ކޮނޑޭއަކީ ދަނޑުވެރިކަމުގެ ސިނާއަތް ވަރަށް ބޮޑަށް ކުރިއެރުވިދާނެ ރަށެއްކަމުގައި ފާހަގަކުރައްވައި އެކަމަށް ސަރުކާރުން އެއްބާރުލުން ދެއްވާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ މިއަދު ހަވީރު ގއ. ކޮނޑޭ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރަޢީސުލް ޖުމްހުރިއްޔާ ގއ ކޮނޑޭ ކައުންސިލާއި ބައްދަލުކުރެއްވުން/ފޮޓޯ: ރައީސް އޮފީސް
ކޮނޑޭ ސްކޫލުގައި ކުރިއަށްދިޔަ މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ދަނޑުވެރިކަމުގެ ސިނާއަތް ވަރުގަދަކުރުމަކީ މި ސަރުކާރުން ރާއްޖޭގެ އިޤްތިޞާދު ހަރުދަނާކުރަން ގެންގުޅުއްވާ ސިޔާސަތެއް ކަމުގައެވެ.

އެގޮތުން ރާއްޖޭގެ ރައްޔިތުންނަށް ބޭނުންވާ މިންވަރަށް ރާއްޖޭގައި އުފެއްދޭ އަދި އުފެއްދިދާނެ ހުރިހާ ބާވަތެއްގެ ތަކެތި އުފެއްދުން އެއީ، ރާއްޖޭގައި ފުޑް ސެކިއުރިޓީ ޤާއިމުކުރުމަށްޓަކައި މި ސަރުކާރުން ކަނޑައަޅާފައިއޮތް ވަރަށް ބޮޑު، މުހިންމު ސިޔާސަތެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރަޢީސުލް ޖުމްހުރިއްޔާ ގއ ކޮނޑޭ ކައުންސިލާއި ބައްދަލުކުރެއްވުން/ފޮޓޯ: ރައީސް އޮފީސް
ހަމަ އެއާއެކު ފަތުރުވެރިކަމުގެ ސިނާއަތުގައިވެސް އެތައް ރިސޯޓަކުން ކާބޯތަކެތި ރާއްޖެއިން ބޭރުން އެތެރެކުރާކަން ފާހަގަކުރައްވައި، އެ ދާއިރާއަށްވެސް ބޭނުންވާ ވަރަށް ރާއްޖޭގައި އުފެއްދޭ ކާބޯތަކެތި އުފެއްދުމަކީވެސް ސަރުކާރުގެ އަމާޒެއްކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރަޢީސުލް ޖުމްހުރިއްޔާ ގއ ކޮނޑޭ ކައުންސިލާއި ބައްދަލުކުރެއްވުން/ފޮޓޯ: ރައީސް އޮފީސް
މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ، ކޮނޑޭގެ ރައްޔިތުން ބޭނުންވާ ކަންކަން ކުރުމަށް ޚާއްޞަ ސަމާލުކަމެއް ދެއްވައިގެން މަސައްކަތް ކުރައްވައި ނަތީޖާ ނެރެދެއްވާނެކަމުގައި ވިދާޅުވެފައެވެ.

