ރާއްޖެއަށް އިޤްތިސާދީ އަދި ތަރައްޤީގެ ބޮޑު ބަދަލެއް ގެންނާނެ ސަރުކާރަކީ މިއީ ކަމަށްވާތީ ރާއްޖެއިން ބޭރާއި އެތެރޭގެ އަދާވާތްތެރިން މި ސަރުކާރު ފުރޮޅާލަން މަސައްކަތް ފަށައި ބައިއަތު ހިފައިފި ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ ހުވަދު އަތޮޅު އުތުރުބުރީ ރަށްތަކަށް ކުރައްވަމުންދާ ދަތުރުފުޅުގައި ބައިވެރިވެ ވަޑައިގެން ގއ.ވިލިނގިލީ ރައްޔިތުންނާއި ބައްދަލުކޮށް ޝަހީމް ވިދާޅުވީ މި ސަރުކާރު ނޫނީ ވެރިކަމަށް އައުމަށްފަހު އެހާ އަވަހަށް ފުރޮޅާލަން މަސައްކަތްކުރި ސަރުކާރެއް ނާންނާނެ ކަމަށެވެ. އެހެންކަމުން އަދާވާތްތެރިންގެ ކިނބައިން މި ޤައުމު ސަލާމަތްކޮށް ސަރުކާރު ދެމެހެއްޓުމަށް ގަދައަޅާ މަސައްކަތް ކުރުމަށް ޝަހީމް ވަނީ ގޮވާލާފައެވެ.
ވަޒީރު ވިދާޅުވީ ރައީސް މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވި އިރު ޤައުމު އޮތީ ވަރަށް ޙައްސާސް ހާލަތެއްގައި ކަމަށެވެ. އެގޮތުން ދިވެހި އިޤުތިޞާދާއި ދިވެހި ޤައުމިއްޔަތު އޮތީ ވަރަށް ނާޒުކު ކޮށްކަމަށް ޝަހީމް ވިދާޅުވިއެވެ. އަދި މި ހިނގާދިޔަ ގާތްގަނޑަކަށް 13 ހަފްތާގެ މުއްދަތުގެ ތެރޭގައި ޤައުމުގެ މިނިވަންކަމާއި ސިޔާދަތު ހިމާޔަތްކުރުމަށާއި، އެތައް ސަތޭކަ ބިލިޔަނުން ޤައުމު ދަރާފައިއޮތް ހާލަތުން އަރައިގަތުމަށް ބުރަ މަސައްކަތްތަކެއް ރައީސް ކުރެއްވިކަމަށް ޝަހީމް ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ އަޅުގަނޑުމެންގެ ތެރޭގައި ވާދަވެރިކަން އޮތް ނަމަވެސް، ބައިބައިވުމާއި ދެކޮޅުވެރިކަން އުފައްދައިގެން ނުވާނެ ކަމަށެވެ.
“ސިޔާސީ ކަންތައްތަކުގައްޔާއި އިޖުތިމާޢީ ކަންކަމުގައި އަޅުގަނޑުމެންގެ ތެރޭގައި ބައިބައިވުންތަކަށް ޖާގަ ދީގެން ނުވާނެ.” ޝަހީމް ވިދާޅުވިއެވެ.
މީގެ އިތުރުން މިއީ ދިވެހީންގެ ސަރުކާރެއް ކަމަށާއި، މިއީ ބޭރުމީހުންގެ ސަރުކާރެއް ނޫންކަމަށް ޝަހީމް ވަނީ ވިދާޅުވެފައެވެ.

