ބާ ކައުންސިލް އޮފް މޯލްޑިވްސްގެ ކުރީގެ ރައީސް މަރުހޫމް އިސްމާއިލް ވިޝާމްގެ ހަނދާނުގައި “އިސްމާއިލް ވިޝާމް އަޕް-އެންޑް-ކަމިން ލޯޔާ” އެވޯޑު ތައާރަފުކޮށްފި އެވެ.
ބާ ކައުންސިލުން މި އެވޯޑު ތައާރަފުކުރީ ވިޝާމްގެ ހަނދާނުގައި ބޭއްވި ތައުބީނުގެ ޖަލްސާއެއްގަ އެވެ. އެ ޖަލްސާގައި ގިނަ އަދަދެއްގެ ވަކީލުންނާއި ގާނޫނީ ދާއިރާގައި ހަރަކާތްތެރިވާ ގިނަ ބަޔަކު ބައިވެރިވި އެވެ. އެ ޖަލްސާގައި ބާ ކައުންސިލުން ވަނީ އެ ކައުންސިލުން އަރުވާ އެންމެ މަތީ ދަރަޖައިގެ ރިކޮގްނިޝަން އެވޯޑް، “އެކްސްޓްރާއޯޑިނަރީ ސާވިސް އެވޯޑް” ވެސް ވިޝާމް އަށް އަރުވައިފަ އެވެ.
ކުޅަދާނަ ގާނޫނީ ވަކީލު ވިޝާމް އަވަހާރަވީ މިދިޔަ މަހުގެ 31 ގަ އެވެ.
ބާ ކައުންސިލުގެ ރައީސްކަމަށް ވިޝާމް އައްޔަން ކުރީ 2022 ވަނަ އަހަރުގެ ޖޫން 12 ގަ އެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ދައުރުގައި އެޓާނީ ޖެނެރަލްގެ ނައިބުކަން ވެސް ކުރެއްވި އެވެ.

