ކުރިއަށް އޮތް ރޯދަ މަހު ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ބާއްވަން އުޅޭ ނަމަ އިލެކްޝަންސް ކޮމިޝަނުގެ މެންބަރުން މަގާމުން ވަކި ކުރާނެ ކަމުގެ އިޝާރާތެއް އިދިކޮޅު މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީން މިއަދު ދީފި އެވެ.
ގާނޫނުތައް މިހާރު އޮތް ގޮތުން ވެސް ރޯދައިގެ ފަހަށް އިންތިހާބު ފަސް ކުރުމުގެ ޖާގަ އިލެކްޝަންސް ކޮމިޝަނަށް އެބަ އޮތް ކަމަށާއި ރޯދަ މަހު އިންތިހާބު ބާއްވަން އެ ކޮމިޝަނުން ދައްކަނީ ބޭކާރު ހުއްޖަތެއް ކަމަށް އެމްޑީޕީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަޖިލީހުގެ ނައިބު ރައީސް އަހުމަދު ސަލީމް ވިދާޅުވި އެވެ.
“އެހާ ސާފުކޮށް އޮތް ކަމެއްގައި އިލެކްޝަންސް ކޮމިޝަނުން ގާނޫނު އެއީ ސަބަބެއް ކަމަށް ދައްކަވާފައި، އަސްލު ސަބަބެއް ނުވެސް ނެތް މިކަމުގައި، މިކަން ކުރިއަށް ގެންދަވާ ކަމުގައި ވަނީ ނަމަ ދެން އޮތް ގޮތަކީ އަޅުގަނޑުމެންނަށް އެބޭފުޅުންގެ މައްޗަށް އޮތް އިތުބާރު ގެއްލޭކަން ދެއްކުން ދެއްތޯ. އެމަގުން އެކަން ކުރަންވިޔަސް އަޅުގަނޑުމެން އެކަން ކުރާނަން،” ސަލީމް ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ރޯދަ މަހު ބޭއްވުން މަނާ ކުރާ ބިލެއް ވެސް މަޖިލީހުން ވަނީ ފާސްކޮށްފަ އެވެ. ނަމަވެސް ރައީސް ޑރ. މުހައްމަދު މުއިއްޒު އެ ބިލު އަދި ތަސްދީގެއް ނުކުރައްވަ އެވެ.
މަޖިލިސް އިންތިހާބު ރޯދަ މަހާ ދިމާވާތީ، ރޯދަ މަހުގެ 10 ދުވަސް ފަހުން އެ އިންތިހާބު ބާއްވަން ޖެހޭ ގޮތަށް އިންތިހާބުތަކާ ބެހޭ އާންމު ގާނޫނަށް މަޖިލީހުން ގެނައި އިސްލާހު ރައީސް އޮފީހަށް ފޮނުވީ ފެބްރުއަރީ 12، ގަ އެވެ.

