އިޒްރޭލާއި އެމެރިކާ އަދި އިނގިރޭސިވިލާތާ ގުޅުން ހުރި އުޅަނދުތައް ވަށައިގެންވާ ކަނޑުތަކުގައި ދަތުރުކުރުން މަނާ ކޮށްފައިވާ ކަމަށް ޔަމަނުގެ ހޫތީން ބުނެފިއެވެ.
ހޫތީންގެ ހިއުމެނިޓޭރިއަން އޮޕަރޭޝަންސް ކޯޑިނޭޝަން ސެންޓަރުން ބުރާސްފަތި ދުވަހު އެ ސަރަހައްދުގައި ހިންގާ ޝިޕިން އިންޝުއަރެންސް ކުންފުނިތަކާއި ފާމްތަކުން އެކަން މަނާކުރި ކަމުގެ ރަސްމީ ނޯޓިސް ފޮނުވާފައިވާ ކަމަށް ރޮއިޓާސް ނިއުސް އެޖެންސީން ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ. ރަތް ކަނޑު، ގަލްފް އޮފް އެޑަން އަދި އަރަބި ކަނޑުގެ ސަރަހައްދު ރަސްމީކޮށް މަނާކުރި ކަން ބަޔާންކޮށް ޝިޕިން އިންޑަސްޓްރީއަށް ހޫތީން ދެ ނޯޓިސްއެއް ފޮނުވާފައިވާކަމަށް ރޮއިޓާސް އިން މައުލޫމާތު ދެއެވެ. އޭގެ އަސަރު އިޒްރޭލާއި އެމެރިކާ އަދި އިނގިރޭސި ވިލާތުގެ ހިއްސާ އޮންނަ އަދި އެ މީހުންގެ ދިދައިގެ ދަށުގައި ދަތުރުކުރާ އުޅަނދުފަހަރުތަކަށް ވެސް ކުރާނެއެވެ.
ހޫތީން މި އިންޒާރު ދީފައި ވަނީ ހޫތީންގެ ހަމަލާތަކުގެ ބަދަލުގައި އެމެރިކާ އާއި އިނގިރޭސި ސިފައިން ހަމަލާ ދިނުމުގެ ސަބަބުން ޔޫރަޕާއި އޭޝިއާއާ ދެމެދު އޮންނަ އެންމެ ކުރު ޝިޕިން ރޫޓުގައި ބައިނަލްއަގްވާމީ ވިޔަފާރީގެ މުއާމަލާތްތަކަށް ބުރޫ އަރާފައިވާ ދަނޑިވަޅެއްގަ އެވެ. މިދިޔަ ނޮވެމްބަރު މަހުން ފެށިގެން އީރާނާ ގުޅިފައިވާ ހޫތީން އަންނަނީ އެ ސަރަހައްދުން ދަތުރުކުރާ އުޅަނދުތަކަށް ތަކުރާރުކޮށް ހަމަލާތައް ދެމުންނެވެ. އެ މީހުން ބުނީ މި ހަމަލާތަކަކީ އިސްރާއީލުން ޣައްޒާގައި ހިންގަމުންދާ އަސްކަރީ އޮޕަރޭޝަންތަކަށް ރައްދު ދިނުމުގެ ގޮތުން ދިން ހަމަލާތަކެއް ކަމަށާއި އެ ހަމަލާތަކުގައި ހަތަރު މަސް ދުވަހުގެ ތެރޭގައި ގާތްގަނޑަކަށް 30،000 މީހުން މަރުވެފައިވާ ކަމަށެވެ. އިޒްރޭލުން ހަނގުރާމަ ހުއްޓާލަންދެން ފަލަސްތީނާ އެއްކޮޅަށް ކެމްޕޭންތައް ކުރިއަށް ގެންދާނެ ކަމަށް އެ ފަރާތްތަކުން ވަނީ ބުނެފައެވެ.
މިދިޔަ ބުރާސްފަތި ދުވަހު ހޫތީ ލީޑަރު އަބްދުލްމަލިކް އަލް ހޫތީ ވަނީ އެ ޖަމާއަތުން ދިން ހަމަލާތަކުގައި ސަބްމެރިން ހަތިޔާރު ތައާރަފުކޮށްފައިވާ ކަމަށް ބުނެފައެވެ. ރަތް އަދި އަރަބި ކަނޑުތަކާއި، ބާބް އަލް މަންޑަބް ކަނޑުއޮޅި އާއި ގަލްފް އޮފް އެޑަންގައި ހިންގަމުން އަންނަ އޮޕަރޭޝަންތައް އިތުރުވެ ވަރުގަދަ ވަމުން އަންނަ ކަމަށް އޭނާ އިތުރަށް ބުނެފައި ވެއެވެ. ހޫތީން ވަނީ ވެރިރަށް ސަނާއާއި ޔަމަނުގެ އުތުރުގެ ބޮޑު ބައެއް 2014 ވަނަ އަހަރު އެމީހުންގެ ބާރުގެ ދަށަށް ގެނެސްފައެވެ. ޔަމަނުގެ ސަރުކާރަށް އަސްކަރީ ގޮތުން ސައޫދީ އަރަބިއްޔާއިން ހަދާފައިވާ ކޯލިޝަނުން ތާއީދު ކުރި ނަމަވެސް ހޫތީން ގެންދަނީ އެމީހުންގެ ބާރު ދަމަހައްޓައި، އަސްކަރީ ގޮތުން ވަރުގަދަ ކުރަމުންނެވެ.
