އައިލެންޑް އޭވިއޭޝަނުން އައްޑޫގައި ހިންގާ އޭވިއޭޝަން އެކަޑަމީން ޕައިލެޓުކަން ކިޔެވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
މޯލްޑިވިއަން އޭވިއޭޝަން އެކެޑަމީގެ ޕައިލެޓް ޓްރެއިނިންގް ޕްރޮގްރާމްގެ މި އަހަރުގެ އެޕްރިލް އިންޓޭކުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލިއިރު ކޮމާޝަލް ޕައިލެޓް ލައިސަންސް ވިތް މަލްޓި އިންޖިން ޕިސްޓަން ރޭޓިންގް އާއި އޭޓީޕީއެލް ތިއަރީ އަދި ސިންގަލް އަދި މަލްޓި އިންޖީން އިންސްޓްރޫމަންޓް ރޭޓިންގް ހިމެނެއެވެ.
އެއް އަހަރުން ދުވަހުން ޕައިލެޓުކަން ކިޔަވައި ނިމޭއިރު ހަ މަސް ދުވަހުގެ ތިއަރީ ބަޔަކާއި އިތުރު 6 މަސް ދުވަހުގެ ފްލައިޓް ޓްރެއިންން ބަޔެއް މި ޕްރޮގްރާމުގައި ހިމެނެއެވެ.

ތިއަރީ ބައިގައި 750 ގަޑިއިރު ކްލާސްތައް ނަގައިދޭއިރު ފްލައިޓް ޓްރެއިނިންގް ކުރިއަށްދާނީ އައްޑު އަތޮޅު ގަމުގައެވެ. މޯލްޑިވިއަން އޭވިއޭޝަން އެކަޑަމީ މައުލޫމާތު ދޭ ގޮތުގައި މި ކޯސްތަކުގައި ބައިވެރިވުމުގެ ޝަރުތުތަކުގެ ތެރޭގައި އުމުރުން 17 އަހަރުވެފައިވުމާއި، އޯ ލެވެލް ފުރިހަމަ ކޮށް، އިނގިރޭސި، ހިސާބު އަދި ފިޒިކްސް މާއްދާ އިން ފާސްވެފައިވުން ނުވަތަ އެއާ އެއް ފެންވަރުގެ ކޮލިފިކޭޝަނެއް ހާސިލްކޮށްފައިވުމުގެ އިތުރުން ކްލާސް 1 މެޑިކަލް ލައިސަންސް އޮތުން ހިމެނެއެވެ.
ކޯހުގެ ފީ އަކީ އެއް އަހަރު ދުވަހުގެ މުޅި ޓްރެއިނިންގް އަށް 63،000 އެމެރިކާ ޑޮލަރެވެ. ކޯސް ފީ ދެއްކުމަށް ލުއި ދިނުމުގެ ގޮތުން ހަތަރު އިންސްޓޯލްމަންޓަށް ބަހައިގެން ދެއްކޭނެ ގޮތް އެކަޑަމީން ވަނީ ހަަމަޖައްސައިފައެވެ.
ކޯހުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން އިތުރު މައުލޫމާތު ހޯދުމަށް މޯލްޑިވިއަން އޭވިއޭޝަން އެކަޑަމީގެ އެޑްމިޝަން މެއިލް admissions@maldivianaviationacademy.com ޒަރިއްޔާއިން ނުވަތަ 7914242 އާއި ގުޅައިގެން ވެސް މައުލޫމާތު ސާފު ކުރެވޭނެ ކަމަށް މޯލްޑިވިއަނުން މައުލޫމާތުދެއެވެ.

މި ކޯހާ ބެހޭ މައުލޫމާތު ދިނުމަށް މޯލްޑިވިއަން އޭވިއޭޝަން އެކަޑަމީން މާދަމާ މެންދުރު 3 އިން 6 އާ ދެމެދު އައްޑޫ ހައި ސްކޫލް ހޯލް ގައި އިންފޮމޭޝަން ސެޝަނެއް ބާއްވަން ވަނީ ހަމަޖެހިފައެވެ.
މޯލްޑިވިއަން އޭވިއޭޝަން އެކަޑަމީން ވަނީ މީގެ ކުރިން ވެސް ޕައިލެޓުން ތަމްރީން ކުރުމުގެ ޕްރޮގްރާމުތައް ކާމިޔާބުކަމާއެކީ ބާއްވައިފައެވެ. އެ ޕްރޮގްރާމްތަކަށް ބޮޑު ތަރުހީބެއް ލިބިފައިވާކަން ފާހަގަކޮށްލެވެއެވެ.

