ފަލަސްޠީނުގެ ޢައްޒާގެ އެންމެ ދެކުނުން އޮންނަ ރަފަޙުގައި ހުރި ޢާންމުން ދިރިއުޅޭ ޢިމާރާތަކަށް ޔަހޫދީ ފައުޖުން ދިން ރަޙުމު ކުޑަ ވައިގެ ޙަމަލާތަކެއްގައި އެ ޢިމާރާތުގައި ދިރިއުޅޭ ޢާއިލާގެ ގިނަ ޢަދަދެއްގެ މެންބަރުން ޝަހީދުވެއްޖެ އެވެ.
ރަފަހުގެ މި ޢާއިލާ ދިރިއުޅޭ ޢިމާރާތަށް ޔަހޫދީ ފައުޖުން ދީފައިވާ ޙަމަލާގައި އެ ޢާއިލާގެ 12 އަށްވުރެ ގިނަ މެންބަރުން ވަނީ ޝަހީދު ކޮށްލާފައެވެ. ނަމަވެސް އެ ޢަދަދު ސާފެއް ނޫނެވެ. ޔަހޫދީ ފައުޖުން އެ ގެއަށް ދީފައިވާ ޙަމަލާތަކުގައި އެ ޢިމާރާތް ވަނީ ސުންނާފަތި ކޮށްލާފައެވެ.
ރަފަޙުގެ ރައްޔިތެއް ކަމުގައިވާ ޢަބްދުއްރަޙްމާން ޖުމުޢާ ބުނީ ޔަހޫދީންގެ ޙަމަލާގައި އޭނާގެ އަންހެނުން، ނޫރްއާއި ދޮޅު އަހަރުގެ ދަރިފުޅު ޝަހީދުކޮށްލާފައިވާ ކަމުގައެވެ. އެ ޙަމަލާގައި ނޫރްގެ މައިންބަފައިންނާއި ބޭބެއާއި ޢާއިލާގެ އެހެން މެންބަރުން ވެސް ވަނީ ޝަހީދުވެފައެވެ.
ޔަހޫދީ ފައުޖުން ރަފަޙަށް ދެމުންދާ ޙަމަލާތައް އިތުރަށް ވަރުގަދަ ކޮށްފައި ވަނީ ޔަހޫދީންގެ ޢުދުވާންތައް ހުއްޓުމަކަށް ގެނައުމަށް ޤަޠަރާއި މިޞްރުން ގުޅިގެން ކުރިއަށް ގެންދާ މަޝްވަރާތަކުގައި ކޮންމެ ވެސް ވަރެއްގެ ކުރިއެރުންތަކެއް ލިބިފައިވާ ދަނޑިވަޅެއްގައެވެ. މަޝްވަރާތައް ކުރިއަށް ދިޔަ ނަމަވެސް، ޔަހޫދީ ފައުޖުން ދަނީ އެއްގަމު މަގުން ޣައްޒާއަށް އަރައި ޢުދުވާންތައް ފުޅާ ކުރަން ތައްޔާރުވަމުންނެވެ.
ރަފަޙުގައި މި ވަގުތު 1.5 މިލިޔަނަށް ވުރެ ގިނަ ޢަދަދަކަށް ފަލަސްޠީން ރައްޔިތުން އެބަތިއްބެވެ. އެ ރަށުގެ ރައްޔިތުން ބުނީ ޔަހޫދީ ފައުޖުގެ އަސްކަރީ މަތިންދާބޯޓުތަކާއި މަނަވަރުން ވެސް އެ ރަށަށް ޙަމަލާދެމުންދާ ކަމުގައެވެ.
ޔަހޫދީ ފައުޖުގެ ޙަމަލާތައް މި ވަގުތު އެންމެ ވަރުގަދަ ކޮށްފައި ވަނީ ރަފަޙާ އިންވެގެން އޮންނަ ޚާން ޔޫނިސްގައެވެ. އެ ރަށުގެ ރައްޔިތުން ބުނީ އެ ރަށާ އިންވެގެން އޮތް އާލްމަވާޞީއަށް ވެސް ޔަހޫދީ ފައުޖުގެ އަސްކަރީ ޓޭންކުތަކުން މިހާރު އަރާފައިވާ ކަމުގައެވެ. އެ ރަށުގައި ވެސް ޔަހޫދީ ފައުޖުގެ ޢުދުވާންތަކުން ސަލާމަތްވުމަށް ފަލަސްޠީނުގެ ޢާންމުންގެ ގިނަ ޢަދަދެއްގެ ބަޔަކު ދަނީ ރައްކާތެރިކަން ހޯދަމުންނެވެ.
ޣައްޒާގެ ޞިއްޙީ ވުޒާރާއިން ބުނީ އޮކްޓޫބަރު 7ން ފެށިގެން ޔަހޫދީ ފައުޖުން ހިންގަމުންދާ ލާއިންސާނީ ޢުދުވާނުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ ޢަދަދު 29,303 އަށް އުފުލިފައިވާ ކަމުގައެވެ. މީގެ ތެރޭގައި ގިނައީ އަންހެނުންނާއި މައުސޫމު ކުޑަކުދިންނެވެ. އަދި ޒަޚަމު ކޮށްލާފައިވާ މީހުންގެ ޢަދަދު 69,333 އަށް އަރައެވެ.
ޔަހޫދީންގެ ޢުދުވާންތަކާ ގުޅިގެން ޣައްޒާގައި ހާލުގައި ޖެހިފައިވާ 2.3 މިލިޔަނެއްހާ މީހުންނަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދޭން ވެސް އޮތީ ހުރަސް އެޅިފައެވެ. އދ އިން ބުނީ ފާއިތުވި ދެ ހަފުތާއެއްހާ ދުވަހުގެ ތެރޭގައި ޣައްޒާއަށް ކާބޯތަކެއްޗާއި އިންސާނީ އެހީގެ ސާމާނު އެތެރެ ކޮށްފައިވާ ނުވާ ކަމުގައެވެ. ޣައްޒާގައި ހާލުގައި ޖެހިފައިވާ މީހުންނަށް އިންސާނީ އެހީ ފޯރުކޮށްދޭން ޔަހޫދީ ފައުޖުން ދަނީ ކެނޑިނޭޅި ހުރަސް އަޅަމުންނެވެ.

