ގއ.ވިލިނގިލީގައި ބައިނަލްއަގުވާމީ އެއާޕޯޓެއް ތަރައްޤީ ކުރުމަށް ބެލްޖިއަމްގެ ކުންފުންޏަކާއި ސަރުކާރުން ހަވާލުކުރައްވައިފިއެވެ.
މިމަޝްރޫޢުގެ އެއްބަސްވުމުގައި ސޮއިކުރައްވާފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ރާއްޖޭގެ ދެކުނަށް ކުރައްވަމުން ގެންދާ ދަތުރުފުޅުގައި، ގއ.ވިލިނގިލީގެ ރައްޔިތުންނާއި ބައްދަލު ކުރެއްވުމަށް ބޭއްވި ރައްސްމިއްޔާތުގެ ތެރެއިންނެވެ.
ގއ.ވިލިނގިލީގެ ބިން ހިއްކުމާއި ރަށުގައި އެއާޕޯޓެއް ތަރައްޤީކޮށް ދެއްވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދެކެވެ. އެމަނިކުފާނު އެކަން އިޢުލާނުކުރެއްވީ ކެމްޕެއިންގެ ތެރެއިން މިދިޔަ އޮގަސްޓްމަހު ވިލިނގިއްޔަށް ވަޑައިގެން ރައްޔިތުންނާއި ބައްދަލު ކުރެއްވުމަށް ބޭއްވި ރަސްމިއްޔާތުގައެވެ.
ވިލިނގިލީ ބައިނަލްއަގުވާމީ އެއާޕޯޓް ތަރައްޤީކުރުމަށް ހަވާލުކޮށްފައިވަނީ ބްރިޖު ޚަލީފާ އެޅުމުގައި ހަރަކާތްތެރިވި ކުންފުންޏެއް ކަމަށްވާ، އެން.ވީ.ބީސިކްސް ކުންފުންޏާއެވެ. މިކަމުގެ އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ އިމާރާތްކުރުމާއި ބިނާރާ ބެހޭ ވަޒީރު ޑރ.ޢަބްދުﷲ މުއްޠަލިބުއެވެ. ކޮންޓްރެކްޓަރުގެ ފަރާތުން ސޮއިކުރެއްވީ ބީސިކްސް ކުންފުނީގެ ބިޒްނަސް ޑިވެލޮޕްމަންޓް މެނޭޖަރު މރ.ސަރވް ޑޮލްމަންސްއެވެ.
މިމަޝްރޫޢުގައި ކުރިއަށްދާނެ މައިގަނޑު މަސައްކަތްތަކަކީ ވިލިނގިލީގައި އެއާޕޯޓް ތަރައްޤީކުރުމާއި ގއ. އަތޮޅުގައި ޓޫރިޒަމް ސިނާޢަތު ކުރިއެރުވުމަށް އިންވެސްޓްކޮށް ތަރައްޤީކުރުމެވެ. ވިލިނގިލީގައި އެއާޕޯޓު ތަރައްޤީކުރަނީ 2600 މީޓަރު ދިގު ރަންވޭއަކާ އެކުއެވެ. މިއީ 500 މިލިއަން ޑޮލަރާއި 750 މިލިއަން ޑޮލަރާއި ދެމެދުގެ އިންވެސްޓްމަންޓެއް ކަމަށް ސަރުކާރުން ވަނީ ހާމަކުރައްވާފައެވެ.
މިޕްރޮޖެކްޓްގައި އެއާޕޯޓް ތަރައްޤީ ކުރަނީ ރަށުގެ ފަޅުން ބިން ހިއްކައިގެންނެވެ. މި މަޝްރޫޢު ވެގެންދާނީ އެ ރަށުގައި މިހާތަނަށް ހިންގޭނެ އެންމެ ބޮޑު މަޝްރޫޢަށްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވަނީ ވިދާޅުވެފައެވެ.
މުޅި ހުވަދު އަތޮޅުގައި ޑޮމެސްޓިކް 4 އެއާޕޯޓް އަންނަނީ ހިންގަމުންނެވެ. އޭގެތެރެއިން ގއ. އަތޮޅުގައި ހިންގާ ހަމައެކަނި އެއާޕޯޓް، ކޫއްޑޫ އެއާޕޯޓް ހިންގަމުންދަނީ އަމިއްލަ ކުންފުންޏަކާއި ހަވާލުކޮށްގެންނެވެ.
ރައީސްގެ ވިސްނުންފުޅަކީ ވިލިނގިލީގައި އެއާޕޯޓް ތަރައްޤީކޮށް ބޭނުންކުރަން ފެށުމުން، މިހާރު މި ސަރަޙައްދުގައި ބޭނުންކުރަމުންދާ ކޫއްޑޫ އެއާޕޯޓް ޓްރެއިނިން އެއާޕޯޓެއްގެ ގޮތުގައި ބޭނުންކުރުމަށެވެ. އެއާޕޯޓާއެކު މި ސަރަޙައްދުގައި ހިންގާ އިންޓަގްރޭޓެޑް ޓުއަރިޒަމް މަޝްރޫޢުގެ ދަށުން 10000 އެނދު މި އަތޮޅުގައި ތަރައްޤީކުރުމަކީ އެމަނިކުފާނުގެ ވިސްނުންފުޅުކަމަށް ކެމްޕެއިން ތެރޭގައި ރައީސް ވަނީ ވިދާޅުވެފައެވެ.
މި އަތޮޅުގައި މީހުން ދިރިއުޅޭ 9 ރަށް އޮންނައިރު އަތޮޅުގެ އާބާދީ 10000އާއި ގާތްކުރެއެވެ. މި މަޝްރޫޢުތަކާއެކު ރަށާއި، އަތޮޅުގައި ތިބެގެން އާމްދަނީ ހޯދޭނެ ގިނަ ފުރުޞަތުތަކެއް ރައްޔިތުންނަށް ފަހިވެ އިޤްތިޞާދީގޮތުން ބޮޑެތި ކުރިއެރުތަކެއް އަންނާނެކަމަށް ސަރުކާރުން ވިދާޅުވެއެވެ.

