ސިޔާސީ މަގުސަދެއްގައި ގައުމުގައި ފިތުނަ ފަސާދަ އުފައްދަން ޖެހޭ ސަބަބެއް ނެތް ކަމަށާއި އެކަމަށް މިސަރުކާރުން ޖާގައެއް ނުދެއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސްޕެޝަލް އެޑްވައިޒަރު އަދި ޕޮރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ގއ. އަތޮޅަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން އެއަތޮޅު ވިލިގިއްޔަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާއި އެކީ ބޭއްވި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އަދުރޭ ވިދާޅުވީ، ރައްޔިތުންގެ ތަނަވަން އަގުލަބިއްޔަތަކުން މިސަރުކާރު ވެރިކަމަށް އައީ، ރައްޔިތުންނަށް ހެޔޮ ބަދަލެއް ގެނެސްދީ ގައުމަށް ބަދަލެއް ގެނައުމަށް ކަމަށެވެ.
މި ޖަލްސާގައި އަދުރޭ ވިދާޅުވީ، ސިޔާސީ ގޮތުން ތިމާ ހާސިލު ކުރަން ބޭނުން މަގާމެއް ހާސިލު ނުވުމަކީ ގައުމު ހާލާކުގެ ތެރެއަށް ވައްޓާލައި ފިތުނަ އުފައްދަން ޖެހޭ ސަބަބެއް ނޫން ކަމަށާއި އެކަމަށް ރައީސް މުއިއްޒުގެ ޓީމުން ޖާގައެއް ނުދެއްވާނެ ކަމަށެވެ.
“ސިޔާސީ ގޮތުން ތިމާ ހާސިލު ކުރަން ބޭނުންވާ މަގާމެއް ހާސިލު ނުވުމަކީ ގައުމު ހަލާކުގެ ތެރެއަށް ވައްޓާލުމަށްޓަކައި ފިތުނަފަސާދަ އުފައްދަން ޖެހޭ ސަބަބެއް ނޫން. އެ ފިތުނަ ފަސާދަ އަށް ޖާގަ ދޭކަށް ނޫން އަޅުގަނޑުމެން މިތިބީކީއެއް.” އަދުރޭ ވިދާޅުވިއެވެ.
މި ސަރުކާރާއި އެހެން ސަރުކާރުތަކާއި އޮތް ތަފާތު ވެސް ވަރަށް ތަފްސީލްކޮށް ދެއްވަމުން އަދުރޭ ވިދާޅުވީ، އެހެން ސަރުކާރުތަކުން ރައްޔިތުންނަށް ބޭނުންވާ އަދި ގައުމަށް ބޭނުންވާ ބޮޑެތި މަޝްރޫއުތައް ހިންގަނީ އެބައެއްގެ ދައުރު ނިމެން ކައިރިވެފައިވަނިކޮށް ކަމަށާއި ނަމަވެސް ރައީސް މުއިއްޒު މިހާރު ވެސް ގެންދަވަނީ ބޮޑެތި މަޝްރޫއުތައް ހިންގަމުން ކަމަށެވެ.
“އަޅުގަނޑުމެންނަށް ގިނަ ސަރުކާރުތަކުގައި ފެނިގެން ދަނީ ދައުރު ނިމެން ކައިރިވީމަ، ދެމަހަކަށް ތިން މަހަކަށް ވީމަ ބޮޑެތި މަޝްރޫއުތަކުގައި ސޮއި ކުރާތަން. ކުރިއަށް އޮތް ދައުރު އަލުން އަނބުރާ ހޯދަން ވެގެން. މިފަދަ ބޮޑު އިގްތިސޯދީ އަނދަވަޅެއްގެ ތެރޭގައު ގައުމު އޮތްއިރު ވެސް އިގްތިސޯދު ނަގައި ކޮޅަށް ޖެހުމަށްޓަކައި އެމަނިކުފާނު ކުރައްވަމުން އެގެންދާ މަސައްކަތް ކުރައްވަމުން ވެސް ރައްޔިތުންނަށްޓަކައި ވީ ވައުދުތައް ފުއްދުމުގައި އެގެންދަވަނީ އަވަދިނެތި މަސައްކަތް ކުރައްވަމުން” އަދުރޭ ވިދާޅުވިއެވެ.
އަދުރޭ ވިދާޅުވީ ސިޔާސީ މަސައްކަތަށް މީގެ 15 ވަރަކަށް އަހަރު ކުރިން އޭނާ ވިލިގިއްޏަށް ދިޔުމުން އެރަށުގެ ރައްޔިތުން ދައްކަމުން އައި އެންމެ ބޮޑު ވާހަކައަކީ ރަށުގައި އެއާޕޯޓެއް ނެތުމުގެ ވާހަކަ ކަމަށެވެ. ނަމަވެސް 15 އަހަރު ފާއިތުވެގެން ދިޔައިރު ވެސް ވެރިކަމަށް އައި އެއްވެސް ފަރާތަކަށް އެކަން ކޮށް ނުދެވުނު ކަމަށެވެ.
އެހެން ކަމުން ރައްޔިތުންގެ ހުވަފެން ހަގީގަތަކަށް ހަދައިދެއްވާނީ ރައީސް މުއިއްޒުކަން އަދުރޭ ވަނީ ފާހަގަ ކުރައްވާފައެވެ.

