މާބަނޑު ދުވަސްވަރު ބަނޑުގައި ވައިހެދި، ބަނޑުފުއްޕައި، ވައިބޭރުކުރެވޭ މިންވަރު އިތުރުވުމަކީ ވެދާނެކަމެކެވެ. އާންމުކޮށް މީހަކު ދުވާލެއްގެ މައްޗަށް 4-1 ޕިންޓާއި ދެމެދުގެ މިންވަރަކަށް ގޭސް ބަނޑުގައި އުފައްދާނެ އެވެ. އަދި ދުވާލަކު ގާތްގަނޑަކަށް 23- 14 ފަހަރާއި ދެމެދުގެ މިންވަރަކަށް (އެވްރެޖްކޮށް 18 ފަހަރު ) ވައި ބޭރުކުރާނެ އެވެ. ބައެއް މީހުންނަށް ވައިބޭރުކުރެވޭ ވަގުތު ކޮންމެވެސް ވަރަކަށް ތަދު އިހްސާސް ކުރެވެއެވެ.
މާބަނޑު ދުވަސްވަރު ބަނޑުގައި ވައިހެދެނީ މާބަނޑުވުމުން އިތުރުވާ ޕްރޯޖެސްޓަރޯން ހޯރމޯންގެ ސަބަބުން ގޮހޮރުގެ މަސްތައް ދޫވުމުންނެވެ. މިގޮތަށް ގޮހޮރުގެ މަސްތައް ދޫވެ، ހަމައަކަށް އެޅުމުން، ހަޖަމުކުރުން ލަސްކޮށްލައެވެ. އެހެންވުމުން ކާތަކެތި ގޮހޮރުގައި ހުންނަ ވަގުތު %30 އިތުރުވެގެން ދެއެވެ. މިހެންވުމުން ފަސޭހައިން ބަނޑުގައި ގޭސް އުފެދި، ބަނޑުފުއްޕައި، އަނގައިންނާއި، ފުރަގަހުން ވައިލެވޭގޮތް ވެއެވެ. މާބަނޑުވެ، ވިހަން ކައިރިވެގެން އަންނަ ދުވަސްވަރު ގޭސް އުފެދެން މެދުވެރިވާ ސަބަބަކީ ބޮޑުވަމުން އަންނަ ރަހިމުން، ބަނޑުގެ އެތެރެއަށް ފިއްތުން ކުރިމަތިކުރުވައި، ހަޖަމުކުރުން ލަސްކުރުވާތީ އެވެ. މޭއެންދުން ނުވަތަ މެއިން ދިލަނެގުމާއި، ބަނޑުހަރުވުމަކީ ވެސް މިސަބަބުތަކާހުރެ ދިމާވެދާނެ ކަންކަމެވެ.
ބަނޑުގައި ވައި އުފެދުމުގެ ފުރުޞަތު އިތުރުކުރާ ކާނާގެ ބާވަތްތައް
ބައެއް ކަހަލަ ކާނާ އަކީ އެބާވަތެއް ބޭނުންކުރުމުން ، ގޭސް އުފެދުމުގެ ފުރުޞަތު ބޮޑު ކާނާގެ ބާވަތްތަކެކެވެ. އެފަދަ ބާވަތްތައް ފާހަގަކޮށް އެބާވަތްތައް ބޭނުންކުރުމާ، ދުރުހެލިވުން މުހިއްމެވެ. ގޭސް އުފެއްދުން އިތުރުކުރާ ކާނާގެ ބާވަތްތަކުގެ ތެރޭގައި ހިމެނެނީ :-
ތޮޅީގެ ބާވަތްތައް ، އޮށުގެ ބާވަތްތައް ، ގޮދަނުގެ ބާވަތްތައް ، ބަނބުކެޔޮ ، ކޮލިފްލާވަރު ، ބްރޮކަލ ، ސަތާވަރީ ، ކެބެޖް ، ބުރަސެލް ސްޕްރޫޓްސް ، ޕްރޫންސް ، ކޮފީ ، ކޯލާ ، ކަޅުސައި ، އެނާޖީ ޑްރިންކްގެ ވައްތަރުތައް ، ފިޒީ ޑްރިންކްގެ ވައްތަރުތައް
ބަނޑުގައި ވައިހެދުން ކުޑަކުރުމަށް ކުރެވިދާނެ ކަންތައްތައް
- ބަނޑުގައި އުފެދޭ ވައިގެ އުދަނގުލުން އެއްކޮށް މިންޖުވުމަކީ ވާނެ ކަމެއް ނޫނެވެ. ނަމަވެސް ވައިގެ އުދަނގޫތައް ކުރިމަތިވުން ކުޑަކުރުމަށް މަސައްކަތްކުރެވިދާނެ އެވެ. ބަނޑުގައި ވައި އުފެދުން ކުޑަކުރުމަށް ކުރެވިދާނެ ބައެއް ކަންތައްތައް ތިރީގައި މިވަނީ އެވެ.
- ކާބޯހައިޑްރޭޓް އެކުލެވޭ ބުއިންތައް ބޭނުންކުރުން މަދުކުރުން
- ތެޔޮ އެކުލެވޭ ކާނާ ބޭނުންކުރުން މަދުކުރުން
- އެއްފަހަރާ ގިނައިން ކެއުމުގެ ބަދަލުގައި، ލުއިލުއިކޮށް އިރުއިރުކޮޅާ ކަމުން ގެންދިއުން
- ގިނައިން ދިޔާތަކެތި ބުއިން
- އެކަށޭނަ ވަރަށް ކަސްރަތުކުރުން
- އުނަގަނޑު މައްޗަށް ބާރުކޮށް ހުންނަ އަންނައުނު ނުލުން
- އާޓިފިޝަލް ސްވީޓްނަރސް ބޭނުންކުރުން މަދުކުރުން
- ލަސްލަހުން، ރަގަޅަށް ހަފައިގެން ކެއުން : ރަގަޅަށް ހަފައިގެން ކެއުމަކީ ވައިގެ އުދަނގޫ ކުޑަކުރުމަށް ކުރެވިދާނެ އެންމެ ރަގަޅު އެއްކަންތަކެވެ. ގިނައިން ގޭސް އުފެދެނީ ބަނޑުގައި ހަޖަމުކުރާ އެންޒައިމްތަކުން ހަޖަމުނުކުރެވި ހުންނަ ކާތަކެތި ހަލާކުކުރުމަށް މަސައްކަތްކުރާ ބެކްޓީރިޔާތަކުންނެވެ.
- ދުންފަތުގެ އިސްތިއުމާލުކުރާނަމަ، އެކަމާ ދުރުހެލިވުން

