ޚާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ދޭ އެލަވަންސް ބޮޑު ކުރައްވާނެ ކަމުގެ ޔަގީންކަން ރައީސް ޑރ.މުޙައްމަދު މުޢިއްޒު ދެއްވައިފިއެވެ.
ރައީސް މި ޔަގީންކަން ދެއްވީ ސަލްޓަންޕާކުގައި ރޭ ކުރިއަށްދިޔަ "އަހާ" ސިލްސިލާގެ ދެވަނަ ފޯރަމްގައި އާންމު ރައްޔިތަކު ފޯނުން ދެންނެވި ސުވާލުގެ ޖަވާބުގައެވެ.
އޭނާ ސުވާލު ދެންނެވީ ޚާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ދޭ އެލަވަންސް ބޮޑުކުރުމާ ގުޅޭ ގޮތުންނެވެ.
"ޖަވާބަކީ އާނއެކޭ. އެކަން ބޮޑުވެގެންދާނެ އިރާދަކުރެއްވިއްޔާ" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ހަވާސާވެފައިވާ ކޮމިއުނިޓީތަކަށް ޚާއްސަ އިސްކަމެއް ދިނުމަކީ އެމަނިކުފާނު ވަރަށް މުހިންމު ކަމެއް ދެއްވާ ކަމެއް ކަމަށެވެ.
އެގޮތުން ޚާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ދޭ އެލަވަންސް ބޮޑުކުރުމަކީ އެމަނިކުފާނު ކުރައްވަން ނިންމަވާފައި އޮތް ކަމެއް ކަމަށާއި އެހެންނަމަވެސް އެކަން ކުރެވޭނީ ބަޖެޓުގެ ތެރެއިން ޖާާގަ ލިބުނުހައި އަވަހަކަށް ކަމަށް ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން ރައީސް ވިދާޅުވީ އެހީއަށް ބޭނުންވާ މީހުންނަށް ވަރަށް އަވަހަށް ވަޒީފާގެ ފުރުސަތުތައް ހުޅުވިގެންދާނެ ކަމަށެވެ. ރައީސް ވިދާޅުވީ ޚާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ސަރުކާރުގެ ވުޒާރާތަކުންނާއި ކުންފުނިތަކުން ވަޒީފާގެ ފުރުސަތުތައް ފަހިކޮށްދިނުމަށް މީގެ މަހެއްހައި ދުވަސްކުރިން ކެބިނެޓުން ނިންމާފައިވާނެ ކަމަށެވެ.
ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވަޒީފާ ދިނުމުގެ ސިޔާސަތުގެ ދަށުން، އެފަދަ ފަރާތްތަކަށް ވަޒީފާ ހަމަޖެއްސުމުގެ އުސޫލެއް އެކުލަވާ ލެއްވުމަށް ވަޒީރުންގެ މަޖިލީހުގެ ލަފާފުޅާއެކު ރައީސް ނިންމެވީ ޑިސެމްބަރު 17 ގައެވެ.

