ރައްޔިތުންގެ މަޖިލީހުގެ މެންބަރުން އިންތިހާބުވި ޕާޓީ އިން އިސްތިއުފާ ދީފި ނަމަ ގޮނޑި ގެއްލޭ، “އެންޓި ޑިފެކްޝަން” ގާނޫނެއް އަލުން އެކުލަވާލަން އިދިކޮޅު މައި ޕާޓީ، އެމްޑީޕީން މަޖިލީހަށް ހުށަހަޅައިފި އެވެ.
އެމްޑީޕީން ހުށަހަޅާފައިވާ އެންޓި ޑިފެކްޝަން ބިލުގައިވާ ގޮތުން މަޖިލީހަށް ޕާޓީ ޓިކެޓެއްގައި ވާދަކޮށް އިންތިހާބުވާ މެމްބަރަކު އަމިއްލަ އަށް ޕާޓީން ވަކިވެއްޖެނަމަ މެމްބަރުކަމުން އަމިއްލައަށް އިސްތިއުފާ ދޭންޖެހޭނެ އެވެ.
މެމްބަރަކު އިންތިހާބުވި ޕާޓީން އޭނާ ވަކިކޮށްފި ނަމަ އިލެކްޝަންސް ކޮމިޝަނުން އެ މެމްބަރަކު ނިސްބަތްވާ ދާއިރާގައި އެ މެމްބަރު އިތުރަށް ބަހައްޓަން ފެންނަ ނުފެންނަ ވޯޓެއް ނަގަން ޖެހޭނެ އެވެ.
މަޖިލިސް މެންބަރުން އިންތިހާބުވާ ސިޔާސީ ޕާޓީ ބަދަލު ކުރާނަމަ ނުވަތަ އެ ޕާޓީން ވަކިވެއްޖެ ނަމަ މެންބަރުކަން ގެއްލޭ ގޮތަށް ފުރަތަމަ ފާސްކުރީ 18 ވަނަ ރައްޔިތުންގެ މަޖިލީހުގަ އެވެ. އޭރު އެ ގާނޫނު އެކުލަވައިލީ 12 މެންބަރެއްގެ ގޮނޑި ގެއްލޭނެ ގޮތަށް ސުޕްރީމް ކޯޓުން ނެރުނު ހުކުމަކާ ގުޅިގެނެވެ.
ރައްޔިތުންގެ މަޖިލީހުގައި އެންޓި ޑިފެކްޝަން ގާނޫނަކަށް މީގެ ކުރިންވެސް އަމަލުކުރި އެވެ. އެ ގާނޫނުގައިވާ ގޮތުން މެމްބަރަކު ޕާޓީ ބަލަދުކޮށްފިނަމަ ވަގުތުން އޭނާގެ ގޮނޑި ގެއްލޭނެ އެވެ. ނަމަވެސް 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ޕީޕީއެމްއަށް ލިބުނު ނާކާމިޔާބީއަށް ފަހު މަޖިލީހުގެ މެޖޯރިޓީ އިދިކޮޅު ޕާޓީތަކަށް ލިބި އެންޓި ޑިފެކްޝަން ގާނޫނު އުވާލަން ފާސް ކުރި އެވެ. އެންޓި ޑިފެކްޝަން ގާނޫނު އުވާލަން މަޖިލީހުން ފާސް ކުރި ކުރުން ތަސްދީގު ކުރެއްވީ އޭރުގެ ރައީސް އަބްދުﷲ ޔާމީނެވެ.

