ސޫރިޔާގެ ވެރިރަށް ދިމިޝްގަށް އިސްރާއީލުން ދިން ވައިގެ ހަމަލާތަކުގައި ދެ މީހަކު މަރުވެއްޖެއެވެ.
ބުދަ ދުވަހު ހަމަލާ ދީފައި ވަނީ ސަލާމަތީ އަދި އަސްކަރީ މައި މަރުކަޒުތައް ހުންނަ ސަރަހައްދެއް ކަމަށްވާ ކަފްރް ސޫސާއަށް ކަމަށް ނިއުސް އެޖެންސީ ސަނާ އިން ބުނެފައި އެވެ. މި ހަމަލާތައް އިޒްރޭލުން ކަށަވަރުކޮށްދީފައެއް ނުވެއެވެ. އަލްޖަޒީރާއިން ވެރިފައިކޮށްފައިވާ ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯތަކުން ފެންނަގޮތުގައިމި ހަމަލާގައި 10 ބުރީގެ މަލްޓިސްޓޯރީ އިމާރާތެއްގެ އެޕާޓްމަންޓެއްގައި އަލިފާން ރޯވެފައި ވެ އެވެ. އަދި ކައިރީގައި ހުރި އިމާރާތްތަކުގެ ބިއްލޫރިތައް ތަޅައިގެން ގޮސް، އެ ސަރަހައްދުގައި ޕާކްކޮށްފައި ހުރި އެތައް ކާރުތަކަކަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފަ އެވެ. ކައިރީގައި ހުރި އަލްބަވާދަރު ޕްރައިވެޓް ސްކޫލަށް ދާން އޮތް ހުސް ބަހަކަށް ގެއްލުންވެ، ކުދިން ގެނައުމަށް މީހުން އަވަސްވެގަތް މަންޒަރުވެސް މި ވީޑިޔޯއިން ފެނެއެވެ. އެ އަވަށުގައި މީހުން ދިރިއުޅޭ އިމާރާތްތަކާއި އީރާނުގެ ސަގާފީ މަރުކަޒުތައް ވެސް ހުރެ އެވެ. ރޮއިޓާސް ނިއުސް އެޖެންސީން ރިޕޯޓްކޮށްފައިވާ ގޮތުގައި އެތާގައި އެވަގުތު ތިބި މީހުންނަށް އެއްޗެހިތަކެއް ގޮވި ބާރު އަޑުފައްގަނޑު އިވިފައިވެއެވެ. އެއާއެކު ފެނުނީ އެމްބިއުލާންސްތައް އެ ސަރަހައްދަށް ދިޔަ މަންޒަރެވެ.
މި ހަމަލާގައި މަރުވީ ކޮންބައެއް ކަމެއް އަދި ހާމަކޮށްފައެއް ނުވެއެވެ. އިނގިރޭސިވިލާތުގެ ހަނގުރާމައާ ދެކޮޅަށް މަސައްކަތްކުކުރާ މޮނިޓަރެއް ކަމަށްވާ ސީރިއަން އޮބްޒަވޭޓަރީ ފޯ ހިއުމަން ރައިޓްސް (އެސްއޯއެޗްއާރު) ގެ ވެރިޔާ ރާމީ އަބްދުއްރަހްމާން ވިދާޅުވީ މަރުވި ދެ މީހުން ތިބީ އެޕާޓްމަންޓެއްގެ ތެރޭގައި ކަމަށާއި ނަމަވެސް އެ ދެ މީހުންގެ ވަނަވަރު އެނގިފައި ނުވާ ކަމަށެވެ. އަބްދުއްރަހްމާން ބުނެފައިވަނީ މި ހަމަލާއަކީ މިދިޔަ މަހު ލުބުނާނުގެ ބެއިރޫތުގައި ފަލަސްތީނުގެ ހަމާސް ޖަމާއަތުގެ އިސް އޮފިޝަލެއް ކަމަށްވާ ސާލިހް އަލް އަރޫރީ މަރާލި ހަމަލާއާއި އެއްފަދަ ހަމަލާއެއް ކަމަށެވެ. އެސްއޯއެޗްއާރް އިން ބުނީ ދިމިޝްގަށް ދިން ބޮމުގެ ހަމަލާތަކަކީ އިޒްރޭލުން ސީރިއާގެ ސަރަހައްދަށް އަލަށް އަމާޒުކޮށް ދިން ހަމަލާއެއްގެ ނަތީޖާ ކަމަށެވެ.
