ހައުސިންގް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ކުރިއަށް ގެންދިޔަ އެޕްރެންޓިސްޝިޕް ޕްރޮގްރާމް ނިމި، ސަނަދު ހަވާލު ކުރުމުގެ ރަސްމިއްޔާތު މިއަދު ބާއްވައިފިއެވެ.
މި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓް އެންޑް ޓްރޭޑް، އަލްފާޟިލް މުހައްމަދު ސައީދެވެ.

މި ޕްރޮގަރާމަކީ އެޗްޑީސީން ހިންގި މިފަދަ 6 ވަނަ އެޕްރެންޓިސްޝިޕް ޕްރޮގްރާމެވެ. މި ޕްރޮގްރާމްގެ ތެރެއިން އެކި ކަހަލަ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ވެސް ތަމްރީނުވުމުގެ ފުރުސަތު އެ ކުންފުނިން ވަނީ ހޯދައިދީފައި ވެއެވެ. މިއަހަރު ކުރިއަށް ގެންދިޔަ އެޕްރެންޓިސްޝިޕް ޕްރޮގްރާމް ނިންމައި 75 ބައިވެރިން ވަނީ ސަނަދު ހާސިލްކޮށްފައެވެ.
މޯލްޑިވްސް ނެޝަނަލް ސްކިލްސް ޑިވެލޮޕްމަންޓް އޮތޯރިޓީގެ ނެޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމް (އެން.އޭ.ޕީ) ގެ ގައިޑްލައިންސްއާ އެއްގޮތްވާ ގޮތުގެ މަތިން ކުރިއަށް ގެންދިޔަ މި އެޕްރެންޓިސްޝިޕް ޕްރޮގްރާމް ނިންމާ ބައިވެރިންނަށް ދީފައިވަނީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ ޤަބޫލުކުރާ ނެޝަނަލް ލެވެލް 3 ގެ ސަނަދެކެވެ.
6 މަސްދުވަހުގެ މުއްދަތައް ކުރިއަށް ގެންދެވުނު މި ޕްރޮގްރާމުގައި 10 ދާއިރައަކުން ބައިވެރިން ތަމްރީނު ކުރެވުނެވެ. މި ދާއިރާތަކަކީ ހެވީވެހިކަލް، ގާރޑަނިންގ، ރެފްރިޖަރޭޝަން އެންޑް އެއަރ ކޮންޑިޝަން މެކޭނިކް، އިންވެންޓްރީ މެނޭޖްމަންޓް، ކޮމްޕިއުޓަރ ހާޑްވެއަރ އެންޑް ނެޓްވޯކިން، ހައުސްކީޕިންގ، ފްރަންޓް އޮފީސް ސަރވިސަސް، ހެލްތް އެންޑް ސޭފްޓީ އިން ކޮންސްޓްރަކްޝަން، ޕެއިންޓިންގ އެންޑް ޑެކަރޭޝަންސް އަދި ކޮންސްޓްރަކްޝަން ސައިޓް ސުޕަވިޝަންގެ ދާއިރާއެވެ.
މި ޕްރޮގްރާމްގެ ބައިވެރިންނަށް ކޮންމެ މަހަކު އެލަވަންސްއެއް ދީފައިވާ ކަމަށާއި މި އެލަވަންސް ދިނުމުގައި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓްގެ ފަރާތުން ފައިސާގެ އެހީތެރިކަން ލިބިފައިވާކަމަށް އެޗްޑީސީން މައުލޫމާތުދެއެވެ.

މި ޕްރޮގްރާމްގެ މަޤުސަދަކީ ކުރިއަށްދާނެ ވަކި ދާއިރާއެއް ކަނޑަނޭޅި ތިބި ބައިވެރިންނަށް ފުރުސަތުތަކެއް ހުޅުވާލައި ނެޝެނަލް ލެވެލްގެ ސެޓްފިކެޓެއް ހޯދައި ވަޒީފާގެ މައިދާނަށް ނުކުތުމުގައި އެހީތެރިވެދިނުން ކަމަށް އެޗްޑީސީން މައުލޫމާތުދެއެވެ. އަދި ވަޒީފާގެ ބާޒާރުގައި ޒުވާނުންނަށް، ކުރެވެން ހުރި ކަންތައްތައް، ބިދޭސީންގެ އަތްމައްޗަށް ދޫކޮށްނުލައި އެކަމަށް އެކަށޭނެ މީހުން ތަމްރީން ކުރުމާއި، ޒުވާނުންނަކީ އެއްވެސް ވަރަކަށް ފަސްނުޖެހޭ، އަމަލީ މަސައްކަތްތައް ދަންނަ ޤާބިލް ބަޔަކަށް ހެދުމަކީ މި ޕްރޮގްރާމުގެ މަގްސަދުތަކުގެ ތެރޭގައި ހިމެނޭ ކަންކަން ކަމަށް އެޗްޑީސީން މައުލޫމާތުދެއެވެ.
ޒުވާނުން ތަމްރީނުކުރުމަށް ސަރުކާރުގެ ފަށާފައިވާ އަމާޒުގައި އެޗް.ޑީ.ސީގެ ފުރިހަމަ އެއްބާރުލުން ލިބޭނެކަމާއި ޤައުމު ތަރައްޤީ ކުރުމުގައި، ޤައުމުގެ ޒުވާނުން ބިނާކުރަން ގިނަގުނަ މަސައްކަތްތަކެއް އެޗް.ޑީ.ސީއިން ކުރާނެކަމުގައި މި ޕްރޮގްރާމް އިފްތިތާޙު ކުރުމުގެ ރަސްމިއްޔާތުގައި އެޗް.ޑީ.ސީ.ގެ މެނޭޖިންގ ޑައިރެކްޓަރ އަލްފާޟިލް އިބްރާހިމް ފަޒުލް ރަޝީދު ވިދާޅުވިއެވެ. އަދި ގިނަ ދާއިރަތަކަކުން ޤާބިލް ޒުވާނުން ބިނާކުރުމާއި ޒުވާނުންގެ ކުރިއެރުމަށް ގިނަ ފުރުޞަތުތަކެއް ތަނަވަސްކޮށްދޭން މި ކުންފުނިން އަބަދުވެސް މަސައްކަތްކުރާނެކަން ފާހަގަކުރެއްވިއެވެ.
މީގެއިތުރުން މިޕްރޮގްރާމް ނިމިގެންދާއިރު އެންމެ ރަނގަޅު ފަރާތްތަކަށް މިކޯޕަރޭޝަނުގައި ވަޒީފާގެ ފުރުސަތުތައް ހުރި މިންވަރަކުން ވަޒީފާ ހަމަޖައްސައި ދެވޭނެއެވެ.

