ކުނި މެނޭޖުކުރުމުގެ ގައުމީ ޕްރޮގްރާމް "މަގޭ ސާފު ރާއްޖެ"، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު އިފުތިތާހުކޮށްދެއްވައިފިއެވެ.
އެކަމަނާ މި ޕްރޮގްރާމް އިފުތިތާހު ކޮށްދެއްވާފައިވަނީ މިއަދު ހަވީރު އެކަމަށްޓަކައި މާލޭ ވޭސްޓް ޓްރާންސްފަރ ސްޓޭޝަންގައި ކުރިއަށްދިޔަ ރަސްމިއްޔާތުގައެވެ.
މި ރަސްމިއްޔާތުގައި، ތިމާވެއްޓާ ރަށްޓެހި އަދި ދެމެހެއްޓެނިވި ގޮތަށް ކުނި މެނޭޖުކުރުމުގެ ހިދުމަތް ފޯރުކޮށްދިނުމުގައި، އަމިއްލަ ފަރުދުން ބައިވެރިވުމުގެ ފުރުސަތު ހުޅުވާލުން އިޢުލާނުކޮށްފައި ވެއެވެ.
ކުނި މެނޭޖުކުރުމުގެ ޤައުމީ ޕްރޮގްރާމް "މަގޭ ސާފު ރާއްޖެ" އަކީ ހަފްތާ-14 މަގު ޗާޓުގައި ހިމެނޭ "ރަށްރަށުގެ ކުނި މެނޭޖްކުރުމަށް ޤައުމީ މަޝްރޫޢެއްގެ ތާވަލު އެކުލަވާލައި، އިޢުލާނުކޮށް ތަންފީޒުކުރަން ފެށުން" މި ވަޢުދު ތަންފީޒުކުރުމަށްޓަކައި އެކުލަވާލާފައިވާ ޤައުމީ ޕްރޮގްރާމެކެވެ.
މިއަދު ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން އިފުތިތާހުކޮށްދެއްވި "މަގޭ ސާފު ރާއްޖެ" ޕްރޮގްރާމްގެ މައިގަނޑު މަޤްޞަދަކީ ތިމާވެއްޓާ ރައްޓެހި، ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށްގެންދެވޭނެ ކުނި މެނޭޖްކުރުމުގެ ފުރިހަމަ ނިޒާމްތަކެއް ޤާއިމުކުރުމެވެ. އަދި ރަށުން ބޭރުކުރަން ޖެހޭ ކުނި ގެންގޮސް ތިމާވެށްޓާ ރައްޓެހިގޮތެއްގައި ނައްތާލެވޭނެ ސަރަހައްދީ މަރުކަޒުތަކެއް ތަރައްޤީކުރުމާއި، ސަރަހައްދީ މަރުކަޒުތަކާއި ރަށްތަކާ ދެމެދު ކުނި ގެންދެވޭނެ އިންތިޒާމު ހަމަޖެއްސުންވެސް މި ޕްރޮގްރާމުގެ މަޤްޞަދުތަކުގެ ތެރޭގައި ހިމެނެއެވެ. މީގެ އިތުރުން ރަށު ފެންވަރުގައި އަދި ސަރަހައްދީ ފެންވަރުގައި ކުނި ރައްކާތެރި ގޮތެއްގައި މެނޭޖުކުރުމަށް، ތަމްރީން ޕްރޮގްރާމްތަކާއި ހޭލުންތެރިކުރުވުމުގެ ހަރަކާތްތައް ހިންގުންވެސް މި ޕްރޮގްރާމުގެ މަޤްޞަދުތަކުގެ ތެރޭގައި ހިމެނެއެވެ.
މި ރަސްމިއްޔާތުގައި ކުނި ނެގުމަށް ހާއްސަ 48 އުޅަނދެއް ޖަޕާނު ސަރުކާރުގެ ފަރާތުން ވަނީ ދިވެހި ސަރުކާރާ ހަވާލުކޮށް ދެއްވާފައެވެ. ދިވެހި ސަރުކާރުގެ ފަރާތުން މި އުޅަނދުތަކާ ހަވާލުވެވަޑައިގަތީ ތިމާވެއްޓާއި ބެހޭ ތޯރިގް އިބްރާހީމެވެ.