ދުނިޔޭގެ ޝިޕިން ޓްރެފިކްގެ ގާތްގަނޑަކަށް 15 އިންސައްތަ ހިއްސާކުރާ މަގެއްގައިހޫތީންގެ ހަމަލާތަކުގެ ސަބަބުން ބައިނަލްއަގްވާމީ ވިޔަފާރިއަށް ބުރޫ އަރައިފިއެވެ ބައެއް ޝިޕިން ކުންފުނިތަކުން ވަނީ އެފްރިކާގެ ދެކުނު ފަރާތު ވަށައިގެން އުޅަނދުތައް ރީޑައިރެކްޓްކޮށް، ޑެލިވަރީ ކުރާ ވަގުތުތައް ލަސްކޮށް، އިތުރު 3،000-3،500 ނޯޓިކަލް މޭލު (5،500-6،500 ކިލޯމީޓަރު) އެ މީހުންގެ ރޫޓަށް އިތުރުކޮށްފަ އެވެ. އެއާއި ގުޅިގެން އެމެރިކާ އާއި އިނގިރޭސި ސިފައިން ވަނީ މިދިޔަ ޖެނުއަރީ މަހު ޔަމަނަށް ވައިގެ ހަމަލާތައް ދޭން ފަށައިފައެވެ. އެމެރިކާއިން ވަނީ ހޫތީންނަކީ ޓެރަރިސްޓް ޖަމާއަތެއްގެ ގޮތުގައި ކަނޑައަޅައިފައެވެ. ނަމަވެސް ހަމަލާތައް މަދުވާނެ ކަމުގެ ނިޝާނެއް ނުފެނެ އެވެ.
މިދިޔަ ބުރާސްފަތި ދުވަހު އެމެރިކާގެ އަސްކަރިއްޔާގެ ސެންޓްރަލް ކޮމާންޑް (ސެންޓްކޮމް) އިން ބުނީ ހޫތީންނާ ދެކޮޅަށް ދިފާއުގައި ހަތަރު ހަމަލާއެއް ދީ، ހަތް އެންޓިޝިޕް ކްރޫޒް މިސައިލާއި މޮބައިލް ބެލިސްޓިކް މިސައިލް ލޯންޗަރަކާއި ހޫތީންގެ ބާރުގެ ދަށުގައި ވާ ޔަމަނުގެ ސަރަހައްދުތަކުން އުފެއްދި ކަމަށް ބުނާ ޑްރޯން އެއް ހަލާކުކޮށްލާފައިވާ ކަމަށެވެ.
ސެންޓްކޮމް އިން ބުނީ ހޫތީންގެ ދެ މިސައިލް ރަތް ކަނޑުގައި އޮތް އިނގިރޭސި ވިލާތުގެ މުދާ އުފުލާ އުޅަނދަކަށް ހަމަލާދިނުމުން އެކަކު ޒަހަމްވެފައިވާ ކަމަށެވެ. އަދި މީގެ ކުރިން އެމެރިކާއިން ވަނީ އެގައުމުގެ ހަނގުރާމަމަތީ އުޅަނދުތަކަށް ކުރިމަތިވެދާނެ ނުރައްކަލެއްގެ ގޮތުގައި ފާހަގަކުރެވިފައިވާ ހޫތީންގެ ހަ ޑްރޯން ވައްޓާލާފައި ކަމަށެވެ.
ފަރަންސޭސި ވިލާތުގެ ކަނޑުގެ އަސްކަރިއްޔާއިން ވަނީ ރަތް ކަނޑުގެ މަތިން ދެ ޑްރޯން ވައްޓާލާފައި ކަމަށް ޑިފެންސް މިނިސްޓްރީން ބުނެއެވެ.
އެ ސަރަހައްދުގައި ދެ ފްރިގޭޓް ހަރަކާތްތެރިވާ ނޭވީން ބުދަ ދުވަހުން ފެށިގެން ބުރާސްފަތި ދުވަހުގެ ނިޔަލަށް ނުރައްކަލެއް އޮތްކަން ދެނެގަނެ ދެ ޑްރޯން ހަލާކުކޮށްލާފައިވާ ކަމަށް އެ އިދާރާއިން ބުންޏެވެ.

