ޕޮލިސް ޕޯސްޓު ހުޅުވުމަށް މިއަދު ހެނދުނު ކޮނޑޭގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި، ޕޮލިސް ޕޯސްޓު ހުޅުއްވައިދެއްވީ ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ޝުޖާޢު އާއި ކޮނޑޭ ކައުންސިލު ރައީސް އަޙްމަދު .ޢަބްދުލްޙަކީމްއެވެ
ކޮނޑޭ ޕޮލިސް ޕޯސްޓު ހުޅުއްވައިދެއްވުމަށްފަހު ގައުމީ ދިދަ ނަންގަވައިދެއްވީ ކޮނޑޭ ކައުންސިލުގެ ރައީސް އަޙްމަދު ޢަބްދުލްޙަކީމްއެވެ. އަދި ފުލުހުންގެ ދިދަ ނަންގަވައިދެއްވީ ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ޝުޖާޢުއެވެ.
ޕޮލިސް ޕޯސްޓު ހުޅުވައިދެއްވައި ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ޝުޖާޢު ދެއްކެވި ވާހަކަ ފުޅުގައި، މިއަދަކީ ވަރަށް ވެސް ތާރީހީ ދުވަހެއްކަން ފާހަގަކުރައްވައި ދިވެހި ފުލުހުންގެ ޚިދުމަތުގެ ދިދަ ކޮނޑޭގައި ނަގައި ރަށުގައި ދިރިއުޅޭ އަދި ރަށަށް ޒިޔާރަތްކުރާ އެންމެހައި ފަރާތްތަކަށް އަމާންކަން ކަށަވަރުކޮށްދިނުމަށް ރަސްމީކޮށް ފުލުހުން ގާއިމުކުރުމުގެ ފެށުން ފާހަގަ ކުރެވި، ފުލުހުންގެ ޚިދުމަތް އިފްތިތާހުކުރެވިގެން ދިޔަ ދުވަސްކަމަށް ވިދާޅުވިއެވެ. އަދި އެރަށުގައި ޕޮލިސް ޕޯސްޓެއް ހުޅުވުމުން ގއ. އަތޮޅުގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ވެސް ފުލުހުންގެ ހިދުމަތް ގާއިމުވެގެންދާނެކަމަށް ވިދާޅުވިއެވެ.

ސީޕީވަނީ މިއީ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފުލުހުންގެ ޚިދުމަތް ގާއިމުކުރެވުނު ދެވަނަ އަތޮޅުކަމަށް ވިދާޅުވެފައެވެ. އަދި ސަރުކާރުގެ ހަފްތާ ސާދައިގައި ހިމެނިފައިވާ 19 ޕޮލިސް ޕޯސްޓު ހުޅުވުމުގެ މަސައްކަތް، މިއަދު ހުޅުވިގެން މިދިޔަ ކޮނޑޭ ޕޮލިސް ޕޯސްޓާއެކު ނިންމަވާލެވުނީކަން ވެސް ސީޕީ ފާހަގަ ކުރެއްވިއެވެ.
އޭގެ އިތުރުން، 600 އެއްހައި މީހުން ދިރިއުޅޭ ކޮނޑޭ ފާހަގަކުރެވިފައި ވަނީ އަހުވަންތަ ކުށްމަދު އަމާން މުޖުތަމައެއްގެ ގޮތުގައި ކަމަށާއި ސަރުކާރުގެ ވަޒީފާތަކާއި ކައިރި ރިސޯޓުތަކުގައި ވަޒީފާއަދާކުރާ ހަރުދަނާ ރައްޔިތުންތަކެއް ތަމްސީލުކުރާ މިރަށުގައި އަމާންކަން ދެމެހެއްޓުމަކީ ވަރަށް މުހިންމު ކަމެއްކަމުގައި ދެކޭކަމަށް ވިދާޅުވިއެވެ.

އަދި މިއަތޮޅަކީ ދެ އެއާޕޯޓެއް އޮތް އަތޮޅަކަށް ވެފައި ލޯކަލް ޓޫރިޒަމް ފުޅާވެގެންދާދިއުމަކީ އޭގެ ސަބަބުން ރަށުގެ އާންމު މަސްލަހަތާއި ކުށުގެ ވެއްޓަށް ބަދަލުތަކެއް އަންނާނެކަމެއްކަން އަންދާޒާކުރެވޭ ކަމަށާއި، ޓެކްނޮލޮޖީއާއި ދިރިއުޅުމުގެ ހާލަތު މިއަދު ބަދަލުވަމުން އަންނައިރު ކުށްކުރާ ފަރާތްތަށް އެކުށްތަކަށް އަރައިގަންނަ ގޮތްތަށް ވެސް މިއަދު ބަދަލުވެފައިވާކަން ފާހަގަކުރައްވައި ސީޕީ ވިދާޅުވީ، ދިވެހި ފުލުހުންގެ ޚިދުމަތުން ރައްޔިތުންނަށް ކިދުމަތްދިނުމުގައި އަމަލުކުރާ މައިގަނޑު އަސާސަކީ މުޖުތަމައާ ގުޅިގެން، ކުށްވިޔަ ނުދިނުމަށް މަސައްކަތްކުރުން ކަމަށާއި ކުށް ހިނގަން މެދުވެރިވާ ސަބަބުތައް ދެނެގަނެ އެކުށަކަށް އަރައިގަތުމުގެ ކުރިން އެކުށެއް އުފެދެން ދިމާވާ ސަބަބުތައް ނައްތާލުމަށް މަސައްކަތްކުރުންކަމަށެވެ.

