ސަރުކާރުން ކުރަމުން އަންނަ މަސައްކަތްތަކާ ބެހޭ މައުލޫމާތު ހިއްސާކޮށް ރައްޔިތުން ކުރަން ބޭނުންވާ ސުވާލުތަކަށް ޖަވާބު ދެއްވުމަށް ބާއްވާ އާހާ ޕްރޮގްރާމްގެ ދެވަނަ ފޯރަމް މާދަމާ ރޭ ބޭއްވުމަށް ހަމަޖައްސައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވިދާޅުވީ މާދަމާރޭގެ ފޯރަމްގައި ބައިވެރިވެވަޑައިގެން ރައްޔިތުންގެ ސުވާލުތަކަށް ޖަވާބު ދެއްވާނީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ކަމަށެވެ.
މި ފޯރަމް ކުރިއަށް ގެންދަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި ޕަބްލިކް ސަރވިސް މީޑިއާ، ޕީއެސްއެމް ގުޅިގެން ބާއްވާ މި ފޯރަމް އޮންނާނީ ސަލްޓަން ޕާކުގައި މާދަމާ ރޭ 8:45ގައެވެ.
ސަރުކާރުގެ މަސައްކަތްތަކާއި ބެހޭގޮތުން ރައްޔިތުންނަށް މައުލޫމާތު ދިނުމަށް ބާއްވާ ފޯރަމް ދެ ގޮތަކަށް ކުރިއަށް ގެންދިއުމަށް ވަނީ ނިންމައިފައެވެ. އެގޮތުން ބައެއް ފޯރަމް ތަކުގައި ރައީސުލްޖުމްހޫރިއްޔާ ބައިވެރިވެވަޑައިގަންނަވާ ގޮތަށް ހަމަޖައްސާފައިވާއިރު، އެހެން ފޯރަމްތަކުގައި ބައިވެރިވެވަޑައިގަންނަވާނީ ވަޒީރުންނެވެ.
މާދަމާ ރޭގެ ފޯރަމްގައި ރައީސުލްޖުމްހޫރިއްޔާ ބައިވެރިވެ ވަޑައިގަންނަވާ ގޮތަށް ހަމަޖެހިފައި ވާއިރު، ސަރުކާރުން ކުރަމުން އަންނަ މަސައްކަތްކާ ގުޅޭގޮތުން ރައްޔިތުންނަށް މައުލޫމާތު ދިނުމުގެ އިތުރުން ރައްޔިތުންގެ ހުރި ސުވާލުތަކަށް އެމަނިކުފާނު ޖަވާބު ދެއްވާނެ އެވެ.
ވަޒީރުންގެ ޕަބްލިކް ފޯރަމްގައި ބައިވެރިވެ ސުވާލުކުރުމުގެ ފުރުސަތު އާއްމުކޮށް ހުޅުވާލާފައިވާއިރު، ފޯރަމް އޮންނަ ތަނަށް ގޮސް ސުވާލުކުރުމުގެ އިތުރުން، ފޯނުން ގުޅައިގެންނާއި އެސްއެމްއެސްގެ ޒަރިއްޔާއިން އަދި ސޯޝަލް މީޑިއާ މެދުވެރިކޮށްވެސް ފޯރަމަށް ސުވާލު ފޮނުވޭނެ އިންތިޒާމް ވަނީ ހަމަޖައްސަވައިފައެވެ.

