކޮންމެވެސް ވަރަކަށް ކުއްޖާ ގޮވައިގެން ބޭރަށް ގޮސް ވަގުތު ހޭދަކުރުން ރަނގަޅެވެ. އަދި ތުއްތު ކުދިން ހެދި ބޮޑުވަމުން އަންނައިރު ކުއްޖާއާ ވީހާވެސް ގިނައިން ވާހަކަ ދައްކައި ވަގުތު ހޭދަކުރުމަކީ ސްކްރީން ޓައިމްގެ އަލްޓަނޭޓިވްސްގެ ގޮތުގައި ކުރެވިދާނެ ކަންކަމެވެ. ހާއްސަކޮށް ތުއްތު ކުދިންގެ އުމުރުގެ ކުރީކޮޅަކީ ސިކުނޑި އެންމެ ބޮޑަށް ހެދިބޮޑުވާ މުއްދަތު ކަމުން އެ ދުވަސްވަރުގައި ކުދިން އެހެން މީހުންނާ ވާހަކަ ދައްކައި، ކުޅެ، ކަންކަން އެކްސްޕްލޯ ކުރުމަކީ މުހިންމު ކަމެކެވެ.
ސްކްރީން ޓައިމް ނުރަނގަޅު ގޮތެއްގައި ދިނުމުން ލިބިދާނެ ގެއްލުންތަކުގެ ވާހަކަ ދެކެވިއްޖެއެވެ. ސްކްރީން އޭގެ ރަނގަޅު ގޮތުގައި ބޭނުން ހިފާނީ ކިހިނަކުން ހެއްޔެވެ؟ ދަރިފުޅަށް ސްކްރީން ދައްކަން ރަނގަޅުވާނީ ކޮން އުމުރެއްގައިތޯ އާއި، ކިހާ ވަގުތަކަށްތޯ މިއީ ވަރަށް ގިނަ ބެލެނިވެރިންގެ އުފެދޭ ސުވާލެކެވެ. ގިނަ ތަޖުރިބާކާރުން ލަފާދެނީ އުމުރުން 18 މަހުން ދަށުގެ ކުދިންނަށް އެއްވެސް ގޮތަކަށް ސްކްރީން ނުދެއްކުމަށެވެ. އަދި 18 މަހާއި ދެ އަހަރާ ދެމެދުގެ ކުދިންނަށް ސްކްރީން ދައްކާނަމަ ބެލެނިވެރިއަކު ކައިރީގައި ހުރެ، ސްކްރީނުގައިވާ ކަންތައްތައް ކިޔައިދީ، ވާހަކަދައްކާ ހެދުމެވެ. މީގެ އިތުރުން، ކުއްޖާ ނިދުމުގެ ދެ ގަޑިއިރު ކުރިން ސްކްރީންތައް ނިވާލުމާއި، ކޮންމެ ދުވަހަކު ވެސް ކުއްޖާ އަށް ސްކްރީން ބޭނުން ކުރަން ލިބޭނީ ކިހާއިރަކުކަން ކުއްޖާ ބައިވެރިކޮށްގެން ކަނޑައެޅުމަކީ ކުރެވިދާނެ ކަންތަކެވެ.

