ހުކުރު ސުފުރާ އަކީ ކޮންމެ ގެއެއްގައިވެސް ހާއްސަކަމެއްދޭ ސުފުރާއެކެވެ. އެ ސުފުރާ މަތިން މީރު ރަހަ ހެޔޮވަރު ކެއުމެއް އިންސާފުކޮށްލުމަށްފަހު ފޮނި އެއްޗެއް ކާލުމަކީ ހިތަށާއި ބަނޑަށްވެސް ލިބޭނެ އަރާމު ހަމަޖެހުމެއް ކަން ޔަގީނެވެ. އަޖުމަ ބަލާލަން ނިކަން އަވަސް ފަސޭހަ ގޮތަކަށް ތައްޔާރުކޮށްލެވޭ ރެސިޕީއެއް ދޭން ކަމަށް ވިސްނާލީމެވެ.
ބޭނުންވާ ތަކެތި
- 250 އެމްއެލް ފެން
- 1 ދަޅު ގެރިިކިރު ( އަޅުގަނޑު ބޭނުން ކުރީ ޑަބަލް ޕީޗް )
- 1 ބިސް
- 1 ސަމުސާ ތެޔޮ
- ދެއިނގިލިން ނެގޭ ވަރުގެ ކުޑަކުޑަ ލޮނުކޮޅެއް
- 1 ޖޯޑު ފުށް
- ޗޮކްލެޓް ހޫނުކޮށްގެން ދިޔާޗޮކްލެޓަށް ހަދާފައި، ނަޓެއްލާ، ކްރަމްޕީވެސް ބޭނުން ކުރެވޭނެ
- ހިމުންކޮށް ގާނާފައިހުރި ކާށި
- ހިމުންކޮށް ފުޑުކޮށްފައި ހުރި ނަޓްސް(ކެޝޫ، އަލްމަންޑް، ކަނަމަދު،)
- ހިމުންކޮށްފައިހުރި ފޮނިތޮށިކޮޅެއް

ފޮޓޯ: ރެސިޕީޑެޒަލް
ތައްޔާރު ކުރާނެ ގޮތް
ގެރިކިރު ހޫނު ފެނުގައި ކެއްކުމަށްފަހު ތަށްޓަކަށް އަޅާށެވެ. އަދި ތެލާއި ބިސް ލޮނުކޮޅާއެކު ރަނގަޅަށް އެއްކޮށްލާށެވެ. އަދި ފުށް އަޅާލުމަށްފަހު ރަނގަޅަށް އެއްކޮށް ގިރާށެވެ.
ތަވައެއްގައި ތެޔޮފޮދެއް ހޭކުމަށްފަހު މަޑުގިނީގައި ބަހައްޓައިގެން ފެންފޮޅި ފިހާ ގޮތަށް ފޮޅިތަކެއް ފިހެލާށެވެ.
ފޮޅީގައި ޗޮކްލެޓް ހާކާފައި މައްޗަށް ނަޓްސްކޮޅެއް ވިއްސާލާފައި އޮޅާލާށެވެ. ހަމަމިގޮތަށް އެކި ފޮޅީގައި އެކިގޮތަށް އެކަތީގައި ކާށިކޮޅު، އަނެކައްޗަށް ފޮނިތޮށިކޮޅު، އަދި ބޭނުމިއްޔާ ހިމުންކޮށްފައި ހުރި ޗޮކްލެޓްވެސް ވިއްސާލެވޭނެއެވެ. ނޫނީ ހިކިމޭވާ ހިމުންކޮށްފައި އެވެސް ވިއްސާލެވޭނެއެވެ. އަދި ފޮޅިތައް އޮޅާފައި ތަށްޓެެއްގައި ބަހައްޓާށެވެ. މައްޗަށް ޗޮކްލެޓް ސިރަޕްކޮޅެއް އަޅާށެވެ. ދެން ހެނދުނު ނޫނީ ހަވީރުގެ ނާސްތާ އަށް އިންސާފުކޮށްލައްވާށެވެ.

