ވިލިމާލޭ ކައިރީ ދެ ލޯންޗެއް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި، ގިނަ ބަޔަކަށް އަނިޔާވެއްޖެ އެވެ.
އެ ސަރަހައްދުގައި ހުރި މީހަކު ބުނި ގޮތުގައި އެ ހާދިސާގައި ލޯންޗުގައި ތިބި ބަޔަކަށް އަނިޔާވެފައިވާ ކަމަށެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އޭގެ ތެރެއިން އެކެއްގެ މޫނު އޮތީ ޗިސްވެފައެވެ.
ފުލުހުން ބުނީ ވިލިމާލޭ ވޯޓާސްޕޯޓް އޭރިއާ އާ ދިމާލުން ކަނޑުމަތިން ދެ ލޯންޗު ޖެހި އެކްސިޑެންޓެއް ހިނގާފައިވާ ކަމުގެ މައުލޫމާތު މިރޭ 8:00 ޖަހަން އުޅެނިކޮށް ލިބިފައިވާ ކަމަށެވެ.
ފުލުހުން ފުރަތަމަ ބުނީ މި ހާދިސާގައި ދެ ދިވެހި ފިރިހެނަކަށް އަނިޔާވެގެން ވިލިމާލެ ހޮސްޕިޓަލުގައި ފަރުވާދެމުންދާ ކަމަށެވެ. އެކަމަކު، ފުލުހުން ފަހުން މައުލޫމާތު ދިން ގޮތުގައި، އެ ހާދިސާގައި އަނިޔާވެގެން ޖުމްލަ 13 މީހަކު ވިލިމާލެ ހޮސްޕިޓަލަށް ގެންދެވުނެވެ.
އޭގެ ތެރޭގައި ތިލަމާލެ ބުރިޖު މަޝްރޫއު ހަވާލުކޮށްފައިވާ އެފްކޮންސް ކުންފުނީގެ 10 މީހަކާއި، އަނަންތާރަ ރިސޯޓުގެ ލޯންޗުގައި ތިބި ތިން މީހަކު ހިމެނޭ ކަމަށް ބުންޏެވެ.
އަނިޔާވި މީހުންގެ ތެރެއިން ހަ މީހަކު މިހާރު ވަނީ އިތުރު ފަރުވާއަށް އައިޖީއެމްއެޗަށް ގެންގޮސްފަ އެވެ.
މި ހާދިސާގައި އެކްސިޑެންޓުވި އެއް ލޯންޗުގެ ބިއްލޫރިގަނޑު ވަނީ ތަޅައިގެން ގޮސްފަ އެވެ. އަދި ދެވަނަ ލޯންޗު އަޑިއަށް ދާ ކަމަށްވެ އެވެ.
އެ ސަރަހައްދުގައި މެރީން ފުލުހުން ހަރަކާތްތެރިވަމުންދާއިރު، އެ ހާދިސާ ހިނގަން މެދުވެރި ގޮތެއް އަދި ސާފެއް ނުވެ އެވެ. އަދި އަނިޔާވި މީހުންނަށް ލިބުނު އަނިޔާތަކުގެ ތަފްސީލެއް ވެސް އަދި ނުލިބެ އެވެ.