އެ ޖަމާއަތުން ބުނެފައިވާ ގޮތުގައި މި އަހަރު ފެށުނީއްސުރެ ސީރިޔާގެ ސަރަހައްދަށް އިސްރާއީލުން 13 ހަމަލާއެއް ދީފައިވާ ކަމަށާއި އޭގެތެރޭގައި އަށް ވައިގެ ހަމަލާއާއި އެއްގަމު ސިފައިން ދިން ފަސް ރޮކެޓް ހަމަލާ ހިމެނޭ ކަމަށެވެ. އެ ހަމަލާތަކުގައި ގާތްގަނޑަކަށް 31 އަމާޒެއް ހަލާކުކޮށް 31 މީހަކު މަރުވެ، 13 މީހުން ޒަޚަމްވެފައިވާ ކަމަށެވެ. އެސްއޯއެޗްއާރް އިން ބުނެފައިވާ ގޮތުގައި މި އަހަރު އިޒްރޭލުން ދިން ހަމަލާތަކުގައި އާންމުންގެ އަށް މީހަކު ވެސް ވަނީ މަރުވެފަ އެވެ.
2011 ވަނަ އަހަރު ފެށި ހަނގުރާމައިގައި ރައީސް ބައްޝާރުލް އަސަދަށް ތާއީދުކުރި ފަހުން ތެހެރާނުގެ ނުފޫޒު ބޮޑުވެފައިވާ ސީރިއާގައި އީރާނާ ގުޅުން ހުރި ތަންތަނަށް އަމާޒުކޮށް އެމެރިކާ އާއި އިސްރާއީލުން އެތައް އަހަރެއް ވަންދެން ހަމަލާތައް ދެމުން ދެއެވެ. އިޒްރޭލުގެ ދެކުނުގެ ސަރަހައްދުތަކަށް ހަމާސްގެ ހަނގުރާމަވެރިން ވަދެ 1،100 އަށް ވުރެ ގިނަ މީހުން މަރާލައި، ގާތްގަނޑަކަށް 240 އެއްހާ މީހުން ހައްޔަރުކުރި ފަހުން އެ ހަމަލާތައް އަނެއްކާވެސް އިތުރުވެގެން ދިޔަ އެވެ. އިޒްރޭލުން ދީފައިވާ ހަމަލާތަކުގައި މިހާތަނަށް ފަލަސްތީނުގެ 29،000 އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފަ އެވެ.
މިދިޔަ މަހު ސޫރިޔާގެ ވެރިރަށް އަލް މެޒޭއަށް އިސްރާއީލުން ދިން ހަމަލާއެއްގައި އީރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައިއާރްޖީސީ) އިން ބޭނުންކުރާ އިމާރާތެއް ހަލާކުކޮށްލައި އީރާނުގެ ފަސް މީހަކު ވަނީ މަރުވެފަ އެވެ. މިދިޔަ ޑިސެމްބަރު މަހު ދިމިޝްގުގެ އަވަށަކަށް އިސްރާއީލުން ދިން ވައިގެ ހަމަލާއެއްގައި ސީރިއާގައި ހުންނަ އައިއާރްޖީސީގެ ޒަމާންވީ އެޑްވައިޒަރުކަން ކުރެއްވި އީރާނުގެ ޖެނެރަލް ސައީދު ރާޒީ މޫސާވީ ވަނީ އަވަހާރަވެފަ އެވެ. ފާއިތުވި އަހަރުތަކުގައި ސީރިއާގައި ތިބި ފަލަސްތީނާއި ލުބުނާނުގެ ހަތިޔާރު އެޅި ޖަމާއަތްތަކުގެ މެމްބަރުންނަށް ވެސް އިސްރާއިލުން އަމާޒުކޮށްފައި ވެއެވެ.

