އިންސާނާއަކީ އޭނާގެ ޙަޔާތުގެ ވަގުތުތަކެވެ. އުމުރުން ބައެއް ހިނގައްޖެ ނަމަ އުނިވެގެން އެ ދަނީ އިންސާނާގެ ބައެކެވެ.
ޙަޔާތުގެ ވަގުތުތައް ބޭކާރު ގޮތުގައި ނަގައިލުމަކީ ދެ ދުނިޔޭގެ ގެއްލެނިކަމާއި އަބާއްޖަވެރިކަން ގެނުވާ ކަމެކެވެ. ކުޅިވަރާއި މަޖަލުގައި އުމުރު ހޭދަކޮށްލުމަކީ ދިރިއުޅުމުގެ މަޤްޞަދެއް ނޫނެވެ. އަދި ކިއެއްތަ! މުސްލިމެއްގެ ޙަޔާތުގެ ވަގުތުތަކަކީ ވަރަށް ސާފު ލަނޑުދަނޑިއަކަށް ވާޞިލުވުމަށް ޓަކައި ހެޔޮ ޢަމަލުކުރުމަށް ލިބިފައިވާ ފުރުޞަތެކެވެ. މިއަދު އިންސާނާއަށް އޮތީ ޢަމަލުކުރުމުގެ ފުރުޞަތު ދެއްވާފައެވެ. މާދަމާއަކީ ޢަމަލުތަކުގެ ހިސާބު ބެއްލެވޭނޭ ދުވަހެވެ. އެ ދުވަހުން ހެޔޮ ޢަމަލުކުރުމުގެ ފުރުޞަތެއް ނޯންނާނެއެވެ.
އުޑުތަކާއި ބިމާއި އެ ދެމެދުގައި ވާހާ އެއްޗެއް ޚަލްޤު ކުރެއްވީ ބޭކާރު ގޮތުގައި ނޫންކަން ކީރިތި ޤުރްއާނުގައި މާތް ﷲ ވަނީ އަންގަވާފައެވެ. އަދި ހަމަ އެފަދައިން، ދިރިއުޅުމުގެ ޙަޔާތަކީ ކުޅިވަރެއްކަމުގައި ހަދާ މީހުންގެ ކިބައިން އެއްކިބާވެ ދުރުހެލިވުމަށް ވެސް ވަނީ އަންގަވާފައެވެ. الله تعالى ވަޙީކުރައްވައިފައިވެއެވެ. ﴿وَذَرِ الَّذِينَ اتَّخَذُواْ دِينَهُمْ لَعِباً وَلَهْواً وَغَرَّتْهُمُ الْحَيَاةُ الدُّنْيَا﴾ (الأنعام: ٧٠) މާނައީ: “އެއުރެންގެ ދީނުގެ ކަންތަކަކީ، ކުޅިވަރެއް ކަމުގައްޔާއި، ފޫހިފިލުވުމެއް ކަމުގައި ބަލައިގެން އުޅުނު، އަދި ދުނިޔޭގެ ދިރިއުޅުން އެއުރެން ހެއްލުންތެރިކޮށްފައިވާ މީހުން ކަލޭގެފާނު ދޫކޮށްލައްވާށެވެ!”
މުސްލިމެއްގެ ޙަޔާތުގެ ވަގުތުތަކަކީ އޭނާއަށް ލިބިފައިވާ އެންމެ އަގުބޮޑު ރައުސްމާލެވެ. ފާއިތުވެގެން ހިނގައްޖެ އެންމެ ސިކުންތެއް ވެސް އަނބުރާ ގެނެވޭނޭ ގޮތެއް ނޯންނާނެއެވެ. ވީމާ، ހެޔޮ ޢަމަލު ކުރުމުގައި ހޭދަނުކޮށް ދޫކޮށްލެވިފައިވާ ވަގުތުތަކާ މެދު ޤިޔާމަތް ދުވަހުގައި އިންސާނާ ހިތާމަ ކުރާނެއެވެ.
ކީރިތި ރަސޫލާ صَلَّى اللهُ عَلَيْهِ وَسَلَّم ޙަދީޘް ކުރައްވައިފައިވެއެވެ. “مَا جَلَسَ قَوْمٌ مَجْلِسًا لَمْ يَذْكُرُوا اللَّهَ فِيهِ، وَلَمْ يُصَلُّوا عَلَى نَبِيِّهِمْ، إِلَّا كَانَ عَلَيْهِمْ تِرَةً، فَإِنْ شَاءَ عَذَّبَهُمْ وَإِنْ شَاءَ غَفَرَ لَهُمْ” (رواه الترمذي) މާނައީ: “އެއްވެސް ބަޔަކު މަޖިލީހެއްކޮށް، އެ މަޖިލީހުގައި މާތް ﷲ ހަނދުމަނުކޮށް، އަދި އެބައިމީހުންގެ ނަބިއްޔާ صَلَّى اللهُ عَلَيْهِ وَسَلَّم ގެ މައްޗަށް އެ މަޖިލީހުގައި ޞަލަވާތް ނުކިޔަވައިފި ނަމަ، ހަމަކަށަވަރުން، އެއީ އެބައިމީހުންގެ މައްޗަށް އޮތް އުނިކަމެއް ކަމުގައްޔާއި ހިތާމައެއް ކަމުގައި ނޫނީ ނުވާހުއްޓެވެ! ފަހެ (ﷲ) އެދިވޮޑިގެންފި ނަމަ، އެބައިމީހުންނަށް އަޒާބު ދެއްވައިފާހުއްޓެވެ! އަދި އެއިލާހު އެދިވޮޑިގެންފި ނަމަ ޢަފޫ ކުރައްވައިފާހުއްޓެވެ!”
ވަގުތުގެ ބޭނުން ހެޔޮގޮތުގައި ހިފުމަށް ކީރިތި ޤުރްއާނާއި ސުންނަތުގައި ނުހަނު ބާރު އަޅުއްވައެވެ. އެ ގޮތުން ދިރިއުޅުމުގެ ވަގުތަކުގެ ބޭނުން ހެޔޮ ގޮތުގައި ހިފުމަށް ވަނީ އިރުޝާދު ދެއްވާފައެވެ. މި ދުނިޔެއާ ވަކިވެގެންދާ ކޮންމެ ނަފުސެއްމެ، ފުރާނަ ހިއްޕަވާ ވަގުތުގައި އެދެނީ، އަލުން އެނބުރި ދުނިޔެއަށް ފޮނުއްވުމަށެވެ. އެއީ އެބައިމީހުންނަށް ނުކޮށް ދޫކޮށްލެވިފައިވާ ހެޔޮ ޢަމަލުތައް ކުރުމުގެ އުންމީދުގައެވެ. ވީމާ، ތިބާ މި ދުނިޔެއާ ވަކިވުމުގެ ވަގުތު އައިސް ޖެހުމުގެ ކުރިން މާދަމާއަށް ޓަކައި ހެޔޮ ޢަމަލުކުރުން ގިނަކުރާށެވެ.
މައުލޫމާތު: الشَّيْخ حَسَن مُوسَى فِكْرِي / ދީނުގެމަގު

