ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް އިދިކޮޅު މައި ޕާޓީ މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) އަށް މިއަދު ސޮއިކުރައްވައިފި އެވެ.
އެމްޑީޕީގެ އޮފީހުގައި މިއަދު އެ ޕާޓީއަށް ސޮއިކުރެއްވުމަށް ފަހު ފައިސަލްގެ ފޯމާ ހަވާލުވީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެވެ. އެ ބޭފުޅުންގެ އަރިހުގައި އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް އަދި އެ ޕާޓީގެ ރައީސް އަބްދުالله ޝާހިދު ހުއްޓެވެ.
ޖުމްހޫރީ ޕާޓީ (ޖޭޕީ) އުފެދުނީއްސުރެ އެ ޕާޓީގެ މެންބަރެއްގެ ގޮތުގައި ހުންނެވުމަށްފަހު ފައިސަލް އެ ޕާޓީން ވަކިވެވަޑައިގަތީ މިދިޔަ މަހުގެ 21 ގައެވެ.
ނިމިދިޔަ ރިޔާސީ އިންތިހާބުން ފެށިގެން ފައިސަލް މަސައްކަތް ކުރައްވަމުން ގެންދަވަނީ އެމްޑީޕީއާ އެކުގައެވެ. ރިޔާސީ އިންތިހާބުގައިވެސް ފައިސަލް ތާއީދުކުރެއްވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށެވެ.
ފައިސަލް ސިޔާސީ ހަޔާތް ފެއްޓެވީ 2004 ވަނަ އަހަރު ރައްޔިތުންގެ ހާއްސަ މަޖިލީހުންނެވެ. އޭނާ ވަނީ ފުވައްމުލަކު މެންބަރެއްގެ ގޮތުގައި ހާއްސަ މަޖިލީހުގައި ހިދުމަތް ކުރައްވައިފައެވެ. އެއަށް ފަހު، 2005 ވަނަ އަހަރު އެމްޑީޕީ އުފެއްދުމާ އެކު އެ ޕާޓީއަށް ފައިސަލް ސޮއިކުރެއްވިއެވެ.
އޭގެ ފަހުން، އެމްޑީޕީގައި ހުންނެވުމަށްފަހު، 2008 ވަނަ އަހަރު، ގާސިމް ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނު ކުރައްވައި ޖޭޕީ އުފެއްދެވުމާ އެކު ފައިސަލް ވަނީ އެ ޕާޓީއަށް ސޮއިކުރައްވައިފައެވެ. އެއަށް ފަހު، މިދިޔަ މަހާ ހަމައަށް އޭނާ ހުންނެވީ ޖޭޕީގައެވެ.
ނައިބު ރައީސަކަށް ވުމުގެ ކުރިން ފައިސަލް ވަނީ، 2014 ވަނަ އަހަރު ބޭއްވި ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި ކާށިދޫ ދާއިރާގެ މެންބަރަކަށް އިންތިހާބުވެވަޑައިގަތް، އެ ދާއިރާގެ މެންބަރުކަން ކުރައްވައިފައެވެ.

